ކުޅިވަރު / މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަން

މޯލްޑިވްސް ޕްރޯ އޮގަސްޓުގައި، ގައުމީ ލީގު ތިން ސަރަހައްދެއްގައި

މިދިޔަ އަހަރުގެ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް ގައި ކުޑަ އައްޔަ.-- ފޮޓޯ: އެމްބީބީއޭ

24 މާޗް 2023 - 18:03

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ބާއްވާ މިއަހަރުގެ ގައުމީ ބޮޑީބޯޑިން ލީގު މާލޭގެ އިތުރުން ފުވައްމުލައް ސިޓީ އާއި ކ. ތުލުސްދޫގައި ބާއްވަން ނިންމާފައި ވާއިރު، އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާ ގައި ހިމެނޭ މޯލްޑިވްސް ޕްރޯ މުބާރާތް އޮގަސްޓް މަހުގެ 3-12 އަށް ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ.

އެމްބީބީއޭގެ އަހަރުގެ ކަލަންޑަރު އަންގާރަ ދުވަހު އާއްމު ކޮށްފައި ވާއިރު ގައުމީ ލީގުގައި މި އަހަރު ހަތަރު މުބާރާތެއް ހިމަނައިފައިވެ އެވެ.

ގައުމީ ލީގުގެ ފެށުން އޮތީ މެއި މަހުގެ 5-13 އަށް މާލޭގައި ކުރިއަށް ގެންދާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުންނެވެ. އެއަށް ފަހު ދެ ވަނަ މުބާރާތަކަށް އޮތީ ޖޫން 21-30 އަށް ޏ. ފުވައްމުލަކުގައި ބާއްވަން ހަމަޖެހިފައިވާ ފުވައްމުލަކު ބޮޑީބޯޑިން ޗެލެންޖެވެ. ސެޕްޓެމްބަރު 8-16 އަށް ރާނދަ ބޮޑީބޯޑިން ޗެލެންޖް ނަމުގައި ލީގުގެ ތިން ވަނަ މުބާރާތް ބާއްވަނީ ތުލުސްދޫގަ އެވެ. ފަހު މުބާރާތަކީ މާލޭގައި އޮކްޓޫބަރު މަހުގެ 5-14 އަށް ބާއްވާ ގައުމީ ބަނޑުފިލާ ޗެލެންޖެވެ.

މިދިޔަ އަހަރުގެ އެމްބީބީއޭ ކަލަންޑަރުގައި ހަ މުބާރާތް ހިމެނި އެވެ. އެއީ ބުރުނު ޝިކާރު، ބަނޑުފިލާ ޗެލެންޖް، ލަބޭރާ ބޮޑީބޯޑިން ޗެލެންޖް، ސުލްޓާން އޮފް ތަނބުރުދޫ، އަދަހުކުރު ގޮންޖެހުން އަދި މުލަ ބޮޑީބޯޑިން ޗެލެންޖް އެވެ. ނަމަވެސް ކަލަންޑަރުގައި ހިމަނައިފައި ނެތް "މޯލްޑިވްސް ޕްރޯ" ބައިނަލްއަގުވާމީ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތާ އެކު މިދިޔަ އަހަރު ބޭއްވުނީ ދެ މުބާރާތެކެވެ. މިއާ އެކު މޯލްޑިވްސް ޕްރޯ މުބާރާތަށް އެތުލީޓުން ހޮވުމަށާއި ގައުމީ ސްކޮޑް ވެސް އެކުލަވާލުމުގެ ގޮތުން މޯލްޑިވްސް ޕްރޯ ޓްރަޔަލްސް އެއް ބޭއްވި އެވެ. މި ޓްރަޔަލްސް އިން ގައުމީ ބޮޑީބޯޑިން ލީގަށް ޕޮއިންޓް ވެސް ގުނާފައިވެ އެވެ.

މިދިޔަ އަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. އަދި ޖޫނިއާ ޗެމްޕިއަންކަން ހޯދައިފައި ވަނީ އާމިން އުމަރު މޫސާ އެވެ. މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯ ގެ ފިރިހެން އޯޕަން ބައިގެ ކުއާޓާ ފައިނަލް އަދި ޑްރޮޕް ނީ ވައިގެ ސެމީ ފައިނަލާ ހަމައަށް ކުޑަ އައްޔަ ދަތުރު ކޮށްފައި ވާއިރު، އާމިން ވަނީ ޖޫނިއާ ބައިގެ ފައިނަލް ގައި ވާދަ ކޮށްފަ އެވެ.

މިދިޔަ އަހަރުގެ ކާމިޔާބު އިވެންޓަށް ފަހު މި އަހަރުގެ އައިބީސީ ޓުއާ ގައި ވެސް "މޯލްޑިވްސް ޕްރޯ" ވަނީ ހިމަނައިފަ އެވެ. މި އަހަރުގެ މުބާރާތް ރާއްޖޭގައި އޮންނާނީ އޮގަސްޓް މަހުގެ 3-12 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގަ އެވެ.

"ހުދު ފޮނު" ނަމުގައި ވައިޑީޕީ ޕްރޮގްރާމެއް އަށް ރަށެއްގައި

އެމްބީބީއޭ އިން ވަނީ މި އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑީބޯޑީން އަށް ޝައުގުވެރިވާ ޒުވާނުން ތަމްރީނު ކުރުމަށް "ހުދު ފޮނު" ނަމުގައި ހާއްސަ ޕްރޮގުރާމެއް ވެސް ކުރިއަށް ގެންދަން ނިންމައިފަ އެވެ. މި ޕްރޮގުރާމް އަށް ރަށެއްގައި ކުރިއަށް ގެންދާނެ އެވެ.

ހުދު ފޮނު ޕްރޮގުރާމް އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި ވަނީ ބުރުނު ޝިކާރަށް ފަހު މެއި 18-20 އަށް ށ. ކަނޑިތީމުގަ އެވެ. އެއަށް ފަހު މެއި 25-17 އަށް ނ. ޅޮހި ގައި މި ޕްރޮގުރާމް ކުރިއަށް ގެންގޮސް، ފުވައްމުލަކު ބޮޑީބޯޑިން ޗެލެންޖްގެ ކުރިން ޖޫން 1-3 އަށް ބ. މާޅޮސް އަދި ޖޫން 16-18 އަށް ފުވައްމުލަކު ސިޓީ ގައި ހުދު ފޮނު ޕްރޮގުރާމް ކުރިއަށް ގެންދާނެ އެވެ.

ޖުލައި މަހުގެ 28 އަދި 29 ވަނަ ދުވަހު މާލޭގައި މި ޕްރޮގްރާމްގެ ބައެއް ކުރިއަށް ގެންދިޔުމަށް ފަހު ސެޕްޓެމްބަރު 3-5 އަށް ކުރިއަށް ގެންދާނީ ކ. ތުލުސްދޫގަ އެވެ. އަދި ގައުމީ ބަނޑުފިލާ ޗެލެންޖަށް ފަހު އޮކްޓޫބަރު 26-28 އަށް ދ. ކުޑަހުވަދޫ ގައި ހުދު ފޮނު ޕްރޮގުރާމް ކުރިއަށް ގެންގޮސް، ފަހު ޕްރޮގުރާމް އޮތީ ނޮވެމްބަރު 9-11 އަށް ތ. ހިރިލަންދޫގަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454