މަރުޒޫގު (ކ) އޯސީއޭގެ މެރިޓް އެވޯޑާ ހަވާލުވުމަށް ފަހު ފޮޓޯއަކަށް ހުއްޓިލައިގެން.
25 މާޗް 2025 - 12:03
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) އަށް މެދުއިރުމަތީގެ ގައުމަކުން ކުޅިވަރުގެ އިސް ވަޒީފާއެއް ހުށަހަޅައިފި އެވެ.
އެނގިފައިވާ ގޮތުގައި ތެލުގެ މުއްސަނދިކަން ލިބިފައިވާ އެ ގައުމުން މަރުޒޫގަށް އޮފާކޮށްފައިވަނީ އިންޑިވިޖުއަލް ސްޕޯޓްސް ސްޓްރެޓެޖިސްޓުގެ މަގާމެވެ.
ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން މަރުޒޫގް ގެންދަން އެ ގައުމުން ވަނީ މަހަކު 14،000 – 20،000 އެމެރިކާ ޑޮލަރުގެ މުސާރައެއް ހުށަހަޅައިފަ އެވެ.
އެ ވަޒީފާގެ މައިގަނޑު ޒިންމާއަކީ، އެ ގައުމުގެ އިންޑިވިޖިއަލް ކުޅިވަރުތަކުގެ ފެންވަރު މަތިކޮށް ބައިނަލްއަގްވާމީ މެޑަލް ހޯދޭ ހިސޭބަށް ގެންދިއުމެވެ. އެގޮތުން އެކަމަށް ބޭނުންވާ ސްޓްރެޓެޖީ ކަނޑައަޅައި، މަގުޗާޓު އެކުލަވާލައި، އެކަން ތަންފީޒުކުރުމަށް، މަރޭ އަށް ބޭނުންވާ ހުރިހާ ވަސީލަތެއް ވެސް އެ ގައުމުން ގާއިމްކޮށްދޭނެ އެވެ.
މަރުޒޫގަށް ފޮނުވާފައިވާ، އޮފާ ލެޓާގެ ކޮޕީއެއް "މިހާރު" އާށް ވަނީ ލިބިފަ އެވެ. އެކަމަކު މިކަމުގައި މަރުޒޫގުގެ ކޮމެންޓެއް ލިބޭ ގޮތެއް ނުވި އެވެ.
މަރުޒޫގު (ވ) އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާގެ ރިޔާސަތުގައި.
މަރުޒޫގު މި ވަޒީފާ އަށް ގޮސްފި ނަމަ އޭނާ ވެގެންދާނީ ބޭރު ގައުމެއްގެ ކުޅިވަރުގެ މިފަދަ އިސް މަގާމެއް ފުރާ ފުރަތަމަ ދިވެއްސަށެވެ.
އެނގިފައިވާ ގޮތުގައި އެ ގައުމުން މަރުޒޫގަށް މި މަގާމް ހުށަހެޅީ، ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގައި ކުރި މަސައްކަތަށް، ސަރަހައްދީ ކުޅިވަރު ޖަމިއްޔާތަކުގެ އިސްވެރިން ދީފައިވާ ޕޮޒިޓިވް ރިވިއުސްތަކަށް ބެލުމަށް ފަހު އެވެ. އަނެއްކޮޅުން އޭނާ އަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) ގެ މެރިޓް އެވޯޑް ލިބިފައިވުމަކީ ވެސް، އޭގެ ސަބަބެކެވެ.
އޭޝިއާގެ ކުޅިވަރަށް ފާހަގަކުރެވޭ ފަދަ ހިދުމަތްތަކެއް ކުރާ މީހުންނަށް އޭޝިއާގެ އޮލިމްޕިކުގެ އެންމެ މަތީ ޖަމިއްޔާ އިން ދޭ މި ޝަރަފް ލިބިފައިވަނީ މަރުޒޫގުގެ އިތުރުން އެންމެ ދިވެއްސަކަށެވެ. އެއީ މަރޭގެ ފުރަތަމަ ދައުރުގައި، އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރެއްވި ދިވެހި ކުޅިވަރުގެ ލެޖެންޑް އިބްރާހީމް އިސްމާއީލަށެވެ.
އޮލިމްޕިކް ކޮމިޓީން ކުރެހިފައިވާ ޕްލޭނެއްގެ ދަށުން ގޭމްސްތަކުގައި ބައިވެރިވުމާއި ރޭވިފައިވާ ތަމްރީން ފުރުސަތުތައް އެތުލީޓުންނަށް ދޭން އެ ދައުރުގަ އެވެ. އެގޮތުން މަރުޒޫގުގެ އާރުކާޓީކަމުގެ ދަށުން ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ރާއްޖޭން މެޑަލްތަކަށް އަމާޒުކޮށްގެން ގޭމްސްތަކަށް ދާން ފެށުމެވެ. އެގޮތުން ގިނަ އަދަދެއްގެ އެތުލީޓުންނަށާއި ޓީމްތަކަށް ބޭރުން ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނީ ސަރަހައްދީ ކުޅިވަރު މުބާރާތްތަކުގައި ރާއްޖޭގެ ހުރިހާ ކުޅިވަރަކަށް ކަހަލަ ގޮތަކަށް ބައިވެރިކުރުވި އެވެ.
މަރުޒޫގު ދެން ކުރެއްވި އެންމެ މުހިއްމު އެއް މަސައްކަތަކީ އެތުލީޓުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފެށުމެވެ. ރާއްޖެ އަށް 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދިން ހަސަން ސާއިދަކީ އޭގެ ތެރެއިން ލިބުނު ފުރުސަތުގެ ބޭނުން ހިފި އެތުލީޓެކެވެ.
މަރުޒޫގު (މ) ދުވުންތެރިޔާ ސާއިދު (ކ) އާއި ފެތުންތެރިޔާ ސަޖަންއާ އެކު.
މީގެ އިތުރުން އޭނާ ވަނީ ރާއްޖޭގެ ކުޅުންތެރިންނަކީ ޕްރޮފެޝަނަލް އެތުލީޓުންނަށް ހެދުމަށްޓަކައި 12 ހަފުތާ ވަންދެއް އެތުލީޓެއްގެ ދިރިއުޅުމުގެ ތަޖުރިބާތައްކޮށް އޭގެ ހޯދުންތައް ހިއްސާކޮށްފަ އެވެ. އަދި ދިވެހި އެތުލީޓުންނަށް އިތުރަށް ހިތްވަރެއް ދިނުމަށް މަރުޒޫގު ވަނީ އޮލިމްޕިކްސް ގޭމްސްގެ ފެށެންދެއް ކޮންމެ ދުވަހަކު ރާއްޖޭގެ ކޮންމެވެސް ކުޅިވަރު ޓީމަކާ އެކު ޕްރެކްޓިހުގައި އަމަލީ ގޮތުން ބައިވެރިވެފަ އެވެ. އަދި އެ އެތުލީޓުންނާ އެކު ތަމްރީން ހެދުމަށް އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތައް ނޮމިނޭޓްކޮށް އެ ސިލްސިލާ ފުޅާކުރި އެވެ.
އޮލިމްޕިކް ކޮމިޓީއާ ގުޅުމުގެ ކުރިން މަރުޒޫގު ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ފުރައިފަ އެވެ. ކުރީގެ މަޝްހޫރު ރެފްރީ އަދި ސ. ފޭދޫ ޑީއެންސީ ހިންގެވުމުގައި އިސްކޮށް އުޅުއްވި މަރްހޫމް ހުސެއިން ދީދީ (ޖޯޖް) ގެ ބޭފުޅެއް ކަމަށްވާ މަރުޒޫގު ވަނީ ފުޓްބޯޅަ ކެރިއަރުގައި ޔޫތު ގައުމީ ޓީމުތަކަށާއި ކްލަބް ވެލެންސިއާ އަދި އައިއެފްސީއަށް ކުޅެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮފާ
27 March 2025
މަރޭ ތިއައޮފާގެ ބޭނުންހިފުން އެއީ ކުރިމަގުގައި އިތުރު ހަރުފަތެއް ގިރާކުރުމަށް އެޅިގެންދާނެ މުހިއްމު ފިއަވަޅަކަށްވާނެ. ދުނިޔޭގެ އޮލިމްޕިކް ކޮމިޓީ އަދި ފީފާ ފަދަ ބައިނަލްއަގުވާމީ އިދާއެއްގެ އިސްމަގާމަކަށް ދިއުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެ ކަމެއް. އެފަދަ އިދާރާއެއްގެ އިސްމަގާމަކަށް ދެވިއްޖެނަމަ އެއީ ދިވެހިރާއްޖެއަށް ލިބޭނެ ވަރަށްބޮޑު ޝަރަފަކާއި ފަޚުރެއް. ހުރިހާބޭފުންވެސް މަރޭއަށް ތަރުހީބްދީ އެހީތެރިވެދެއްވާ.
ކޫޅޭ ބޭބެ
26 March 2025
ކަލޯ ބޭބެ ބުނާނީ ހަމަ މިހާރު ނައްޓާލާށޭ. ތަންދޮރުދަންނަ ކިޔަވަިގެން ތިބި ބަޔަކަށް މިގައުމަކު ކުރިމަގެއްނެތް.
ސިމްޕޯ
25 March 2025
ބުނަން! ހަމަ މިހާރު ކަނޑާލާ! 4 އަހަރުން މިލިއަނަކަށްވުރެ ބޮޑުއެއްޗެއް ލިބޭނެ. މަޑުކުރާނެކަމެއް ނެތް.
އުަމަރު
25 March 2025
ސާބަހޭ މަރޭ!
ޑިގްރީ
25 March 2025
މަރުހަބާ މަރޭ. ދުނިޔޭގެ ފައިސާއިން ބޭނުން މީހަކު ގަނެލެވޭފަދަ ގައުމަކުން ތިޔަވަރުގެ ވަޒީފާއެއް ދިވެއްސަކަށް ދޭން ނިންމާނީ ގިނަގޮތްގޮތުން ބަލާފައިކަން ޔަގީން. ތީ މަރޭ އެކަންޔެއްނޫން މުޅި ދިވެހިިރާއްޖެ ފަހުރިވެރި ވާނެ ކަމެއް.
ކަލޯބެގެ ރޮޱާ
25 March 2025
މަރު ޙަބާ މަރޭ
މުލޭ
25 March 2025
އެ ގައުމުގެ ނަން ހާމަކޮށްްފިނަމަ އެހެން މީހަކު ތިޔަ ވަޒީފާ ޖަހައިގެންފާނެތީތަ އެ ގައުމުގެ ނަން ނުލިޔުނީ. ޚަބަރެއް ލިޔެ ނިންމާލިއިރު އެންމެ މުހިންމު މަޢުލޫމާތު ލިޔެފައި ނެތް.
ޖޭމުގޭ އަހައްމައިދީ
25 March 2025
އެކްސެޕްޓްކުރިޔަސް ނުކުރިޔަސް މަރުހަބާ މަރޭ. ތިއީ ދިވެއްސަކަށް ވިތީ މަރޭއަށްޓަކައި އަހަރެން ފަޙުރުވެރިވާފަދަ ކާމިޔާބެއް.
ރަދީފްއޮފިޝަލް / މަރޭ ދަ ލެޖެންޑް
25 March 2025
ސާބަހޭ މަރޭ.މަރުހަބާ މަރޭ.ތިޔާއީ މުޅި ގައުމަށް ލިބޭ ރީތި ނަމަކާއި ޝަރަފެއް.މަރޭ އެއީ ހުރިހާ ކަމެއް ދަންނަ އެދުރެއްގެ ޓެގް ޖަހައިގެން ހުންނަނީ ކަމެއްވީމަކަން މިކަމުން ޔަގީންވޭ.ގުޑް ލަކް މަރޭ.ވ.ވެދުން
ރަށުގެ ގާތް ބުރޯ އެއް
25 March 2025
އަވަހަށް މަޤާމާއި ހަވާލުވާން ފެނޭ! ތިއީ ވަރަށް ޝަރަފުވެރި މަގާމެއް! މިތަނުން ޑޮލަރެއް ނުލިބޭ އިރު އެތަނުން ދޭން ބުނަނީ ޑޮލަރު ކަލޯ އަވަސް ކުރޭ