އެފްއޭއެމުން ކުރިއަށް ގެންދާ ސެންޓްރަލް ލީގުގެ ގުރޫޕް ބީ ގައި ވާދަކުރާ ގުޅީ ފުޓްބޯޅަ ކުލަބުން 2-0 އިން މާފުށީ ނިއު ސްޓާ ސްޕޯޓްސް ކްލަބް ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފި އެވެ.

ކ. އަތޮޅުގެ ޓިމުތަކުން ވާދަކުރާ މި ގުރޫޕުގެ ފުރަތަމަ މެޗުގައި ގުރައިދޫ ސްޕޯޓްސް ރެކްރިއޭޝަން ކްލަބް އަތުން ގުޅި ވަނި ބަލިވެފަ އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގުޅި އަށް ލީޑު ނަގައިދިނީ މުހައްމަދު ޔަޒީދެވެ. އަދި ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިނީ އިބްރާހިމް ސިމާހެވެ.

މި މެޗުން މޮޅު ވެގެން ހޯދި ތިން ޕޮއިންޓާ އެކު ގުޅި ވަނީ ތިން ޓީމު ވާދަކުރާ ގުރޫޕުގެ ދެ ވަނައަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރި ގުރައިދޫ އެވެ.

ގުރައިދޫ އިން ވަނީ އެ ޓީމުގެ ދެ ވަނަ މެޗުގައި، މިދިޔަ އަންގާރަ ދުވަހު 2-1 އިން ނިއު ސްޓާ ބަލިކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ގުރައިދޫ އިން ވަނީ އެ ޓީމުގެ ދެ ލަނޑު ވެސް ޖަހައިފަ އެވެ. ފުރަތަމަ ލަނޑު 18 ވަނަ މިނިޓުގައި ޖަހައިދިނީ އަނީސް އަލީ އެވެ. އަދި 31 ވަނަ މިނިޓުގައި ދެ ވަނަ ލަނޑު ޖަހައިދިނީ އަނީސްގެ ބަދަލުގައި ކުޅެން އެރި މުހައްމަދު ޝަހީމް އެވެ.

ނިއު ސްޓާ އިން އެ މެޗުގައި ޖެހި ހަމައެކަނި ލަނޑު 85 ވަނަ މިނިޓުގައި ޖަހައިދިނީ، އޭގެ 10 މިނިޓު ކުރިން ކުޅެން އެރި އަހުމަދު ލަމްހަތެވެ.

މިއާ އެކު ކޮންމެ ޓީމަކަށް ވެސް ދެ މެޗު ކުޅެވިފައި ވާއިރު، ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އަދި އެބަ އޮތެވެ.

ސެންޓްރަލް ލީގުގެ ދެ ވަނަ ޑިވިޝަނުގައި ފަސް ގުރޫޕެއް ވާދަކުރާއިރު، ޖުމްލަ އަށް ޓީމަކަށް އެއް ވަނަ ޑިވިޝަނުގެ ފުރުސަތު ލިބޭނެ އެވެ. ކޮންމެ ގުރޫޕަކުން އެއް ވަނަ ހޯދާ ފަސް ޓީމުގެ އިތުރުން ދެން ހޮވޭނީ، ދެ ވަނައަށްދާ ފަސް ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ތިން ޓީމެކެވެ.

މި ގުރޫޕުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ގުޅި އާއި ގުރައިދޫ އެވެ.