03 އޯގަސްޓް 2025 - 12:11
އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް، އިންޑިއަން ސުޕަ ލީގުގެ ޖަމްޝީދުޕޫރުގެ ކޯޗު ހާލިދު އަހުމަދު ޖަމީލް ހަމަޖައްސައިފި އެވެ.
އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، އެގްޒެކެޓިވް ކޮމިޓީން އެ ނިންމުން ނިންމީ ޓެކްނިކަލް ކޮމިޓީގެ ލަފާގެ މަތިން ކަމަށެވެ. އެ މަގާމަށް ކުރިމަތިލީ ކޯޗުންގެ ތެރެއިން ޝޯޓްލިސްޓުކުރީ ހާލިދު ޖަމީލުގެ އިތުރުން ކުރީގެ ކޯޗު އިންގްލެންޑުގެ ސްޓެފަން ކޮންސްޓެންޓިން އާއި، ސްލޮވާކިއާގެ ސްޓެފަން ޓަކޮވިޗެވެ.
ފެޑެރޭޝަނުން ހާލިދު ޖަމީލަށް އިސްކަންދިނީ، ކުރިއަށް އޮތް މެޗުތަކަށް ތައްޔާރުވާން އޮތީ ކުރު މުއްދަތެއްކަމުން، އިންޑިއާ ފުޓްބޯޅަ އެނގޭ ކޯޗަކު އެ މަގާމަށް ހަމަޖެއްސުމަށެވެ.
އިންޑިއާ އަށް އެންމެ އަވަހަށް އޮތީ މި މަހު ފަހުކޮޅު ފަށާ ސެންޓްރަލް އޭޝިއާ މުބާރާތެވެ. އިންޑިއާ އިން މި މުބާރާތުގައި ބައިވެރިވަނީ ހާއްސަ މެހެމާނެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޮންނާނީ އޭޝިއަން ކަޕް ކޮލިފައިންގެ ފަހު މެޗުތަކެވެ.
އިންޑިއާގެ ކުރީގެ ހުނަރުވެރި މިޑްފީލްޑަރު ހާލިދު ޖަމީލް ވަނީ ގައުމީ ޓީމަށް ވެސް ކުރިން ކުޅެފަ އެވެ. އެގޮތުން ދިވެހިރާއްޖެ އަތުން 5-1 އިން މޮޅުވެ އިންޑިއާ އިން 1997 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އޭނާ ވަނީ ޓީމުގައި ހިމެނިފަ އެވެ.
ކޯޗިން ކެރިއަރުގައި އޭނާ ވަނީ އީސްޓް ބެންގޯލާއި، މޯހަން ބަގާން، އަދި ނޯތު އީސްޓް ޔުނައިޓެޑް ފަދަ ޓީމުތަކަށް އިރުޝާދު ދީފަ އެވެ. ގިނަ ބައެއްގެ ލޮލުގައި އޭނާ އަޅައިގަތީ 2017 ވަނަ އަހަރު އައި ލީގުގެ ޗެމްޕިއަންކަން އައިޒޯލަށް ހޯދައިދިނުމުންނެވެ. އިންޑިއާގެ އެންމެ މޮޅު ކޯޗުގެ މަގާމް ވެސް ދެ ފަހަރު ހޯދި އެވެ.
ހާލިދު ޖަމީލަކީ 2012 ގެ ފަހުން އިންޑިއާ އަށް ކޯޗުކޮށްދޭ އެ ގައުމުގެ ފުރަތަމަ ކޯޗެވެ. އޭރު އިރުޝާދު ދިނީ ސަވިއޯ މެޑެއިރާ އެވެ.
މި ފަހަރު އިންޑިއާގެ ކޯޗުކަމަށް ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު ޒަވީ ހެނާންޑޭޒް ވެސް ކުރިމަތިލީ ކަމަށް އަޑުތައް އެރި އެވެ. އެކަމަކު ފެޑެރޭޝަނުން ފަހުން ބުނީ އެއީ ޒަވީގެ ނަމުގައި މީހަކު ލާފައިވާ ފޭކު އެޕްލިކޭޝަނެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy