ޖޫނިއާ ބައިގެ ފުރަތަމަ ބުރުގެ ހަތަރުވަނަ ހީޓުގައި ވާދަކުރި ރާޅާއެޅުންތެރިން.-- ފޮޓޯ: އެމްއެސްއޭ
01 ޖުލައި 2022 - 12:40
މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިންތިޒާމުކުރާ އެމްޓީސީސީ ދިވެހި ސާފް ލީގު 2022 ގެ ތިންވަނަ މުބާރާތް، "ހުރާކޮޅު ރާޅުގަނޑު" ނަމުގައި ރ. ކިނޮޅަހުގައި މިއަދު ފަށައިފި އެވެ.
ސާފް ލީގުގެ މިއަހަރުގެ ފުރަތަމަ މުބާރާތް ބޭއްވީ ގދ. ގައްދޫގަ އެވެ. އަދި ދެވަނަ މުބާރާތް ބާއްވާފައި ވަނީ މ. މުލީގަ އެވެ. މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ހުރާކޮޅު ރާޅުގަނޑުގައި ކުރިއަށްދާ މުބާރާތުގެ ފިރިހެން ޖޫނިއާ 22 ސާފަރުން ބައިވެރި ވެފައި ވާއިރު، އޯޕަން ޑިވިޝަނުގައި 28 ރާޅާއެޅުންތެރިން ވާދަ ކުރާނެ އެވެ.
ޖޫނިއާ ބައިން މުބާރާތް ފަށަން އޮތް ފުރަތަމަ ހީޓުގައި ވާދަކުރި ރާޅާއެޅުންތެރިން.-- ފޮޓޯ: އެމްއެސްއޭ
ހުރާކޮޅު ރާޅުގަނޑު މުބާރާތް ފެށީ ޖޫނިއާ ކެޓެގަރީގެ ފުރަތަމަ ބުރުގެ ހީޓްތަކުންނެވެ. ހުރާކޮޅުގައި ވަރަށް ވައި ގަދަވި ދުވަހެއްކަމުން ރާޅުތައް ކުދިވުމުގެ ސަބަބުން، ރާއްޖޭގެ އެކި ހިސާބުތަކުން މުބާރާތުގައި ވާދަކުރަން ކިނޮޅަހަށް އައިސް ތިބި ޒުވާން އެތުލީޓުންނަށް ސްކޯކުރަން އުނދަގޫވި ނަމަވެސް، ރަނގަޅު ރާޅު ސިލެކްޝަންތަކާ އެކު އެވްރެޖުކޮށް ރަނގަޅު ސްކޯތަކެއް ހޯދައިފައި ވެއެވެ.
ފުރަތަމަ ހީޓުގެ އެއްވަނަ ހޯދީ، ގައްދޫ މުބާރާތުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދި ޝަރޫފް ޝާއިރެވެ. ޝަރޫފް ވަނީ އޭނާ ފުރަތަމަ އެޅި ދެ ރާޅުން ޖުމްލަ 9.33 ޕޮއިންޓް ހޯދައިފަ އެވެ. ޝަރޫފް ޖުމްލަ ފަސް ރާޅު އެޅި ނަމަވެސް އޭނާގެ ފުރަތަމަ ދެ ރާޅުގައި ވަނީ 5.50 އަކާއި 3.83 ޕޮއިންޓް ހޯދައިފަ އެވެ. އަދި މި ހީޓުން ދެވަނައަށް ދިޔައީ ޖުމްލަ 4.53 ޕޮއިންޓް ހޯދި ހުސެއިން ޖަލާލެވެ.
މިއަދުގެ ހެނދުނު ދަންފަޅީގެ ދެވަނަ ހީޓުގައި ވާދަކުރި ރާޅާއެޅުންތެރިން.-- ފޮޓޯ: އެމްއެސްއޭ
ދެވަނަ ހީޓުގެ އެއްވަނަ ހޯދީ، ރާޅު ލީގުގެ ދެވަނަ މުބާރާތް؛ މުލީކޮޅުގައި ޖޫނިއާ ޗެމްޕިއަންކަން ހޯދި ޝާނިފް ޝަފީގް އެވެ. ޝާނިފް އަށް ރާޅާ އެޅިއިރު، އެންމެ ރަނގަޅު ދެ ރާޅަށް 4.67 އަދި 5.83 ޕޮއިންޓް ހޯދައިގެން ވަނީ ޖުމްލަ 10.50 ޕޮއިންޓް އެއްކޮށްފަ އެވެ. މިހީޓުގެ ދެވަނައަށް ދިޔައީ ޖުމްލަ ފަސް ޕޮއިންޓް ހޯދި ހަސަން ޔައީޝް އެވެ.
ތިންވަނަ ހީޓު ކާމިޔާބުކުރީ މުޅިން އަލަށް ގައުމީ ލެވެލްގައި ރާޅާއެޅި ށ. ކަނޑިތީމަށް ނިސްބަތްވާ ރައުލް ނިޔާޒެވެ. ރައުލް ވަނީ ފަސް ރާޅާ އަޅާއިގެން، އެންމެ ރަނގަޅު ދެ ރާޅަށް 5.83 އަދި 5.00 ޕޮއިންޓް ހޯދައިގެން، ޖުމަލް 10.83 ޕޮއިންޓް ހޯދައިފަ އެވެ. މި ހީޓްގެ ދެވަނައަށް ދިޔަ މުހައްމަދު އިނާން އަބްދުލް ހަންނާނަށް ލިބުނީ 7.90 ޕޮއިންޓެވެ.
ޖޫނިއާ ފުރަތަމަ ބުރުގެ ތިންވަނަ ހީޓުގައި ވާދަކުރި ރާޅާއެޅުންތެރިން.-- ފޮޓޯ: އެމްއެސްއޭ
ހަތަރުވަނަ ހީޓު ވެސް ކާމިޔާބުކުރީ ކަނޑިތީމުން އައި ރާޅާއެޅުންތެރިއެކެވެ. ކަނޑީތީމަށް ނިސްބަތްވާ އިސްމާއިލް އާސިފް މިހީޓް ކާމިޔާބުކުރީ ޖުމްލަ 8.33 ޕޮއިންޓް ހޯދައިގެންނެވެ. އާސިފްގެ އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ 3.83 ޕޮއިންޓާއި 4.50 ޕޮއިންޓެވެ. މި ހީޓުގެ ދެވަނަ ހޯދީ ފުވައްމުލަކު ސިޓީ އަށް ނިސްބަތްވާ ހައްސާން މުހައްމަދެވެ. ހައްސާން ވަނީ ޖުމްލަ 5.77 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.
ފަސްވަނަ ހީޓް ގެންދިޔައީ 6.17 ޕޮއިންޓް ހޯދައިގެން މުހައްމަދު ޒަޔާން (ޗޮއްޕު) އެވެ. މި ހީޓްގެ ދެވަނައަށް ދިޔަ ލާމިއު އަބްދުލް ހަމީދަށް ލިބުނީ 2.57 ޕޮއިންޓެވެ.
ޖޫނިއާ ކެޓަގަރީގެ ފުރަތަމަ ބުރުގެ ހަތަރުވަނަ ހީޓުގައި ވާދަކުރި ރާޅާއެޅުންތެރިން.-- ފޮޓޯ: އެމްއެސްއޭ
މިއަދުގެ ފުރަތަމަ ބުރުން އެންމެ މަތީ ސްކޯ އެއް ހޯދީ، ފަހު ހީޓު ކާމިޔާބުކުރި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ. ކަޔާން ވަނީ ހަތަރު ރާޅާއަޅައި، ޖުމްލަ 11.17 ޕޮއިންޓް ހޯދައިފަ އެވެ. އޭނާގެ ދެވަނަ ރާޅަށް ފަސް ޕޮއިންޓް ހޯދި އިރު، ފަހު ރާޅަށް ވަނީ 6.17 ޕޮއިންޓް ހޯދައިފަ އެވެ. މި ހީޓްގެ ދެވަނައަށް ދިޔަ އަލޫފް ގާލިބް އަލީ ވަނީ 4.47 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.
މިއާ އެކު ފުރަތަމަ ބުރުގެ ހީޓުތަކުން އެންމެ މަތީ ސްކޯއެއް ހޯދާފައި ވަނީ ކަޔާން އެވެ. އަދި އެއް ރާޅަށް އެންމެ މަތިން ސްކޯ ކޮށްފައި ވަނީ ވެސް ކަޔާން އެވެ.
ޖޫނިއާ ފުރަތަމަ ބުރުގެ ފަހު ހީޓުގައި ވާދަކުރި ރާޅާއެޅުންތެރިން.-- ފޮޓޯ: އެމްއެސްއޭ
ހެނދުނު ދަންފަޅީގައި ވަނީ ޖޫނިއާ ކެޓެގަރީގެ ފުރަތަމަ ބުރުގެ ހަ ހީޓު ވެސް ނިންމާލައިފަ އެވެ. މި ހީޓުތަކުން އެންމެ ރަނގަޅަށް ސްކޯ ކުރި ދެ ރާޅާއެޅުންތެރިން ވަނީ ތިންވަނަ ބުރަށް ހޮވިފަ އެވެ. ބާކީވި އެތުލީޓުން ވާދަކުރާނީ، ދެވަނަ ބުރުގައި (ރެޕޯ ރައުންޑް) ގަ އެވެ. މި ބުރުގެ ތިން ހީޓުގައި އެންމެ ރަނގަޅު ސްކޯ ހޯދާ ދެ ސާފަރުންނަށް ތިންވަނަ ބުރުން ޖާގަ ލިބޭނެއެވެ.
ރެޕޯ ރައުންޑްގެ ފުރަތަމަ ހީޓުގައި ވާދަކުރާނީ، ޔޫސުފް ރަހާއު އާއި މުހައްމަދު އިޝާން އަހުމަދާއި ހުޒައިފާ އިބްނު ހުސެއިން އަދި ޔަސީން އަހުމަދު ނާޝިދެވެ. ދެވަނަ ހީޓާއި ތިންވަނަ ހީޓުގައި ވެސް ހިމެނެނީ ތިން އެތުލީޓެވެ. ދެވަނަ ހީޓުގައި ހުސެއިން ސާއިން އާއި ސައްޔިދު ސަލާހުއްދީން އަދި މުހައްމަދު ސުމަން ވާދަކުރަން ހަމަޖެހިފައި ވާއިރު، ތިންވަނަ ހީޓުގައި ވާދަކުރާނީ، ޝާބިން އަހުމަދާއި އިސްމާއިލް ޒައުލް އަލީ އަދި ރިފާޝް އަހުމަދެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy