އެމެރިކާގައި ފުޓްބޯޅައިގެ ތަމްރީން ހެދުމުގެ ފުރުސަތު ދިވެހި އަންހެން ކުދިންނަށް ސްޕޯޓްސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ މިއީ ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ އާއި އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓްސް އޮފް ސްޕޯޓްސް ޑިޕްލޮމެސީ އަދި އެފް.އެޗް.އައި360 އިން ގުޅިގެން ހޯދައިދޭ ފުރުސަތެއް ކަމަށެވެ.

އުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ހުޅުވާލާފައިވާ މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ރާއްޖޭގައި ދިރިއުޅޭ، ފުޓްބޯޅައިގެ ހުނަރު ހުރި އެކަމަކު ގައުމީ ފެންވަރުގައި އެއްވެސް ޓީމަކަށް ކުޅެފައިނުވާ ކުޅުންތެރިންނަށެވެ.

"މީގެ މަގުސަދަކީ ފުޓްބޯޅަކުޅުމަށް ފުރުސަތުތައް ތަނަވަސްވެފައިނުވާ، އަންހެންކުދިން ބާރުވެރި ކުރުވުމެވެ،" މިނިސްޓްރީން ބުންޏެވެ.

ޖޫން އާއި ޖުލައި މަހު އޮންނަ މި ޕްރޮގްރާމުން ފަސް ކުދިންނަށް ފުރުސަތު ދޭން ހަމަޖެހިފައިވެ އެވެ. މިނިސްޓްރީން ވަނީ ބައިވެރިވާން ބޭނުންވާ ކުދިން އިދާރީ ލިޔުންތަކާ އެކު، އެ ކުޅުންތެރިން ހުނަރު ދެނެގަނެވޭނެ ފަސް މިނެޓުގެ ވީޑިއޯ ކްލިޕަކާ އެކު، އަންނަ އަންގާރަ ދުވަހު މެންދުރުފަހު 12 ޖެހުމުގެ ކުރިން މިނިސްޓްރީ އަށް ހުށަހަޅަން ނުވަތަ އީމެއިލްކުރަން އެދިފަ އެވެ.

މި ޕްރޮގްރާމަށް ކުރިމަތިލާ ކުދިންގެ ތެރެއިން ފުރުސަތު ދޭނީ އިންޓަވިއު އިންނާއި ވީޑިއޯ ކްލިޕުން ހުނަރު ވަޒަންކުރުމަށް ފަހު އެންމެ މަތިން މާކްސް ލިބޭ ކުދިންނަށެވެ.

އެމެރިކާ އަކީ އަންހެނުންގެ ފުޓްބޯޅައިގައި ދުނިޔޭގެ އެންމެ ވަރުގަދަ ގައުމެކެވެ. އެމެރިކާ އިން ވަނީ އަންހެން ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި އެ ގައުމުގައި ފިރިހެނުންގެ ފުޓްބޯޅަ ވެސް މިހާރު އަންނަނީ މަގުބޫލުވެ، ވަރުގަދަވަމުންނެވެ.