ބޭލް، ވޭލްސް ގައުމީ ޓީމާ އެކު "ވޭލްސް. ގޮލްފް. މެޑްރިޑް. މި ތަރުތީބުން" ޖަހާފައިވާ ވޭލްސްގެ ދިދައެއް ހިފައިގެން އުފާފާލު ކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް
25 ޖެނުއަރީ 2023 - 12:14
މި މަހުގެ ކުރީކޮޅު ފުޓުބޯޅަ ކުޅުން ހުއްޓާލި ވޭލްސް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ގެރެތު ބޭލް، ގޮލްފު ޓުއާ ގައި ވާދަކުރަން ނިންމާފައި ވާކަން ހާމަކޮށްފި އެވެ.
އުމުރުން 33 އަހަރުގެ ބޭލް އޭނާގެ ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުން، 2022/2023 ގެ ޕްރޮފެޝަނަލް ގޮލްފް ޓުއާސް (ޕީޖީއޭ ޓުއާ) ގެ ތެރެއިން އަންނަ މަހު ކެލިފޯނިއާ ގައި ބާއްވާ 'އޭޓީ އެންޑް ޓީ ޕެބްލް ބީޗް ޕްރޯ-އެމް' ގައި ވާދަ ކުރަން ވަނީ ނިންމައިފަ އެވެ.
"އުފަލާ އެކު އިއުލާން ކުރަން، އަންނަ މަހުގެ ކުރީކޮޅު ފަށާ އޭޓީ އެންޑް ޓީ ޕެބްލް ބީޗް ޕްރީ-އެމް މުބާރާތުގައި އަހަރެން ކުޅެން،" ގޮލްފް ކުޅެމުން ނަގާފައިވާ ފޮޓޮއަކާއެކު އޭނާ ހިއްސާކުރި ޕޯސްޓެއްގައިވެ އެވެ.
ބޭލް އަކީ ވޭލްސްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދީ، އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑާ އެކު ބޭލް ވަނީ ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. ކުލަބާ އެކު އޭނާގެ ގުޅުން ހީނަރުވާން ފެށީ 2019 ވަނަ އަހަރު ވޭލްސް އާއެކު ކުޅުނު ޔޫރޯ ކޮލިފައިންގެ ފަހު މެޗުގައި 2-0 އިން ހަންގޭރީ ބަލިކޮށް މުބާރާތަށް ކޮލިފައިވެ، އޭނާ އުފާފާލުކުރަން ގެންގުޅުނު ވޭލްސްގެ ދިދައިގައި ލިޔެފައިވާ އިބާރާތްކޮޅުގެ ސަބަބުންނެވެ.
ޔޫރޯ މުބާރާތަށް ވޭލްސް ކޮލިފައި ވުމުން އުފާފާޅުކުރަން ބޭލް ގެންގުޅުނު ދިދައިގައި ވަނީ، "ވޭލްސް. ގޮލްފް. މެޑްރިޑް. މި ތަރުތީބުން" އެވެ.
އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާ އިން 2013 ވަނަ އަހަރު ރެއާލް މެޑްރިޑުން ބޭލް ގަތީ އޭރުގެ ރެކޯޑް އަގެއް ކަމަށްވާ 100.8 މިލިއަން ޔޫރޯ އަށެވެ. އޭނާ ކުލުން ހުއްޓާލީ މިދިޔަ ސީޒަނަށް ފަހު ރެއާލް ދޫކޮށް، އެމެރިކާގެ ލޮސް އެންޖެލެސް އަށް ހަ މަސްދުވަހު ކުޅެފަ އެވެ.
ޕެބްލް ބީޗް ގޮލްފް މުބާރާތުގައި ބޭލް އާއެކު 156 އެމެޗާ ކުޅުންތެރިން ވާދަކުރާނެ އެވެ. އަދި ހަމަ އެ އަދަދަށް ޕްރޮފެޝަނަލް ކުޅުންތެރިން ވެސް މުބާރާތުގައި ވާދަ ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy