މެކްސިކޯ ގޮވައިގެން މި އަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލި އާޖެންޓީނާ ކޯޗު މާޓީނޯ ރޭގެ މެޗުގައި.-- ފޮޓޯ: އޭއެފްޕީ
27 ނޮވެމްބަރ 2022 - 09:55
ލުސެއިލް (ނޮވެމްބަރު 27) - ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ގިނަ ގޯލުތަކެއް ޖަހަން އުއްމީދު ކުރާ ކަމަށް މެކްސިކޯގެ ކޯޗު ޖެރާޑޯ މާޓީނޯ ބުނެފި އެވެ.
މެކްސިކޯގެ ކޯޗު މިހެން ބުނީ އާޖެންޓީނާ އަތުން ރޭ 2-0 އިން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ. އާޖެންޓީނާ އަތުން ބަލިވި މެޗަށް ފަހު މެކްސިކޯ އޮތީ އެންމެ ޕޮއިންޓަކާ އެކު ގުރޫޕް ސީ ގެ ފުލުގަ އެވެ.
ގުރޫޕްގެ އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ ޕޮލެންޑެވެ. ތިން ޕޮއިންޓާ އެކު އާޖެންޓީނާ ދެ ވަނައިގައި އޮތް އިރު، ގޯލުގެ ތަފާތުން ތިން ވަނައިގައި އޮތީ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިފައިވާ ސައުދީ އަރަބިއްޔާ އެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޮލެންޑަށް އާޖެންޓީނާ ބަލި ނުކުރެވިއްޖެ ނަމަ، މެކްސިކޯ ދެވަނަ ބުރަށް ދާން ސައުދީ އަރަބިއްޔާ ކައިރިން މަދުވެގެން ހަތަރު ގޯލުގެ ތަފާތަކުން މޮޅުވާން މަޖުބޫރެވެ.
"އަހަރެމެންނަށް ފުރުސަތެއް ލިބިފައި އޮތް އިރު، އެކަން ހާސިލް ކުރަން މަސައްކަތް ކުރަން އެބަ ޖެހޭ. ސައުދީ އަރަބިއްޔާ އިން ވެސް ގޯލުތަކެއް ޖަހަން މަސައްކަތް ކުރަން ޖެހޭ، އަހަރެމެންނަށް ވެސް އޮތީ އެގޮތަށް މަސައްކަތް ކުރުން،" އާޖެންޓީނާ އަށް އުފަން ކޯޗު ބުންޏެވެ.
ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް މެކްސިކޯ އަށް އަދި ގޯލެއް ނުޖެހެ އެވެ. އާޖެންޓީނާ އަތުން ރޭ 2-0 އިން ބަލި ވެފައި ވާއިރު، ފުރަތަމަ މެޗުގައި ޕޮލެންޑާ އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.
ކޯޗިން އަށް ނުކުތުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން މިޑްފީލްޑަރަކަށް ކުޅުނު މެކްސިކޯގެ ކޯޗު މާޓީނޯ ވަނީ އޭނާގެ ކެރިއަރުގައި އާޖެންޓީނާގެ ގައުމީ ޓީމަށް އެއް މެޗު ކުޅެދީފަ އެވެ. އަދި ކްލަބް ލެވެލް ގައި ގިނަ ދުވަސްތަކެއް ހޭދަކުރީ ލިއޮނެލް މެސީ އެ ކްލަބެއްގައި ކުޅެން ފެށި ނެވެލްސް އޯލްޑް ބޯއީސް ގަ އެވެ.
އޭނާ ވަނީ މެސީގެ އާޖެންޓީނާ ގޮވައިގެން 2015 އަދި 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލަށް ދަތުރު ކޮށްފަ އެވެ. އޭގެ ކުރިން އޭނާ މެސީ އަށް އެއް ސީޒަން ބާސެލޯނާގައި ވެސް ކޯޗު ކޮށްދިނެވެ.
މިއީ ވޯލްޑް ކަޕް މުބާރާތެއްގައި މާޓީނޯގެ ދެ ވަނަ ތަޖުރިބާ އެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ޕެރަގުއާއީ ގޮވައިގެން ދެކުނު އެފްރިކާ ގައި ބޭއްވި މުބާރާތުގައި ވާދަ ކޮށްފަ އެވެ. އެ އަހަރު ޕެރަގުއާއީ ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންދީ
27 November 2022
ދެޓީމު ކުޅޭ ސްޓައިލައް ބަލާެއިރު ދާދި އެއްގޮތަކަށް ކުޅުމުގެ ސްޓައިލް ހުރީ އެހެންވީމަ 4ލަޑު ސައުދީ ކޮޅައް ޖެހުމަށްވުރެ ކައިރީ 2-1 ސައުދީ މޮޅުވުން ...