އަލް ވަކްރާ (ނޮވެމްބަރު 24) - އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރަން 'ވަންލަވް' ބޭންޑް އެޅުމުގެ ހުއްދަ ނުލިބުމުން ޖަރުމަނުން އެ ޓީމުގެ ފުރަތަމަ މެޗު ފެށުމުގެ ކުރިން އަނގަމަތީ އަތް އަޅައިގެން ކުރި ހަޅުތާލު ކޮޕީކުރުމުގެ ބޭނުމެއް ނެތް ކަމަށް ސްވިޒަލެންޑުގެ ކެޕްޓަން ގްރޭނިޓް ޒާކާ ބުނެފި އެވެ.

އެއް ޖިންސުން ގުޅުން ހިންގުމަކީ ހައްގެއް ކަމަށް ބުނެ އެކަމަށް ވަކާލާތު ކުރުމުގެ ގޮތުން ޖަރުމަން ހިމެނޭ ގޮތަށް ޔޫރަޕްގެ ހަތް ގައުމަކުން ވަނީ 'ވަންލަވް' ކެޕްޓަން ބޭންޑް އަޅާނެ ކަމަށް ބުނެފަ އެވެ.

މި ހަތް ގައުމުގެ ތެރޭގައި ސްވިޒަލެންޑް ވެސް ހިމެނެ އެވެ. ސްވިޒަލެންޑާއި ޖަރުމަންގެ އިތުރުން ދެން ހިމެނެނީ ބެލްޖިއަމް، ޑެންމާކު، ނެދަލެންޑްސް، އިންގްލެންޑް އަދި ވޭލްސް އެވެ.

ނަމަވެސް ސްވިޒަލެންޑުން މިހާރު ވަނީ ރާގު ބަދަލުކޮށް، އެ މީހުން ގަތަރަށް އައީ ފުޓުބޯޅަ ކުޅެން ކަމަށާއި، ބަޔަކަށް ފިލާވަޅު ނަގައިދޭން ނޫން ކަމަށް ބުނަން ފަށައިފަ އެވެ.

"ސްވިސް ޓީމު ގެ ގޮތުގައި ތިބެ އެއްވެސް ކަމެއް ކުރަން ޖެހޭ ކަމަށް އަހަރެން ނުދެކެން. އަހަރެމެން ޖެހޭނީ ގަވާއިދުތަކަށް އިހުތިރާމް ކޮށް، ފުޓުބޯޅައަށް ސަމާލުކަން ދޭން، އެއީ އަހަރެން ބޭނުންވާ ކަމަކީ،" އާސެނަލް އަށް ކުޅެމުން އަންނަ 30 އަހަރުގެ މިޑްފީލްޑަރު ބުންޏެވެ.

"އަހަރެމެން އައިސް މިތިބީ ފުޓުބޯޅަ ކުޅެން، ބަޔަކަށް ފިލާވަޅު ނަގައިދޭކަށް ނޫން."

ވޯލްޑް ކަޕް ގައި ސްވިޒަލެންޑް ހިމެނެނީ ކެމަރޫން އާއި ސާބިއާ އަދި ވަރުގަދަ ބްރެޒިލް އާ އެއް ގުރޫޕެއްގަ އެވެ.

ސްވިޒަލެންޑުގެ ފުރަތަމަ މެޗުގައި މިއަދު މެންދުރު 3 ޖަހާއިރު އެޓީމު ނުކުންނާނީ ކެމަރޫނާ ދެކޮޅަށެވެ. ކެމަރޫންގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް، ކުރީގެ މަޝްހޫރު ފޯވާޑް ސެމިއުލް އެޓޫ ވަނީ އެގައުމުން ވޯލްޑް ކަޕަށް ދަނީ މުބާރާތް ކާމިޔާބު ކުރުމުގެ އުންމީދުގައި ކަމަށް ބުނެފަ އެވެ.

އޭނާ ބުނީ މީގެ ކުރިން އެފްރިކާގެ ގައުމުތަކުން ވޯލްޑް ކަޕް ގައި އަސްލު ފެންވަރު ދައްކައި ނުލެވޭ ކަމަށާއި، ނަމަވެސް މިއީ އެކަން ބަދަލުވާނެ އަހަރެއް ކަމަށެވެ. އަދި ކެމަރޫން ވޯލްޑް ކަޕް ނަގާނީ ފައިނަލް ގައި މޮރޮކޯ ބަލިކޯށްފައި ކަމަށް ވެސް އެޓޫ ވަނީ ބުނެފަ އެވެ.

ކެމަރޫންގެ ކޯޗު، ކުރީގެ މަޝްހޫރު ޑިފެންޑަރު ރިގޮބާޓް ސޯންގް ބުނީ، ޓީމު ގަތަރަށް އައިސް ތިބީ 'މިޝަން' އެއްގައި ކަމަށާއި، މޮޅު ވާންވީ ގޮތް ޓީމަށް އެނގޭ ކަމަށެވެ.

މެޗުގެ ސްކޯ ދިމާ ކުރުމުގެ ފުރުސަތު މެޗު ފެށެންދެން "މިހާރު" ގެ ސްކޯ ޕްރެޑިކްޓާގައި ވަނީ ހުޅުވާލައިފަ އެވެ.