ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް މުއިއްޒު މިއަދު ތަސްދީގު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
19 މެއި 2025 - 13:30
ރާއްޖޭގެ ކުޅިވަރު ނިޒާމު ލާމަރުކަޒީކޮށް ހިންގަން ގާނޫނީ ބާރު ލިބިދޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރަން މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރުގެ އިސް ހިންގުންތެރިންނާއި އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، މި ބިލު ތަސްދީގުކުރުން ހާއްސަ ގޮތަކަށް ބޭއްވެވީ މީގެ މުހިއްމުކަން ބޮޑުވުމުން ކަމަށާއި މި ގާނޫނާ އެކު، ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، މި އިސްލާހުތަކަކީ ކުޅިވަރު ކުޅޭ މީހުންނާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ މީހުންނާއި ޖުމްލަކޮށް މުޅި ކުޅިވަރު އާއިލާ އިން އެދެމުން އައި ބަދަލުތަކެކެވެ.
މި ގާނޫނާ އެކު ފަހިވެގާނެ އެންމެ ބޮޑު ފުރުސަތެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ މިހާރު މާލެ އަށް ބަރޯސާވެފައިވާ ކުޅިވަރު ހިންގުން އަތޮޅުތަކާއި ރަށްތަކަށް ފޯރާނެ ގޮތަށް ކުޅިވަރު ހިންގުން ލާމަރުކަޒީވުމެވެ.
ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު ތަސްދީގު ކުރެއްވުމަށް ފަހު ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ މިހާރު ގިނަ ފަހަރަށް ކުޅިވަރު ގައުމީ ޓީމުތަކުން ފުރުސަތު ލިބެނީ މާލެ ނުވަތަ މާލެ ސަރަހައްދުގައި ކުޅޭ ކުޅުންތެރިންނަށް ކަމަށާއި ލާމަރުކަޒީވުމާ އެކު ކުޅުންތެރިން އުފެއްދުމާއި ހުނަރު އިތުރުކުރުމާއި ކުޅުންތެރިން ފާހަގަކުރުން އެއީ މުޅި ރާއްޖޭގައި ކުރެވޭ ކަމަކަށް ވާނެ ކަމަށެވެ. އޭގެ ސަބަބުން ގައުމީ ޓީމުތަކުން ޖާގަ ހޯދުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި ކުޅުންތެރިންނަށް ފަހިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ގާނޫނާ އެކު ކޮންމެ ކުޅިވަރެއްގެ ވެސް ސަރަހައްދީ އެސޯސިއޭޝަންތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުފައްދައި އަދި ކޮންމެ ކުޅިވަރެއްގެ ވެސް ސަރަހައްދީ މުބާރާތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވަން ޖެހޭނެ އެވެ.
ކުޅިވަރުގެ ގާނޫނަށް ގެނައި އިސްލާ އެކު ދެން އެންމެ ބޮޑު ފުރުސަތެއް ފަހިވީ ހާއްސަ އެހީއަށް ބޭނުންވާ ކުޅުންތެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އަށެވެ. މި ގާނޫނާ އެކު، އެ ކޮމިޓީއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާ އެއް އެއް ގިންތިއެއްގައި ހިންގާނެ ގާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ ކުޅިވަރުގެ އިދާރާއެއްގެ ގޮތުގައި ހަމަޖެހޭނެ އެވެ.
ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް މުއިއްޒު މިއަދު ތަސްދީގު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން ކުޅިވަރުގައި މަނާބޭސް ބޭނުންކުރުން ހުއްޓުވުމާއި މަނާބޭސް ބޭނުންކުރާ ކުޅުންތެރިންނަށް އަދަބުދީ ފިޔަވަޅު އަޅާނެ، މިނިވަން މުސްތަގިއްލު މުއައްސަސާއެއް މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީގެ ނަމުގައި އުފައްދާނެ އެވެ.
އަދި ކުޅިވަރުގައި ދިމާވާ މައްސަލަތަކަށް ގާނޫނީ ހައްލާއި އިންސާފު ހޯދައިދިނުމަށްޓަކައި ސްޕޯޓްސް އާބިޓްރޭޝަން ނިޒާމެއް ވެސް މި ގާނޫނާ އެކު އުފައްދާނެ އެވެ. މިހާރު ރާއްޖޭގެ ކުޅިވަރުގެ އެކި ފަރާތްތަކުން އިންސާފު ހޯދަން ދާން ޖެހެނީ ރާއްޖޭން ބޭރަށެވެ. މިއީ ބޮޑު ހަރަދުތަކެއް ކުރަން ޖެހޭ ކަމެކެވެ. މި ގާނޫނާ އެކު، ކުޅިވަރު ފަންޑެއް ވެސް ގާއިމްކުރާނެ އެވެ. އަދި ސްކޫލް ކުޅިވަރު ތަރައްގީކުރުމަށްޓަކައި އިންޓަ ސްކޮލަސްޓިކް ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބުތައް މި އުފައްދައި ހަރަކާތްރިކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިޔަފާރި ކުޅިވަރު ޖަމިއްޔާ
19 May 2025
ތިޔަކަންކުރިޔަސް އެސޯސިއޭޝަންތަކުގެ ވެރިންނަށްތިބި ވިޔަފާރިވެރިން ތިބިހާ ހިދަކު އެސޯސިއޭޝަންތަކުން ކުރާނީ ވިޔަފާރި.
ބެލެނިވެރިން
19 May 2025
ކުޅިވަރުތެރޭ ނެއް ކުފޫހަމަވާ އެކަކުވެސް
ޗަމްޕާ
19 May 2025
އެސޯސިއޭޝަންތަކުގެ ވެރިން އެހަރަ އުޅޭ ލައިފެއްދޯ........މަމެން އަނގަޔާ އަތާ ދިމާނުވޭ.....އިސްލާހު ނުވާނެ ވެރިން އިސްލާހު ނުވެ......ސަލާމް
ސޮއީ ސޮރީ
19 May 2025
ހާދަ ވަރަކަށޭ ބޯ މި އުކަނީ ކުޅިވަރު ވަޒީރު. ސޮއި ކުރަން ދެވުނު އެއްޗަކާމެދު ޝައްކެއް އުޅެނީތަ؟
ސަސި
19 May 2025
ތިކަން ނުކޮށްގެން ކުޅިވަރު ކުރިއަށް ނުގޮސްގެން މި އުޅެނީ