ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފީފާ އަށް ދައްކަން ޖެހޭ ފައިސާ ދައްކައި ހަލާސްކޮށްފި އެވެ.

ބިދޭސީ ތިން ކުޅުންތެރިޔަކާއި ކޯޗަށް ދޭން ޖޭހެ ފައިސާގެ ގޮތުގައި ނިއު އިން އިން ވަނީ އެފްއޭއެމް މެދުވެރިކޮށް 215،000 ޑޮލަރު (3.3 މިލިއަން ރުފިޔާ) ދައްކައިފަ އެވެ.

އެ ކްލަބްގެ ޗެއާމަން އަހްމަދު ވާސިފް ވިދާޅުވީ ދިވެހި ކުޅުންތެރިންގެ ތެރެއިން އެފްއޭއެމް އަށް މައްސަލަ ހުށަހަޅައިފައިވާ ކުޅުންތެރިންނާއެކު ސެޓިލްމެންޓް އެގްރިމެންޓަކަށް އެއްބަސް ވެފައިވާ ކަމަށެވެ. ކުޅުންތެރިންނާއެކު ސެޓިލްމެންޓް އެގްރިމެންޓަކަށް އައުމުން، ކުޅުންތެރިން ހުށަހަޅައިފައިވާ މައްސަލަ އެފްއޭއެމުން ނަގާނެ އެވެ. ކުޅުންތެރިންނާއެކު އެއްބަސްވީ ފަހުން ފައިސާ ދައްކާ ގޮތަށެވެ.

ވާސީފް ވިދާޅުވި ގޮތުގައި އެފްއޭއެމަށް މައްސަލަ ހުށަހެޅި 10 ކުޅުންތެރިންގެ ތެރެއިން އަށް ކުޅުންތެރިންނާއެކު ސެޓިލްމެންޓް އެގްރިމެންޓަކަށް މިހާރު ވަނީ ދެވިފަ އެވެ.

ވާސިފް (ކ) އާއި ނިއު ރޭޑިއަންޓްގެ މުއައްސިސް ކުއީން އަހުމަދު ވަހީދު (ވ) --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވާސިފް (ކ) އާއި ނިއު ރޭޑިއަންޓްގެ މުއައްސިސް ކުއީން އަހުމަދު ވަހީދު (ވ) --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ބާކީ ތިބި ދެ ކުޅުންތެރިންނާ ވެސް އަޅުގަނޑުމެން މިދަނީ ވާހަކަ ދައްކަމުން. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކާ އެކު މިރޭ ވެސް ސެޓިލްމެންޓް އެގްރިމެންޓްގައި ސޮއި ކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.

"އެފްއޭއެމްގެ އެކްސްކޯ އަށް ނިއުގެ ސަސްޕެންޝަން އުވާލެވޭ މިންވަރަށް އަންނަ ހަފުތާގައި ދެވޭވަރުވާނެ. އިންޝާﷲ."

މި މަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްއިން ވަނީ ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން އުވާލުމުގެ ބާރު، އެ އެސޯސިއޭޝަންގެ އެކްސްކޯ އަށް ދީފަ އެވެ.

ވާސިފް ވިދާޅުވި ގޮތުގައި އަންނަ ހަފުތާގައި ކްލަބް ލައިސެންސް ފުރިހަމަ ކުރެވޭ މިންވަރަށް ނިއު ރޭޑިއަންޓްގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ފީފާ އަށް މައްސަލަ ގެންދިޔަ ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކު 9000 ޑޮލަރު މާފުކޮށްދިން ކަމަށް ވާސިފް ވިދާޅުވި އެވެ.

ނިއު ރޭޑިއަންޓަށް ކުރިން ކުޅުނު ބިދޭސީ ދެ ކުޅުންތެރިން
ނިއު ރޭޑިއަންޓަށް ކުރިން ކުޅުނު ބިދޭސީ ދެ ކުޅުންތެރިން

"ބިދޭސީ ދެ ކުޅުންތެރިޔަކު އަޅުގަނޑުމެންނަށް އަންގައިފި ތިމަންނަ އަށް ވެސް ފީފާ މެދުވެރިކޮށް ފައިސާ ލިބިއްޖެޔޭ. ފީފާގައި އޮތް މައްސަލަ ނަގަން މިހާރު އެދިފައި ވާނެޔޭ. އަނެއް ކުޅުންތެރިޔާ އާއި ބިދޭސީ ކޯޗަށް ވެސް މިއަދު ވެސް ފީފާ މެދުވެރިކޮށް ފައިސާ ލިބޭނެކަމަށް ވަނީ،" ވާސިފް ވިދާޅުވި އެވެ.

ނިއު ރޭޑިއަންޓުގެ މައްސަލަ ފީފާ އަށް ހުށަހެޅި ކޯޗަކީ 2017 ވަނަ އަހަރު އެ ކްލަބަށް އިރުޝާދު ދިން، ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒް އެވެ. އޭނާ އަށް ފައިސާ ދިނުމަށް އެކި މުހުލަތުތައް ދިނެވެ.

ނިއުގެ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ، އަލީ އަޝްފާގް (ދަގަނޑޭ) އާއި ކީޕަރިު އިމްރާން މުހައްމަދު ވެސް މުސާރައިން ބޮޑު ބައެއް މާފުކޮށްދީފައިވާކަން ވާސިފް ފާހަގަ ކުރެއްވި އެވެ. އަދި ދިވެހި ކުޅޫންތެރިންނާއި ބިދޭސީ ކުޅުންތެރިންނާ މުއާމަލާތް ކުރުމުގައި ކްލަބްގެ ލީގަލް އަލްއުސްތާޒު އަލީ ރަޝީދު އަހްމަދު ވަނީ އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ.