އަނީސިމޯވާ ވަނީ ސީދާ ދެ ސެޓުން، ދެވަނައަށް ސީޑް ކޮށްފައިވާ ސްވިއާޓެކް ބަލިކޮށްފަ.-- ފޮޓޯ: އޭއެފްޕީ
04 ސެޕްޓެމްބަރ 2025 - 12:44
މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގައި، އަށްވަނައަށް ސީޑް ކުރެވިފައިވާ އެމެރިކާގެ އަމަންޑާ އަނީސިމޯވާ، ސީދާ ދެ ސެޓުން ޕޮލެންޑްގެ އީގާ ސްވިއާޓެކް ބަލިކޮށް ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އުމުރުން 24 އަހަރުގެ އަނީސިމޯވާ ވަނީ، އޭނާގެ ކެރިއަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލުން މިދިޔަ ޖުލައި މަހު ބަލިވެފަ އެވެ. މިއަހަރުގެ ވިމްބެލްޑަން ފައިނަލްގައި އޭނާ ސްވިއާޓެކް އަތުން ބަލިވީ އެންމެ ގޭމެއް ވެސް ނުލިބި 6-0، 6-0 އިންނެވެ،
ނަމަވެސް ޔޫއެސް އޯޕަންގެ ކުއާޓާ ފައިނަލްގައި އިއްޔެ އަނީސިމޯވާ ވަނީ ސީދާ ދެ ސެޓުން 6-4، 6-3 އިން ދެވަނައަށް ސީޑް ކޮށްފައިވާ ސްވިއާޓެކް ބަލިކޮށްފަ އެވެ.
މެޗަށް ފަހު ސްވިއާޓެކް (ވ) އާއި އަނީސިމޯވާ (ކ).-- ފޮޓޯ: އޭއެފްޕީ
މިއާ އެކު ހަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ ސްވިއާޓެކަށް ވަނީ ދެވަނަ ފަހަރަށް ޔޫއެސް އޯޕަން މުބާރާތެއް ކާމިޔާބު ކުރުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ.
"ވިމްބެލްޑަންގައި ކުރިމަތިވީ ބަލިން، މި މުބާރާތުގައި އަރައިގަނެވުމުން އަހަރެންނަށް ވަރަށް ހާއްސަ އިހުސާސެއް ކުރެވޭ. އަހަރެންނަށް އެނގޭ ވަރަށް މަސައްކަތް ކުރަން ޖެހޭކަން، މިއީ ވަރަށް އުނދަގޫ މެޗެއް. އެކަމަކު ނަތީޖާ އަނބުރާލެވުމުން އަހަރެންނަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިއްޖެ ކަމުގެ އިހުސާސް ކުރެވޭ،" މެޗަށް ފަހު އަނީސިމޯވާ ބުންޏެވެ.
ސެމީ ފައިނަލްގައި އަނީސިމޯވާ ނުކުންނާނީ، ދެ ފަހަރު ޔޫއެސް އޯޕަން ކާމިޔާބު ކޮށްފައިވާ ޖަޕާނުގެ ނައޯމީ އޮސާކާ އާއެވެ. އަދި ދެން އޮތް ސެމީގައި ވާދަކުރާނީ މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކުރި ޖެސިކާ ޕެގޫލާ އާއި މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި، ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ އަރީނާ ސަބަލެންކާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy