ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި އދ. މަންދޫ އާއި ގއ. ދެއްވަދޫ ވެސް ފުރަތަމަ ފަހަރަށް އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އދ. އަތޮޅު ޗެމްޕިއަންކަން މަންދޫ ހޯދީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން މަހިބަދޫ 2-1 އިން ބަލިކޮށްފަ އެވެ. މި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަންދޫގެ އިބްރާހިމް އިމްރާން (އިންމި) އެވެ. އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ދަނގެތީގެ މުހައްމަދު ނާއިމް އެވެ.

ދެއްވަދޫ ޗެމްޕިއަންކަން ހޯދީ 9-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ފައިނަލުގައި ވިލިނގިލި ބަލިކޮށްގެންނެވެ. މި މެޗުގައި ދެއްވަދޫގެ އަހްނަފް ރަޝީދު (އަހުއްކޮ) އާއި ޝިފާޒް އާދިލް (މަޓާ) ވަނީ ހެޓްރިކް ހަދައިފަ އެވެ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ވެސް ހޮވުނީ އަހުއްކޮ އެވެ.

ހއ. އަތޮޅު ފައިނަލުގައި ޗެމްޕިއަން ދިއްދުއާ ދެކޮޅަށް ވަށަފަރު

ހއ. އަތޮޅު ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ދިއްދޫ ވަނީ 3-1 އިން މާރަންދޫ ބަލިކޮށްފަ އެވެ. އަދި ވަށަފަރު ވަނީ ދެ ވަނަ ސެމީގައި 4-3 އިން ކެލާ ބަލިކޮށްފަ އެވެ.

ދިއްދޫ އާއި ވަށަފަރު ބައްދަލުކުރާ މި އަތޮޅުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8 ޖަހާއިރެވެ.

ހދ. ފައިނަލަށް ނޭކުރެންދޫ އާއި ނައިވާދޫ

ނޭކުރެންދޫ ވަނީ ސެމީ ފައިނަލް މެޗުގައި 2-1 އިން ކުމުންދޫ ބަލިކޮށްފަ އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫން ސެމީގައި މަކުނުދޫ ބަލިކުރީ 6-0 އިންނެވެ.

ނޭކުރެންދޫ އާއި ނައިވާދޫ ބައްދަލުކުރާ ހދ. އަތޮޅު ފައިނަލް މެޗު ވެސް ހޮނިހިރު ދުވަހުގެ ރޭ 8 ޖަހާއިރު ކުޅޭނެ އެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދާ މި މުބާރާތުގައި މިރޭ ހަތަރު އަތޮޅެއްގެ ފައިނަލް މެޗުތައް ކުޅޭނެ އެވެ. އެންމެ ފުރަތަމަ ކ. އަތޮޅުގެ ސެމީ ފައިނަލަމްތައް ކުޅުމަށް ފަހު، ގދ. އަތޮޅާއި ރ. އަތޮޅުގެ ފައިނަލް މެޗު ކުޅޭނެ އެވެ. އެއަށް ފަހު ކުޅޭނީ ނ. އަތޮޅުގެ ފައިނަލާއި ސ. އަތޮޅުގެ ފައިނަލެވެ.