ެއެމްބޯލޯ ކެމަރޫން ކޮޅަށް ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
24 ނޮވެމްބަރ 2022 - 17:41
އަލް ވަކްރާ (ނޮވެމްބަރު 24) - ސްވިޒަލެންޑަށް ކުޅޭ ކެމަރޫނަށް އުފަން ފޯވާޑް ބްރީލް އެމްބޯލޯ ޖެހި ހަމައެކަނި ލަނޑާ އެކު 1-0 އިން ކެމަރޫން ބަލިކޮށް، ސްވިޒަލެންޑުން މި އަހަރުގެ ވޯލްޑް ކަޕް މޮޅަކުން ފަށައިފި އެވެ.
ފުރަތަމަ ހާފުގައި މޮޅަށް ކުޅުނު ކެމަރޫން އަށް ވަނީ ލީޑު ނަގަން ވަރަށް ހުސް ފުރުސަތެއް ލިބި ބޭކާރު ވެފަ އެވެ. ކައުންޓާ އެޓޭކެއްގައި ބްރަޔަން އެމްބުއެމޯ ހުސްކޮށް ބޯޅަ ހިފައިގެން އެރި ވަގުތު އަނެއް ފަޅިން އެރިކް މެކްސިމް ޗޮޕޫ މޮޓިން ހުސްވި އެވެ. ނަމަވެސް ޕާސް ނުދީ އެމްބުއެމޯ ފޮނުވާލި ބާރެއް ނެތް ހަމަލާ، ސްވިޒަލެންޑްގެ ގޯލްކީޕަރު އިޔާން ސޮމާ ދިފާއު ކުރި އެވެ.
ފުރަތަމަ ހާފުގައި ކެމަރޫންގެ ގޯލާ އަމާޒުކޮށް ސްވިޒަލެންޑަށް ހަމަލާއެއް ފޮނުވައި ނުލެވުނެވެ. އެހެން ނަމަވެސް ދެވަނަ ހާފު ފެށުނުތާ ތިން މިނިޓު ތެރޭ ސްވިޒަލެންޑުން ވަނީ ލަނޑު ޖަހައިފަ އެވެ.
މެޗުގައި ފެނުނު ހަމައެކަނި ގޯލު، ފްރާންސްގެ މޮނާކޯ އަށް ކުޅޭ އެމްބޯލޯ ޖަހައިދިނީ ޒެންޑެން ޝަގީރީ ތަނަވަސް ކޮށްދިން ފުރުސަތަކުން ގޯލު ކުރިމަތީ ހުސްކޮށް ހުރެ އެއްފަހަރުން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
މިއީ ކެމަރޫނަށް އުފަން އެމްބޯލޯ، 25، ކުޅޭ ދެވަނަ ފީފާ ވޯލްޑް ކަޕެވެ. އަދި ކެމަރޫން ކޮޅަށް ޖެހި ގޯލަކީ ވޯލްޑް ކަޕް މުބާރާތުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. އަދި އުފަން ގައުމަށް އިހުތިރާމް ކުރުމުގެ ގޮތުން ގޯލު ޖެހުމަށް ފަހު އޭނާ އުފާފާޅު ކޮށްފައި ވެސް ނުވެ އެވެ.
އުމުރުން އެންމެ ހަ އަހަރުގައި މަންމަ އާއެކު ސްވިޒަލެންޑަށް ދިރިއުޅުން ބަދަލުކުރި އެމްބޯލޯ، ސްވިޒަލެންޑް ގައުމީ ޓީމަށް ކުޅެން ނިންމީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ފަހު ހާފުގައި ލީޑު ފުޅާ ކުރަން ވެސް ސްވިޒަލެންޑަށް ފުރުސަތު ލިބުނެވެ. ނަމަވެސް ކެމަރޫންގެ ގޯލްކީޕަރު އަންޑްރޭ އޮނާނާ އާއި ޓީމުގެ ޑިފެންޑަރުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ސްވިޒަލެންޑާއި ކެމަރޫން އާއެކު ވޯލްޑް ކަޕްގެ ގުރޫޕް ޖީ ގައި ސާބިއާ އާއި ބްރެޒިލް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިސް
24 November 2022
މިހުރީ ރީތި އަޚުލާގު. ހުޅަނގުގެ މީހުންގެ ހުންނަ ރަނގަޅު ކަންކަން ފާހަކޮށް ކޮޕީކޮށް ވިޔާނުދާ ކަންކަން ދޫކޮއްލަން ވެއްޖެ. އެކަމަކު އަހަރެމެންނަށް ވާ ގޮޮތަކީ ރީތި ލޭބަލްގަ ގިިރިޓީކޮއްފަ ފަތުރާ ނުބައި ފާފަތަށް ކަމުދަނީ.