އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި އާމިން (ވ) އާއި ޖޫނިއާ ބައިން ޗެމްޕިއަންކަން ހޯދި އިޔާން (ކ).-- ފޮޓޯ: ހުސެއިން ނޫރުދީން
20 ޖޫން 2025 - 21:16
މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ އެންމެ ފުރަތަމަ މުބާރާތް، ބުރުނު ޝިކާރުގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ އާއި އިޔާން އަހުމަދު މިއަދު ހޯދައިފި އެވެ.
މެންސް އޯޕަންގެ ޗެމްޕިއަންކަން ޒުވާން ބޮޑީބޯޑަރު އާމިން ހޯދީ މިއަދު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ފައިނަލް ހީޓުގައި އެންމެ ފަހުގެ ޗެމްޕިއަން އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ފަހަތަށް ޖައްސާލައިފަ އެވެ.
އާމިން ވަނީ ޖުމްލަ 13.76 ޕޮއިންޓާ އެކު 0.26 ޕޮއިންޓުގެ ފަރަގަކުން ހީޓު ކާމިޔާބު ކޮށްފަ އެވެ. ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ކުޑަ އައްޔަ އަށް ލިބުނީ 13.50 ޕޮއިންޓެވެ. މި ހީޓުގައި އެއް ރާޅަށް އެންމެ ގިނަ ޕޮއިންޓް ހޯދީ ވެސް އާމިން އެވެ. އޭނާގެ ހަތަރުވަނަ ރާޅުގައި ވަނީ 8.33 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.
ޖުމްލަ 13 ބޮޑީބޯޑަރުން ވާދަކުރި މި ބައިގެ ސެމީ ފައިނަލް ހީޓުގައި އާމިން ވަނީ އަލީ ޖާވިދު ބަލިކޮށްފަ އެވެ. ކުޑަ އައްޔަ ފައިނަލަށް ދަތުރުކުރީ އަހުމަދު ނަޒްމީން ފަހަތަށް ޖައްސާލައިފަ އެވެ.
މިދިޔަ އަހަރުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދި މުހައްމަދު އަޒާން އަހުމަދު ވަނީ ނަޒްމީންއާ އެކު އެއް ހީޓެއްގައި ވާދަކޮށްފަ އެވެ. އާމިންއާ ދެކޮޅަށް ކުއާޓާގައި އަޝްރަފް ހަސަން ވާދަ ކުރިއިރު، ކުޑަ އައްޔަ ނުކުތީ އަސްވާން މުހައްމަދާ ދެކޮޅަށެވެ. އަދި ޖާވިދު ވާދަކޮށްފައި ވަނީ މުހައްމަދު ކައިފްއާ ދެކޮޅަށެވެ.
އާމިން ވަނީ 2023 ވަނަ އަހަރުގެ މުބާރާތުގެ ޖޫނިއާ ބައިގައި، އިޔާނާ ވެސް އެކު ޖުމްލަ ހަތަރު ބޮޑީބޯޑަރުން ވާދަ ކުރި ފައިނަލް ހީޓުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. އިޔާން އަށް ލިބުނީ ދެވަނަ އެވެ.
އާމިންގެ މި އަހަރުގެ ކާމިޔާބީ ވެފައި ވަނީ އޭނާ ލީގުގެ މުބާރާތެއްގެ އޯޕަން ކެޓަގަރީން މިހާތަނަށް ހޯދި ފުރަތަމަ ކާމިޔާބީ އެވެ.
ޖޫނިއާ ބައިގެ ޗެމްޕިއަންކަން އިޔާން ހޯދާފައި ވަނީ ފައިނަލް ހީޓުގައި 2.33 ޕޮއިންޓްގެ ތަފާތަކުން މިދިޔަ އަހަރުގެ ޗެމްޕިއަން އަޒާން ފަހަތަށް ޖައްސާލައިފަ އެވެ.
އިޔާން ވަނީ ފައިނަލް ހީޓުގައި 6.50 ޕޮއިންޓްގެ ދެ ރާޅުން ޖުމްލަ 13 ޕޮއިންޓް ހޯދައިފަ އެވެ. އަޒާން އަށް ލިބުނީ ޖުމްލަ 10.67 ޕޮއިންޓެވެ.
ސެމީ ފައިނަލްގެ ފުރަތަމަ ހީޓުގައި އަޒާން ވަނީ މުހައްމަދު އިބާނާ ވާދަކޮށް ޖުމްލަ 12 ޕޮއިންޓް ހޯދައިފަ އެވެ. އަދި ދެވަނަ ހީޓުގައި ވާދަކޮށް އިޔާން މޮޅުވީ ނޫހް މުހައްމަދު ދުނެއިމް އިރުޝާދާ ދެކޮޅަށް 9.83 ޖުމްލަ ޕޮއިންޓު ހޯދައިގެންނެވެ.
މިދިޔަ އަންގާރަ ދުވަހު ފެށި މި މުބާރާތުގެ ޖޫނިއާ ބައިގައި ޖުމްލަ އަށް ބޮޑީބޯޑަރުން ވާދަ ކުރި އެވެ.
ބުރުނު ޝިކާރުގެ ޑޮރޮޕްނީ ބައިން މި އަހަރުގެ ޗެމްޕިއަންކަން ހޯދީ ވެސް ކުޑަ އައްޔަ އެވެ. ނުވަ އެތުލީޓުން ވާދަކުރި މި ބައިގެ ފައިނަލް ހީޓުގައި ބުދަ ދުވަހު ކުޑަ އައްޔަ ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި އާމިންއާ ވާދަކޮށް ޖުމްލަ 11 ޕޮއިންޓް ހޯދައިގެން، 6.33 ޕޮއިންޓްގެ ލީޑަކާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy