ލުސެއިލް (ނޮވެމްބަރު 23) - ވޯލްޑް ކަޕް ގައި ސައުދީ އަރަބިއްޔާ އިން އާޖެންޓީނާ ބަލިކުރި މެޗުގައި، ސައުދީގެ ކީޕަރު މުހައްމަދު އަލް އުވައިސް އާއި އެ ޓީމުގެ ޑިފެންޑަރު ޔާސިރު އަލް ޝަހްރާނީއާ ދެ މީހުން އެކަކު އަނެކަކާ މުޑިއަރައި، ޔާސިރަށް ސީރިއަސް އަނިޔާތަކެއް ވަނީ ވެފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި އޭރިއާ ތެރެއަށް ހުރަސްވި ބޯޅައަކަށް ކީޕަރު ފުންމައިގެން އެރި ވަގުތު ޔާސިރަށް އަނިޔާވީ، ކީޕަރުގެ ކަކުލުން އޭނާގެ މޫނުމަތީގައި ޖެހުމުންނެވެ. އަނިޔާއާ ގުޅިގެން އޭނާ ދަނޑުން ބާލަން ޖެހުނީ އަށިގަނޑުގަ އެވެ.

އޭނާ ދަނޑުން ބޭލީ ގިނަ އިރުތަކެއް ވަންދެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު އެވެ.

ދަނޑުން ބޭލުމަށް ފަހު ހެދި ޔާސިރުގެ އެކްސްރޭ ރިޕޯޓުން ދައްކާ ގޮތުގައި އޭނާގެ ދަތްދޮޅި ފަޅައިގެންގޮސް، މޫނުގެ އެއް ފަޅީގެ ކަށިތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އިންޓާނަލް ބްލީޑިންގެ ސަބަބުން އޭނާގެ ސާޖަރީ ވެސް އަވަސް ކުރަން ޖެހެ އެވެ.

ޔާސިރަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން އޭނާގެ ފަރުވާއަށް ޕްރައިވެޓް ޖެޓުގައި ވަގުތުން ޖަރުމަނަށް ފޮނުވަން ސައުދީ އަރަބިއްޔާގެ ވަލީއަހުދު، މުހައްމަދު ބިން ސަލްމާން ވަނީ އިރުޝާދު ދެއްވައިފަ އެވެ.

ވޯލްޑް ކަޕްގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން ފީފާ ރޭންކިންގެ ދެވަނައަށް އެންމެ ދަށުގައި އޮތް ސައުދީ އަރަބިއްޔާ އިން އާޖެންޓީނާ ބަލިކުރީ ފަހަތުން އަރައި 2-1 އިންނެވެ. އެ ކަމުގެ އުފަލުގައި ކިންގް ސަލްމާން ވަނީ މިއަދަކީ އެ ގައުމުގައި ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައިފަ އެވެ.