2021 ވަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ކެޓުމުން ކުޅުންތެރިން މާޔޫސްވެފައި: މި އަހަރު ބާއްވަން ޝެޑިއުލްކުރި މުބާރާތް މިހާރު ވަނީ ފަސްކޮށްފައި. -- މިހާރު ފައިލް ފޮޓޯ
23 އެޕްރީލް 2025 - 09:40
ޖޫން މަހު ސްރީ ލަންކާގައި ބާއްވަން ހަމަޖައްސާފައި އޮފް ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށް އޭގެ ބަދަލުގައި، އެ ދުވަސްވަރު ލަންކާގައި އިންވިޓޭޝަނަލް މުބާރާތެއް ބޭއްވޭތޯ މަސައްކަތް ފަށައިފި އެވެ.
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަލީ އުމަރު "މިހާރު" އަށް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރީ އެ ފެޑެރޭޝަނުގެ މާކެޓިން ޕާޓްނަރު ބޭނުންވަނީ މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ބާއްވަން ކަމަށްވެފައި، މި އަހަރު އެ ގޮތަށް ބޭއްވެން ނެތުމުން ކަމަށެވެ.
ސާފް އިން ފުރަތަމަ މަސައްކަތްކުރީ މި އަހަރު ވެސް ހޯމް އެންޑް އަވޭ އުސޫލުން މުބާރާތް ބާއްވާށެވެ. އެކަމަކު އެގޮތަށް ބާއްވާ ނަމަ މުބާރާތުގެ މުއްދަތު ދެ މަހެއްހާ ދުވަހަށް ދިގުލައި، ހަރަދުތައް ވެސް ބޮޑުވާނެތީ ފަހުން ނިންމީ ސެންޓްރަލައިޒްކޮށް ބާއްވައި، ލަންކާ އަށް ހޯސްޓިން ފުރުސަތު ދޭށެވެ.
ބަންގްލަދޭޝްގެ "ޑެއިލީ އޮބްޒާވާ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މާކެޓިން ޕާޓްނަރު ކަމަށްވާ ޖަރުމަނުގެ ސްޕޯޓްސް މާކެޓިން އޭޖެންސީ "ސްޕޯޓްސްފައިވް" އިން ބޭނުންވީ ސެންޓްރަލައިޒްކޮށް ކުޅޭ ނަމަ އިންޑިއާ ނުވަތަ ބަންގްލަދޭޝްގައި މުބާރާތް ބާއްވަން ކަމަށެވެ. ބެލެވޭ ގޮތުގައި އެ އެޖެންސީން އެގޮތް ބޭނުންވީ ސްޕޮންސަރުން ހޯދަން ފަސޭހައަކަށެވެ.
މުބާރާތް ބާއްވާ ގައުމު ކަނޑައެޅުމުގައި އަބަދުވެސް ސާފްގެ މާކެޓިން ޕާޓްނަރުންގެ ނުފޫޒު އޮވެ އެވެ. މި ފަހަރު ވެސް ހޯމް އެންޑް އުސޫލުން ނޫން ގޮތަކަށް އަމުދުން އިންޑިއާ އާއި ބަންގްލަދޭޝް ނޫން ގައުމެއްގައި ބާއްވާތީ މާކެޓިން ޕާޓްނަރު ޖެހުމުން ސާފް އަށް މަޖުބޫރުވީ މުބާރާތް ފަސްކުރާށެވެ. އެއީ މުބާރާތް އަމިއްލަ އަށް ބޭއްވޭ ފަދަ މާލީ ގާބިލުކަމެއް ސާފުގައި ނެތުމުންނެވެ.
ސާފުގެ ރައީސް ބަންގްލަދޭޝްގެ ކާޒީ ސަލާހުއްދީން "ޑެއިލީ އޮބްޒާވާ" އަށް ދެއްވި އިންޓަވިއުގައި ވަނީ މުބާރާތް ބާއްވާނެ ތަނެއް ނިންމާނީ މާކެޓިން ޕާޓްނަރު ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، އަންނަ މަހު ނޭޕާލުގައި އޮންނަ ކޮންގްރެސްގައި ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަދައްކަވައިފަ އެވެ.
ސާފް ޗެމްޕިއަންޝިޕް ބޭއްވޭ ގޮތް ނުވުމަކީ ލަންކާ އަށް ލިބޭނެ ދެރައެކެވެ. ލަންކާ ފެޑެރޭޝަނުން އައީ އެ މުބާރާތް ބާއްވަން ލިބުނު ފުރުސަތަކީ އެ ގައުމުގައި ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރަން ލިބުނު ފުރުސަތެއް ކަމަށް ދެކި ވަރަށް ބޮޑަށް އުފާފާޅުކުރަމުންނެވެ.
އެ މުބާރާތް ނެތުމުގެ ހުސްކަން ފިލުވާލަން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އާއި ސާފް އަދި، ލަންކާ ފުޓްބޯޅަ ފެޑެރޭޝަން ގުޅިގެން ބާއްވަން މަސައްކަތްކުރާ އިންވިޓޭޝަނަލް މުބާރާތުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެކަމަކު ބެލެވެނީ އެ މުބާރާތް އޮންނާނީ ސާފް ޗެމްޕިއަންޝިޕް ބާއްވަން ކުރިން ކަނޑައެޅި ތާރީހު އެވެ.
ސަރަހައްދުގެ ގައުމުތަކުގެ މެދުގައި 1997 ވަނަ އަހަރު ބާއްވަން ފެށި ސާފް ޗެމްޕިއަންޝިޕަކީ އަބަދުވެސް ޝެޑިއުލުން ކައްސާލާ މުބާރާތެކެވެ. އެހެންވެ ސްޕޮންސަރުންގެ ޝައުގު މުބާރާތަށް ކުޑަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިކަމެއްނުވާނެ
23 April 2025
އަލީއުމަރު އުޅޭތަނެއް ރަގަޅެއްނުވާނެ. ތީ ޑޮލަރު މާރުކުރާ ގްރޫޕް