މިދިޔަ އަހަރު ބޭއްވި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ނިއު ކުޅުނު މެޗެއްގައި އެ ޓީމުގެ ސަޕޯޓަރުން އެ ޓީމުގެ ކުޅުންތެރިޔަކާ ސަލާމް ކުރަނީ: ނިއުގެ އެކަޑަމީ މާޗް މަހު 20 ރަށެއްގައި ފެށުމަށް ވަނީ ތައްޔާރު ވެފަ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
24 ޖެނުއަރީ 2023 - 10:50
ނިއު ރޭޑިއަންޓުގެ އެކަޑަމީތައް ރަށްރަށުގައި ގާއިމުކުރަން ހުޅުވާލުމުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ސަސްޕެންޝަންގައި ތިން އަހަރު ވޭތުކުރުމަށް ފަހު މިދިޔަ އަހަރު އަދަބުން ސަލާމަތްވެ އަލުން ހަރަކާތްތެރިވާން ފަށައިފައިވާ ކްލަބްގެ އޮފިޝަލް ވިދާޅުވީ އެކަޑަމީ ގާއިމުކުރަން ހުޅުވާލުމުން 70 ވަރަކަށް ރަށަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ.
"އޭގެެ ތެރެއިން 49 ވަރަކަށް ރަށެއް ޝޯޓްލިސްޓް ކުރީ،" އޭނާ ވިދާޅުވި އެވެ.
މާޗް މަހު 20 ރަށެއްގައި އެކަޑަމީ ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަޑަމީ އަށް ކުދިން ވެއްދުމަށް ބައެއް ރަށްރަށުން މިހާރު ވެސް ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން 11 ރަށަކުން މިހާރު ވެސް އެކަޑަމީ އަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލައިފައިވާކަން އޭނާ ފާހަގަކުރި އެވެ.
"ގާތްގަނޑަކަށް 24 އަށް ރަށުގައި އެކަޑަމީ ފެށިދާނެ. އެކަމަކު އަޅުގަނޑުމެންގެ ކްރައިޓީރިއާއެއް އެބައޮތް. ކޮންމެ ރަށަކުން މަދުވެގެން 50 ކުދިން ލިބޭ ކަމަށްވަންޏާ އަޅުގަނޑުމެން އެކަޑަމީ ހިންގާނީ. މާޗް މަހު 20 ރަށެއްގައި އެކަޑަމީ ފެށޭވަރުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އެކަޑަމީ އަށް 100 އާއި 150 ކުދިން ހަމަވާ ރަށްރަށަށް މިސްރުގެ ކޯޗަކު ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކްލަބުން ބުންޏެވެ. އަދި އެ ރަށްރަށުން ވެސް އެކަޑަމީގައި މަސައްކަތް ކުރަން ކޯޗުން ހަމަޖައްސާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ކްލަބްގެ އޮފިޝަލް ވިދާޅުވީ އެކަޑަމީ ފަށާ ރަށްރަށުގައި ނިއުގެ ފޭން ކްލަބް ހެދުމުގެ ވިސްނުން ވެސް ގެންގުޅެމުންދާ ކަމަށެވެ. ފޭން ކްލަބްގެ އިސް ދެ މަގާމު ފުރާ މެންބަރުންނަކީ ނިއުގެ މެންބާޝިޕްގައި "ވައިޓް ކެޓަގަރީގެ މެންބަރަކަށް" ވާން ޖެހޭނެ ކަމަށް އެ ކްލަބުން ބުންޏެވެ.
"ވައިޓް" ކެޓަގަރީގެ މެންބަރުންނަކީ ކޮންމެ މަހަކު ކްލަބަށް ޗަންދާ ދައްކާ މެންބަރުންގެ ކެޓަގަރީ އެވެ.
ހއ. އިހަވަންދޫ، ށ. ފުނަދޫ، ރ. އުނގޫފާރު، ރ. މަޑުއްވަރީ، ޅ. ނައިފަރު، ޅ. ކުރެންދޫ، ކ. ދިއްފުށި، ކ. ތުލުސްދޫ، މ. މުލި، މ. މުލަކު، ފ. ފީއަލީ، ފ. މަގޫދޫ، ދ. މީދޫ، ތ. ދިޔަމިގިލި، ތ. ގުރައިދޫ، ލ. އިސްދޫ، ގދ. ވާދޫ، ގދ. ފިޔޯރީ، ގދ. މަޑަވެލި، ގދ. ގައްދޫ، ގަދ. ތިނަދޫ އަދި ސ. މަރަދޫ
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމައުދީ
24 January 2023
އެކެޑަމީ ތައް ހަދައިގެން ކުރަނީ ވިޔަފާރި ހާއްސަކޮއް ބާސްކެޓުން ކުޅިވަރުން
ވިސްނާށޭ
24 January 2023
ކޮބާ މައްސަލަ އަކީ؟ ދެމެ ހެއްޓެނިވި ގޮތަކަށް ކުލަބުތަކުގެ މާލީ ކަންތަކާއި، ވިޔަފާރީގެ މޮޑެލް އެއް ނެތިގެން ދިވެހި ކުލަބުތައް އިދަޖެހެނީ. ވީމާ ނިއު އިން އަދިކިރިޔާ މިކަންތައްތައް ކުރަންޖެހޭ ގޮތަށް ކުރަން އެފެށީ.