2021 ގެ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާއާ ދެކޮޅަށް ލަންކާ ކުޅެނީ.
17 އެޕްރީލް 2025 - 10:45
ސްރީ ލަންކާގައި ފުޓްބޯޅަ އަލުން ދިރުވުމަށްޓަކައި، އަމިއްލަ ކްލަބަކުން އިސް ނަގައިގެން އެ ގައުމުގެ ވަރުގަދަ ޓީމުތައް ހިމަނައިގެން އަންނަ މަހު ލީގެއް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
އައިވީ ލީގުގެ ނަމުގައި މޭ 3 ގައި ކޮޅުނބުގެ ސުގަތަދާސަ ސްޓޭޑިއަމުގައި ފަށާ މުބާރާތުގައި 8 ޓީމު ވާދަކުރެ އެވެ. އޭގެ ތެރޭގައި ރިނޯން، ބްލޫ ސްޓާ، ސައުންޑާސް، އަދި ނިއު ސްޓާ ހިމެނެ އެވެ.
ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ ފުރިހަމަ ސަޕޯޓާ އެކު، މުބާރާތް އިންތިޒާމުކުރާ ޗެލެންޖާސް ފުޓްބޯލް ކްލަބުގެ ޗެއާމަން އެ ގައުމުގެ މީޑިއާގައި ބުނީ "އަމާޒަކީ ލަންކާގައި ފުޓްބޯޅަ ދިރުވުން" ކަމަށެވެ.
"މި މުބާރާތުން ލިބޭނެ ލަންކާގެ މޮޅު ކުޅުންތެރިން ވިދާލާނެ ފުރުސަތު،"
ބައިވެރިވާ 8 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުޅެ ސެމީ ފައިނަލަށް ހޮވޭ އުސޫލުން ކުޅޭ މި މުބާރާތުގެ ސަބަބުން ޖޫން މަހު ލަންކާގައި ފަށާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ އެ ގައުމުގެ ގައުމީ ޓީމަށް ވެސް ފައިދާކުރާނެ އެވެ.
މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް އިންތިޒާމުކުރާ ފަރާތުން ޖާޒީ ކިޓަކާއި، ބޯޅަ ދޭނެ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމާއި، އެހެން ވަނަތައް ހޯދާ ޓީމުތަކާއި، ކުޅުންތެރިންނަށް ވެސް ފައިސާގެ އިނާމު ދޭނެ އެވެ.
ލަންކާ އަކީ 1980-1990 ގެ އަހަރުތަކުގައި ސަރަހައްދުގެ ގަދަ ބާރެކެވެ. އެގޮތުން 1995 ގައި ސަރަހައްދުގެ ޗެމްޕިއަންކަން ވެސް ހޯދި އެވެ. ލަންކާގެ ކުޅުންތެރިންނަކީ އޭރު ރާއްޖޭގެ ކްލަބްތަކުން ވެސް ބޮޑު އަގުގައި ގެންނަ ކުޅުންތެރިންނެވެ. އަދި ލަންކާ ޓީމުތައް، ރާއްޖޭގެ ޕޮމިސް ކަޕުގައި ވެސް ކާމިޔާބީ ހޯދި އެވެ.
އެކަމަކު ފަހަކަށް އައިސް ލަންކާ ފުޓްބޯޅަ ވަނީ ވަޅުޖެހިފަ އެވެ. އެގޮތުން 2013 ގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އަތުން 10-0 އިން ބަލިވުމަކީ އެންމެ ފުނުގައި ޖެހުމެވެ. އެކަމަކު ލަންކާ އިން އަންނަނީ އަނެއްކާ ވެސް ކުރީގެ ފެންވަރަށް ދެވޭތޯ މަސައްކަތްކުރަމުންނެވެ. އެކަމަށް އޭއެފްސީން ވެސް އެހީވާނެ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުދުލް ޤާދިރު
17 April 2025
ރާއްޖޭގައި ބޭނުންވަނީ، ރާއްޖޭގެ ނަން މަސްހޫރު ޓީމުތައް ކަފުންކޮށްފައި ވަކި ބަޔަކު ބޭނުންވާގޮތަށް ފުޓުބޯޅައިގެ ކަންކަން ކުރިއަށް ގެންދަން ނަތީޖާ ފެނެއެއްނުން.
ބައްސާމު، ސަވީދު ފުޓްބޯޅައިގެ ހަލާކު
17 April 2025
ތިޔަ ވިދާޅުވީ ސަވީދު އަޑީގަ ހުންނަވާގެން ބައްސާމު މެދުވެރިކޮށް ރާއްޖޭގެ އެންމެ ކާމިޔާބު ޓީމު ފުނޑާލި ވާހަކަ ދެއްތޮ!