22 ޖެނުއަރީ 2025 - 11:16
މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އަތޮޅު ފައިނަލް ކުޅުނު ހއ. އުތީމާއި ހދ. ނޮޅިވަރަމް އަދި މ. ނާލާފުއްޓަށް ވެސް މި އަހަރުގެ ސެމީ ފައިނަލުގެ ޖާގައެއް ނުލިބި މި އަހަރުގެ މުބާރާތް ނިމިއްޖެ އެވެ.
އެގޮތުން އުތީމު ވަނީ އިއްޔެ، އެންމެ ފަހުގެ ހއ. އަތޮޅު ޗެމްޕިއަން ދިއްދޫ އަތުން 3-0 އިން ބަލިވެފަ އެވެ. މިއާ އެކު އުތީމު ނިންމާލީ ފަސް ޕޮއިންޓާ އެކު، ފަސް ޓީމު ހިމެނުނު ގުރޫޕް ބީގެ ތިން ވަނައިގަ އެވެ. ނުވަ ޕޮއިންޓާ އެކު ދިއްދޫ ދެވަނަ ހޯދި އިރު، އެއް ވަނަ ހޯދީ އިއްޔެ 2-1 އިން އިހަވަންދޫ ބަލިކޮށް 10 ޕޮއިންޓް ހަމަކުރި ވަށަފަރެވެ.
ހއ. އަތޮޅު ގުރޫޕް އޭގެ އެއް ވަނަ ހޯދީ މާރަންދޫ އެވެ. މާރަންދޫ ވަނީ އިއްޔެ 3-2 އިން ފިއްލަދޫ ބަލިކޮށް ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ބާރަށް އަތުން 3-2 އިން ބަލިވި ނަމަވެސް ހަތް ޕޮއިންޓް ލިބިފައިވާ ކެލާ ވަނީ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ހޯދައިފަ އެވެ. ހަ ޕޮއިންޓާ އެކު ބާރަށަށް ލިބުނީ ގުރޫޕްގެ ތިން ވަނަ އެވެ.
އަތޮޅު ސެމީ ފައިނަލްގައި މާރަންދޫ އާއި ދިއްދޫ ބައްދަލުކުރާ އިރު، ވަށަފަރު ނުކުންނާނީ ކެލާއާ ދެކޮޅަށެވެ. މި ދެ މެޗު ވެސް ކުޅޭނީ އަންނަ ހޯމަ ދުވަހުގެ ރޭ 9:30 ގަ އެވެ.
ހދ. އަތޮޅުގެ މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކުރި ނޮޅިވަރަމް ވަނީ ރޭ ވައިކަރަދޫ އަތުން 7-4 އިން ބަލިވެފަ އެވެ. އެ ވަގުތު ކުޅުނު ގުރޫޕް ބީގެ އަނެއް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަަން ނައިވާދޫ ވަނީ 4-2 އިން ކުމުންދޫ ބަލިކޮށްފަ އެވެ.
މިއާ އެކު ނޮޅިވަރަމް، ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެން 12 ޕޮއިންޓް ހަމަކުރި އިރު، ކުމުންދޫ އާއި ވައިކަރަދުއަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތުން ދެ ވަނަ ލިބުނީ ކުމުންދޫ އަށެވެ. ނޮޅިވަރަން ނިންމާލީ ހަތަރު މެޗުން ހޯދި ތިން ޕޮއިންޓާ އެކު އެވެ.
ނޭކުރެންދޫ ރޭ 5-3 އިން މަކުނުދޫ އަތުން ބަލިވި ނަމަވެސް ނުވަ ޕޮއިންޓާ އެކު ގުރޫޕް އޭގެ އެއް ވަނަ ލިބުނީ އެ ޓީމަށެވެ. ދެ ވަނަ ހޯދީ އަށް ޕޮއިންޓް ހަމަކުރި މަކުނުދޫ އެވެ. މި ގުރޫޕްގައި ދެން ކުޅުނު ހަނިމާދޫ 6-0 އިން ފިނޭ ބަލިކުރި ނަމަވެސް އެޓީމު ނިންމާލީ ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.
މި އަތޮޅުގެ ސެމީ ފައިނަލްގައި ނޭކުރެންދޫ ނުކުންނާނީ ކުމުންދޫއާ ދެކޮޅަށެވެ. އަދި ނައިވާދޫ ނުކުންނާނީ މަކުނުދޫއާ ދެކޮޅަށެވެ. މި ދެ މެޗު ވެސް ކުޅޭނީ އަންނަ ހޯމަ ދުވަހުގެ ރޭ 10:30 ގަ އެވެ.
މ. އަތޮޅުގެ ފައިނަލްގައި އެންމެ ފަހުން ކުޅުނު ނާލާފުށި ކެޓީ ރޭ ކޮޅުފުށީ އަތުން 1-0 އިން ބަލިވެގެންނެވެ. މިއާ އެކު އެޓީމު ނިންމާލީ ތިން ޓީމު ވާދަކުރި ގުރޫޕުން އެންމެ ޕޮއިންޓަކާ އެކު ފުލުގަ އެވެ. ކޮޅުފުށިން ހަތަރު ޕޮއިންޓާ އެކު އެއް ވަނަ ހޯދި އިރު، ދެ ވަނަ ލިބުނީ ދެ ޕޮއިންޓް ހޯދާފައިވާ މުލި އަށެވެ.
މި އަތޮޅުގެ ގުރޫޕް އޭގެ އެއް ވަނަ ހޯދީ ދިއްގަރެވެ. އެ ޓީމު ވަނީ 4-0 އިން ވޭވަށް ވަލިކޮށް ހަތް ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަ ހޯދީ އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން މުލަކެވެ. މުލައް ވަނީ 1-1 އިން މަޑުއްވަރިއާ އެއްވަރުކޮށްލައިގެން ފަސް ޕޮއިންޓް ހޯދައިފަ އެވެ. މަޑުއްވަރިއަށް ލިބުނީ ހަތަރު ޕޮއިންޓެވެ.
އަންނަ ހޮނިހިރު ދުވަހިގެ ރޭ 10 ޖަހާއިރު ކުޅޭ ސެމީ ފައިނަލްގައި ދިއްގަރާއި މުލި ބައްދަލުކުރާއިރު، މުލައް ނުކުންނާނީ ކޮޅުފުއްޓާ ދެކޮޅަށެވެ.
މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ބ. އަތޮޅާއި ތ. އަތޮޅު އަދި ލ. އަތޮޅުގެ މެޗުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗވ ×
22 January 2025
މެޗްތައް އޮންނަނީ ކޮންތަނަކު؟