04 ޖުލައި 2025 - 21:59
އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގެ ގްރޫޕް ބީ ގެ ފައިނަލުން ޕާކިސްތާން އަތުން މިއަދު 60-35 ޕޮއިންޓުން ރާއްޖޭގެ 21 އަހަރުން ދަށުގެ އަންހެން ނެޓްބޯޅަ ޓީމު ބަލިވެއްޖެ އެވެ.
އޭޝިއާގެ ހަ ވަނަ އާއި 11 ވަނަ އާ ދެމެދު ރޭންކްކޮށްފައިވާ ގައުމުތައް ވާދަކުރާ ގްރޫޕް ބީ ގެ ފައިނަލް މެޗަކީ، އާ ރޭންކިންގެ ހަ ވަނަ އާއި ހަތް ވަނަ ކަނޑައަޅާ މެޗެވެ. މި މެޗުން ބަލިވުމުން ރާއްޖެ އަށް ލިބުނީ ހަތް ވަނަ އެވެ. ހަ ވަނަ އަކީ ޕާކިސްތާނެވެ.
ގްރޫޕް އޭ ގައި ހިމެނެނީ ހިމެނެނީ އޭޝިއާގެ ރޭންކިންގެ އެންމެ ގަދަ ފަސް ޓީމެވެ. އެ ބައިގައި ވާދަކުރަނީ އިންޑިއާ، ސްރީ ލަންކާ، ސިންގަޕޫރު، މެލޭޝިއާ، އަދި ހޮންކޮން އެވެ.
ފައިނަލުން ބަލިވި ނަމަވެސް ރާއްޖޭގެ ޒުވާން ކުޅުންތެރިން ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި، ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެގޮތުން ފައިނަލުގެ ކުރިން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވި އެވެ. ބަލިވީ ލީގު ބުރުގައި ޕާކިސްތާން އަތުން އެކަންޏެވެ.
ލީގު ބުރުގައި ރާއްޖެ ފުރަތަމަ މެޗުން ޗައިނޭސް ޓައިޕޭ އަތުން މޮޅުވީ 51-26 ޕޮއިންޓުންނެވެ. ދެ ވަނަ މެޗުން ޖަޕާން އަތުން 59-32 ޕޮއިންޓުން މޮޅުވިއިރު، ތިން ވަނަ މެޗުން ސައޫދީ އަރަބިއްޔާ އަތުން މޮޅުވީ 73-20 ޕޮއިންޓުންނެވެ. ލީގު ބުރުގެ ފަހު މެޗުން ޕާކިސްތާން އަތުން ބަލިވީ 49-39 ޕޮއިންޓުންނެވެ. އޭގެ ފަހުން ސެމީ ފައިނަލުން ޗައިނީސް ޓައިޕޭ އަތުން މޮޅުވީ 51-39 ޕޮއިންޓުންނެވެ.
ރާއްޖޭގެ ޓީމުގައި ފަސް ކުޅުންތެރިން ފިޔަވައި މުޅިން ހިމެނެނީ ބައިނަލްއަގްވާމީ މެޗުތަކަށް އާ ކުޅުންތެރިންނެވެ. މީގެ ތިން މަސް ކުރިން ތައްޔާރުވާން ފެށި ޓީމުން ވަނީ ތަޖުރިބާ ހޯދުމަށް ހޮންކޮން މުބާރާތެއްގައި މިދިޔަ ޖޫން މަހުގެ ކުރީކޮޅު ވާދަކޮށްފަ އެވެ. އެ މުބާރާތުން ރާއްޖެ ތިން ވަނަ ހޯދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
05 July 2025
"ރާއްޖޭގެ ޓީމުގައި ފަސް ކުޅުންތެރިން ފިޔަވައި މުޅިން ހިމެނެނީ ބައިނަލްއަގްވާމީ މެޗުތަކަށް އާ ކުޅުންތެރިންނެވެ. މީގެ ތިން މަސް ކުރިން ތައްޔާރުވާން ފެށި ޓީމުން ވަނީ ތަޖުރިބާ ހޯދުމަށް ހޮންކޮން މުބާރާތެއްގައި މިދިޔަ ޖޫން މަހުގެ ކުރީކޮޅު ވާދަކޮށްފަ އެވެ. އެ މުބާރާތުން ރާއްޖެ ތިން ވަނަ ހޯދި އެވެ." ދެން ކޮބާ ބައިނަލް އަގްވާމީ މެޗުތަކަށް އާވެފައި.
ކަލޯ ގަޔާ
05 July 2025
1 މެޗުން ވަރަށް ބޮޑް އެކުސް ޕީރިއަންސް ލިބޭނެދޯ
ހޮނަލުލޫ
05 July 2025
މަރުހަބާ ޓީމާއި މެނޭޖްމެންޓް. ކުޅިވަރެއް ކުރިއަރައިދާނީ ކުޑަކުދިން ރަނގަޅަށް ޓްރެއިންކުރެވިގެން. އެކަން މިހާރު ކޮންމެވެސް ވަރަކަށް ރަނގަޅު އެބަވޭ. ހުރިހާ ޓީމްތަކަށް ޕްރެކްޓިސްކުރަން ފުރުސަތު ލިބޭގޮތަށް ރަނގަޅު ކޯޓްތަކެއް ލިބިގެންނޫނީ އެއްވެސް ކުޅިވަރެއް ކުރިއަރަންވާވަރަކަށް ކުރިއެއްނާރާނެ. ރިސޯސްތައް ލިބުން މުހިންމު.
އަރީޝް
05 July 2025
މަރުހަބާ. ވަރަށް ފުރިހަމަ ކާމިޔާބީއެއް. އެންމެ 3 މަހުގެ ޓްރެއިނިންގ އިން ތިޔަ ނެރުނީ ފަޙުރުވެރިވާން ޖެހޭ ނަތީޖާއެއް. ދެން އޮތް މުބާރާތެެއްގަ އެއްވަނަ ގެންނަން ގަދަ އަޅާ މަސައްކަތް ކުރާތި. ސްޕޯރޓްސް މިނިސްޓްރީ އިންވެސް މިކަހަލަ ނަތީޖާ ނެރެވޭ ޓީމްތަކަށް އިތުރު ފުރުސަތު ހޯދައިދިނިއްޔާ މާ ރަނގަޅު.
ހަމްދާ
05 July 2025
ވަރަށް ފުރިހަމަ ވަނައެއް.
ރުކުންވެއްޓުނު އާދަނު.
04 July 2025
ސާބަހޭ މިކުދިންނައް ރަގަޅު ސަރުކާރުން ފުލެޓަކާ ކާރަކާ، އަދި އުމުރު ދުވަހައް 10000 ރުފިޔާ ހަމަޖައްސަން ...އަދި ދެންމުބާރާތެއްގަ ނުކުޅެވޭގޮތް ހަދަންވީ..ކުޅެފިއްޔާމުން ދެންދާނީ ފުލައް