ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި ހޮނިހިރު ދުވަހުގެރޭ އެމްޕީއެލް އަތުން 2-1 އިން ފެނަކަ މޮޅުވި މެޗަށް ފަހު ހިނގި މާރާމާރީގައި އެމްޕީއެލްގެ އަލީ ހައިޝަމް (ޗުމްޕު) ގެ ކަނާތުގެ އިނގިއްޔެ ޗިސްވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާޒިރުގައި ކުޅުނު އެ މެޗުގެ ފަހު ކަށިގަނޑު ރެފްރީ ފުމުމާ އެކު ފެނަކައިގެ ކުޅުންތެރިޔަކު ގޮސް ޗުމްޕު ބިންމައްޗަށް ވައްޓާލައި ހަމަލާ ދިނެވެ.

ރައީސް ސޯލިހު ދާދި ކައިރީގައި ހުންނަވަނިކޮށް މާރާމާރީ ހިނގުމާ އެކު، އެމަނިކުފާނުގެ ސެކިއުރިޓީން ވަގުތު އެލާޓްވި އެވެ. އެކަމަކު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެގެން މާރާމާރީ ކޮންޓްރޯލްކުރި އެވެ.

"އޭރު ޗުމްޕު އަށް އޮތީ ވާނެ އެއްޗެއް ވެފައި. ފެނަކަ މޮޅުވެގެން ނިމުނީމަ ވެސް މާރާމާރީ ހިންގީމަ މިއީ ވަރަށް ދެރަވަރު ކަމެއް،" އެތަނުގައި ހުރި މީހަކު ބުންޏެވެ.

ޗުމްޕު މިހާރު އަންނަނީ ހޮސްޕިޓަލުން ފަރުވާ ހޯދަމުންނެވެ. އެމްޕީއެލް އިން އަންނަނީ އޭނާގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އަދި ރާއްޖޭން ބޭރަށް އިތުރަށް ފޮނުވަން ޖެހިއްޖެ ނަމަ އެކަން ކުރަން ވެސް އެ ކުންފުނި އޮތީ ތައްޔާރަށް ކަމަށް އެނގިފައިވެ އެވެ.

ޗުމްޕު އަކީ ފުޓްސަލްގެ އިތުރުން ފުޓްބޯޅައިގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިޔެކެވެ. ނިއު ރޭޑިއަންޓާއި ޔުނައިޓެޑް ވިކްޓްރީ އަށް ކުޅުނު ޗުމްޕު ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ވެސް ހިމެނިފަ އެވެ.

ކްލަބް މޯލްޑިވްސް ކަޕަކީ، ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތެވެ. އަދި ޖުމްލަކޮށް ހުރިހާ ކުޅިވަރެއް އެއްކޮށްގެން ބެލި ނަމަވެސް، 2007 ގައި ފެށި އެ މުބާރާތަކީ ރާއްޖޭގައި މިހާރު ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ. ދޭތެރެ ދޭތެރެއިން ހަމަނުޖެހުން ހިނގި ނަމަވެސް މިއީ އިންތިޒާމު ރަނގަޅު، ގިނަ ބަޔެއްގެ ތައުރީފު ލިބިފައިވާ މުބާރާތެކެވެ.