ޔޫއީ ރޫބީ ކުޅުނު މެޗެއްގައި މިރާޝް.-- ފޮޓޯ: ޔޫއީ ރޫބީ
28 މެއި 2023 - 14:57
ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ޒުވާން ފޯވާޑް މުހައްމަދު މިރާޝް އިމްތިޔާޒް (އާޝް) ކުޅެމުން އަންނަ ސްޕެއިންގެ ރީޖަނަލް ލީގުގެ ކްލަބް ޔޫއީ ރޫބީ، އަންނަ ސީޒަންގެ ކޮޕަ ޑެލް ރޭ (ސްޕެނިޝް ކަޕް) އަށް ކޮލިފައި ވެއްޖެ އެވެ.
ރޫބީ އިން މި ސީޒަން ނިންމާލީ އެ ޓީމު ކުޅެމުން އަންނަ ކެޓަލޫނިއާ ރީޖަންގެ އެއްވަނަ ޑިވިޝަނުގައި ވާދަކުރާ ގުރޫޕުގެ ދެވަނައިގަ އެވެ. އެއްވަނަ ނުހޯދުނަސް އެ ޓީމު ސްޕެއިންގެ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވީ 16 ޓީމު ހިމެނޭ ތިން ގުރޫޕުން ދެވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެންނެވެ.
ކޮޕަ ޑެލް ރޭ ކުޅެވޭނީ ސްޕެއިންގެ ލީގު ސިސްޓަމްގެ އެންމެ މަތީ ފަސް ޑިވިޝަންގެ އިތުރުން ހަވަނަ ޑިވިޝަނުން އެންމެ ނަތީޖާ ރަނގަޅު ކްލަބްތަކަށެވެ. ރޫބީ އަށް ކޮޕަ ޑެލް ރޭ އިން ފުރުސަތު ލިބުނަސް، ގުރޫޕްގެ ޗެމްޕިއަންކަން ނުލިބުމުން އަންނަ ސީޒަނުގެ ސްޕެއިންގެ ފަސްވަނަ ޑިވިޝަނުން އެ ޓީމަށް ފުރުސަތެއް ނުލިބުނެވެ.
އިސްކަންދަރު ސްކޫލްގެ ޖޫނިއާ ޓީމުން ފާހަގަވި މިރާޝް 23، އެންމެ ފުރަތަމަ ފުޓްބޯޅައިގެ ތަމްރީނުތައް ފެށީ ރާއްޖޭގެ އާލީ ޓަޗް ފުޓްބޯޅަ އެކަޑަމީ (އީޓީއެފްއޭ) އިންނެވެ. އޭނާ ވަނީ ބާސެލޯނާ އަށް ނިސްބަތްވާ ޔޫއީ ކޯނެލާގެ އެކަޑަމީގައި ތަމްރީނު ހަދައި ސްޕެއިންގެ ޔޫތު މުބާރާތްތަކުގައި ކުޅެފަ އެވެ. މިރާޝް، ރޫބީ އަށް ކުޅެން ފެށީ 2021/2022 ސީޒަންގަ އެވެ. އޭނާ ސީނިއާ ކްލަބް ކެރިއަރު ފެށީ 2019/2020 ސީޒަނުގައި މޯލެޓް އިންނެވެ. ޖެހިގެން އައި ސީޒަނުގައި އޭނާ ކުލުނީ ޕަރެޓްސް އަށެވެ.
ރޫބީ އަށް ބަދަލުވެ، މިދިޔަ ސީޒަންގައި އޭނާ ވަނީ 25 މެޗު ކުޅެ، ފަސް ގޯލު ޖަހައިފަ އެވެ. މި ސީޒަންގައި އޭނާ 18 މެޗު ކުޅުނު އިރު ޖެހުނީ އެއް ގޯލެވެ. ސީޒަންގެ ފަހު ކޮޅު މިރާޝް ހުރީ އޭނާގެ އަތަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގަ އެވެ.
މިރާޝް ވަނީ މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނިގެން ކުޅެފަ އެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހު ގައުމީ ޓީމުން މެލޭޝިއާ އަދި ސިންގަޕޫރާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ ދެ މެޗުގައި ވެސް އޭނާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފަ އެވެ.
މިދިޔަ އަހަރު ސީއެޗްއެސްއީ އަށް 19 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތް ކާމިޔާބު ކޮށްދިނީ ވެސް މިރާޝްގެ ކޮއްކޮ އިބްރާހިމް އާޔަން އިމްތިޔާޒެވެ. އެ ޓީމުގެ ކެޕްޓަން އާޔަން އަންނަނީ މި ސީޒަންގައި ރާއްޖޭގެ އެއްވަނަ ޑިވިޝަންގައި ވާދަކުރާ ވެލެންސިއާ އަށް ކުޅެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy