މޯލްޑިވްސް ސްޕޯޓް އެވޯޑްގައި ރާއްޖޭގެ އެންމެ މޮޅު ހެންޑްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި ޔަޝްމު: ގައުމީ ޓީމުން އޭނާ ވަނީ އެކަހެރި ކޮށްފަ .-- ފޮޓޯ: މުއާން | ސިޑިބަރި
11 ސެޕްޓެމްބަރ 2025 - 13:26
މެލޭޝިއާގެ ތަމްރީނުތަކަށް ފަހު މާލެ އައި މުހައްމަދު ޔަޝްމު އަހުމަދު ހޭންޑްބޯޅަ ގައުމީ ޓީމުން އެކަހެރި ކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ޔަޝްމު ބުނީ، މެލޭޝިއާގައި އޭނާ ތަމްރީނު ހެދީ ހޭންޑްބޯލް މޯލްޑިވްސްގެ ހުއްދައާ އެކު ކަމަށެވެ. ނަމަވެސް މާލެ އައި ތަނުން ފިޓްނަސް ޓެސްޓަ ހަދަން އޭނާ އަށް ގުޅި ކަމަށާއި އެކަމަކު އެ ޓެސްޓް ހަދަން ނުދިއުމުން އޭނާ ގައުމީ ޓީމު "ވަކިކޮށްފައިވާ" ކަމަށް ބުންޏެވެ.
"އަހަރެން މާލެ އަށް އައީ ވިސާގެ މުއްދަތު ހަމަވާތީ އެވެ. މާލެ އަށް އައިތާ މާގިނަ އިރެއް ނުވެ، އެސޯސިއޭޝަނުން އަހަންނަށް ގުޅައި، ބުނީ ޓެސްޓަކަށް އައުމަށެވެ. އަހަރެން ދަތުރުކޮށްފައި އައިތާ މާގިނަ އިރެއް ނުވާތީ، އެ ވަގުތު ޓެސްޓެއް ހަދަން ދާން އަހަންނަށް ފަސޭހައެއް ނޫނެވެ،" ސޯޝަލް މީޑިއާ ޕޯސްޓުގައި ޔަޝްމު ލިޔެފައި ވެ އެވެ.
"އެ ދުވަހުން ފެށިގެން، އަހަރެން ގައުމީ ޓީމުން ވަކިކުރި ސަބަބާ ބެހޭ ގޮތުން ތަފާތު ވާހަކަތައް އަޑުއިވެ އެވެ."
ޔަޝްމު ބުނިގޮތުގައި، ގައުމީ ޓީމުން އޭނާ ވަކިކުރި ސަބަބާ ބެހޭ ގޮތުން އެކި ވާހަކަތައް އަޑު އިވެ އެވެ.
އޭގެ ތެރޭގައި ޓެސްޓު ހަދަން ނުދިޔަ މައްސަލައިގެ އިތުރުން އެހެން ސަބަބުތައް ވެސް ބައެއް ކޯޗުން ފެންމަތި ކުރާ ކަމަށް އެންމެ ފަހުގެ ސްޕޯޓްސް އެވޯޑްގައި ރާއްޖޭގެ އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި ޔަޝްމު ލިޔެފައި ވެ އެވެ.
ކްލަބް ލެވެލްގައި ޔަޝްމު އަށް އިރުޝާދު ދިން ކޯޗަކު ބުނީ މެލޭޝިއާގެ ތަމްރީނުތަކަށް ފަހު ޔަޝްމު މާލެ އައީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އަދި އޭނާގެ ފިޓްނަސް ޓެސްޓް ހަދަން މިދިޔަ ހޮނިހިރު ދުވަހު ދާން އެންގި އެވެ.
ޔަޝްމުގެ މަންމަ އަދި ހޭންޑްބޯޅަ އެސޯސިއޭޝަންގެ ކުރީގެ އެކްސްކޯ މެންބަރު މުއުމިނާ އާދަމް (މޫންޓީ) ބުނީ ފިޓްނަސް ޓެސްޓް ހަދަން ޔަޝްމު އަށް ދެވެން ނެތް ކަމަށް ބުނުމުން، ޓެސްޓް ނުހެދި ނަމަވެސް އެ ތަނަށް ހާޒިރުވެ ހުންނަން އެސޯސިއޭޝަނުން އެންގި ކަމަށެވެ.
އެކަމަކު އެ ތަނަށް ޔަޝްމު ހާޒިރު ނުވުމުން ދެން އޭނާ އަށް އެންގީ ގައުމީ ޓީމުން އެކަހެރި ކޮށްފައިވާ ކަމަށެވެ.
ކުރިން ވާހަކަ ދެއްކި ކޯޗު ވެސް ބުނީ އެ ތަނަށް ނުދިޔަ ކަމަށް ބުނެ ގައުމީ ޓީމުން ވަކި ކުރުމަކީ ހަރުކަށި ފިޔަވަޅެއް ކަމަށެވެ.
"މެލޭޝިއާގައި ރަނގަޅު ތަމްރީނުތަކެއް ހަދާފައި އައި ކުޅުންތެރިޔަކު ގައުމީ ޓީމުން އެކަހެރި ކުރަން ޖެހޭނީ މަގުބޫލު ސަބަބެއް ދައްކާފައި. އެ ތަނަށް އޭނާ ނުދިޔައޭ ކިޔާފައި ގައުމީ ސްކޮޑުން އެކަހެރި ކުރުން އަހަންނަށް ހީވަނީ އެއީ މާ ބޮޑުވަރުހެން." ކޯޗު ބުންޏެވެ.
މޫންޓީ ބުނިގޮތުގައި، ކުޅުންތެރިންގެ ކޯޑް އޮފް އެތިކްސްއެއް ހަދާފައި އޮތް ނަމަ އެ ފިޔަވަޅު އެޅީ އޭގެ ކޮން މާއްދާއަކުން ކަން އެސޯސިއޭޝަނުން އަންގަން ޖެހޭ އެވެ. އެކަމަކު އެފަދަ އެއްވެސް އެންގުމެއް ވެސް އެސޯސިއޭޝަނުން އަންގާފައި ނުވާ ކަމަށް ބުންޏެވެ.
މެލޭޝިއާގައި ހެދި ތަމްރީނުތަކާއި އެ ގައުމުގައި ކުޅުނު މުބާރާތުގެ މައުލޫމާތުތައް ވެސް އެސޯސިއޭޝަނަށް ގަވާއިދުން އަންގާފައި ވާނެ ކަމަށް ޔަޝްމު ބުންޏެވެ. އަދި މެލޭޝިއާގައި ހޭދަކުރި ދެ މަހާ ބައިގެ މުއްދަތުގައި އޭނާގެ ހާޒިރީ އަށް ބަލައި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭ އިނާޔަތް ވެސް އޭނާ އަށް ދީފައިވާ ކަމަށް ޔަޝްމު ބުންޏެވެ.
ޔަޝްމު އަށް އެޅި ފިޔަވާޅާ ބެހޭގޮތުން، ގައުމީ ޓީމުގެ ކޯޗިން ޕެނަލްގައި އެންމެ އިސްކޮށް މަސައްކަތް ކުރާ ހުސައިން އަޒްހަމް ބުނީ އެ މައްސަލައިގައި ރަސްމީކޮށް އެއްޗެއް ބުނާނީ އެސޯސިއޭޝަނުން ކަމަށެވެ.
ހޭންޑްބޯލްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ، އެސޯސިއޭޝަނުން ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި އެ މައްސަލައިގައި އެސޯސިއޭޝަނުން ބަޔާނެއް ނެރޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބަޔާނެއް ނެރެ ތި މައްސަލަ ސާފުކޮށް ދޭނަން،" މުޖޭ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޯޓޫ
11 September 2025
މިބޭޅާގެ މަންމައާ ބައްޕަ ވަރެއް އެބަހުރި އެފްބީގަ. މާލޭގެ އިއްޒަތްތެރިންނޯ. އެހެންވީމަ އެހެން ވެދާނެ.
އެސޯސިއޭޝަނޯ
11 September 2025
ރާއްޖޭގެ އެސޯސިއޭޝަންތަކަކީ ހުށަހަޅާ މާލީ މަންފާއަށްބަލައި ކުޅުންތެރިން ރޭންކުކުރާ ތަންތަން. އެކަޑަމީތަކަކީ ހުށަހެޅުންތަކަށް ބަލައި ކުޅުންތެރިންނަށް ކުޅެން ފުރުސަތުދޭ ތަންތަން. އެކްސްކޯގައި އޮތީ ނެޕޮޓިޒަމް.ނަތީޖާއާ ކުޅެލަނީ މުބާރާތްތައް ފެށުމުގެ ކުރިންނާއި، ނިމުމުން އަސްލު އިޢްލާންތަކަށް ބަދަލުގެނެސްގެން
މަދަނީ
11 September 2025
ޓީމައް ނޭރީ ޑިސިޕްލިން ނެތީމަ، އުޅެން ވާ ވަރަށް ވުރެ ތަންކޮޅެއް މަތީ އުޅެވޭލެ. ކިތައްމެ މޮޅަސް ޙިތްތިރި ވާންވާނެ. ނުފޫޒު ބޭނުން ކޮައްގެން ކަޓުވާލީކީ ނޫން، އެކަމަކު މިހާރު ތި އުޅެނީ ނުފޫޒު ބޭނުން ކޮއްގެން ޓީމައް އަރަން. ދެންވެސް ގޭސްތައް ނާނބުރާ ހެދުނު ގޯސް ބަލައިގަނެ ރަނގަޅު ކޮއްލުން އެއީ ރީތި ގޮތަކީ. ކުރިއައް އޮތްތަނުގައި ކާމިޔާބީއައް އެދެން.
ބެލެނިވެރިން
11 September 2025
ކޮންމެތަނެއްގަ ވެސް ނުފޫޒް
އަވަދިވީތާ
11 September 2025
ކަލޯ ޓެސްޓަށް ނުގޮސް މޮޅު ވާހަކަ ނުދައްކާ.
ކޮރަލް
11 September 2025
ރާއްޖެ އަކީ އާބާދީ ކުޑަ ގައުމެކެވެ. މޮޅެތި ކުޅުންތެރީން އުފެދެނީ ވަރަށް މަދުންނެވެ. ވީމާ ބޮޑު މައްސަލަ އެއް ދިމާ ނުވާނަމަ ވާހަކަ ދައްކައިގެން ހައްލު ކުރަން ވީ އެވެ.
ޢޭންޖަލް
11 September 2025
ޑިސިޕްލިން މައްސަލައަކީ. މޮޅަށް ކުޅެވޭތީ ހީވަނީ ކޮންމެގޮތަކަށް ކަންތައް ކުރިޔަސް ޓީމަށް ނަގަންޖެހޭނެއަެ. ނުފޫޒުގަދަ އާއިލާ މެމްބަރުން ތިބޭތީ ހީވަނީ ކޮންމެ ކަމެއްވެސް ކުރެވިދާނެއޭ. ޓީމުގަތިބޭ އެންމެެނަށް ކަންތައއ ކުރަންޖެހޭނީ އެއްވަރަށް.
އިއްޕަޓޭ
11 September 2025
ރާއްޖޭގަ ފުޓުބޯޅައާއި އެހެނިހެން ގިނަ ކުޅިވަރުތަކުގަ ދިމާވާ މައްސަލައަކީ މިއީ. ވަކިކުޅުންތެރިން ޕްރެކްޓިހަށް ގަވައިދުން ނަޔަސް އޯކޭ. ޔަޝްމު ސްކޮލާޝިޕްގަ ޕްރެކްޓިހަށް ހާޒިރުވީ އެންމެ 6 ދުވަހު. ރަނުގެ ފުރުސަތެއް ލިބުނީމަ އަމަލު ހުރިގޮތަކީ މިއީ. ދިވެހި ގައުމީޓީމަށް ކުޅޭ އެހެންކުޅުންތެރިން މިތަނުގަ ތިބެގެން ހަފްތާއަކު 6 ދުވަހު ބުރަކޮށް ޕްރެކްޓިސް ޖައްސާ. އެއިން ކުޅުންތެރިއަކަށް މިފުރުސަތު ލިބުނުނަމަ އެގޮތަކަށް ނޫޅޭނެ.
އަލީ އަލީ
11 September 2025
"ފިޓްނަސް ޓެސްޓް ހަދަން ނުދިއުމުން" ވަރަށް ސާފު! ހޭންޑް ބޯޅަ ގައުމީޓީމަށް ވެސް މުސާރަ ދޭން ޖެހޭތަ! ގައުމީ ޓީމޭ ކިޔައިގެން އެއްމެން މިތިބެނީ ދައުލަތުން މުސާރަ ނަގާއިގެން! މުސާރަ ދެއްވަން ޖެހޭނީ ގައުމީޓީމަށް ކުޅޭއިރު! ނޫނީ ގައުމީޓީމަށް ވަގުތު ދޭއިރު!
ކެޔްނިރު
11 September 2025
ބޭރަށް ޓުރޭނިންގ މިދަނީ ކީކުރަން ކަމެއް ނޭގެ ، ރާއްޖެއިން ޖެމައިކާޔަށް ފޮނިވާފަ 2 ދުވުން ތެރީން މަހަކަު އެއްފަހަރު ރާއްޖެ އެބައާދޭ އެތާގަ ޓްރޭނިންގ މޮޅުވަނީ ކީވެސް ނޫން މިފަހަރުވެސް ވޯލޑް ޗެމްޕިއަން ޝިޕަޢްދިޔައީ ސާއިދު މިތާގެ ޓުރެކް ޖޮގިން ޖަހާފަ އަދި މާގިނަ ޓްރޭނިން ވެސް ނަހަދާ ،ރާއްޖެއިން ބޭރަށް ތިބޭ ކުދީންނަށް ވުރެއް ކުޅުދުއްފުށީ ވެލި ޓްރެކް ދުވާ ކުދީން މާ މޮޅު ، އިއްޔެގަ އޮއި މަކީޓާ ފުވައްމުލަކުގަ 100މީޓރ ދުވެގެން މޮޅުވީ ރަށުގަ ޓުރޭނިންގ
ކާސިމު
11 September 2025
މިނިވަންކޮށް ވިސްނާލާއިރު ޔަޝްމު ގައުމީ ސްކޮޑުން ބާކީ ކޮށް އުކާލި ކަމަށް ބައެއް މީޔާތަކުން ރިޕޯޓް ކޮށްފައިވޭ! ހަގީގަތަކީ ސްކޮޑާއި ރާއްޖެއިން ބޭރަށް ދާ މުބާރާތަކާއި ތަފަތުވާނެ ކަން، މިފަހަރު ޓީމަށް ނޭރިޔަސް މަސައްކަތް ކޮށްގެން އެޗާންސް ހޯދުމަކީ ކުޅުންތެރިންގެ އަހުލާގު. މުބާރާތަކަށް ދާނީ އެއަިަރު އޮންނަ އެންމެ ފިޓް ޓީމް. މި ދަނީ ވޯލްޑްކަޕް ހޯދާކަށް ނޫން، އަދި ހޮލިޑޭ ހަދާލާކަށް ވެސް ނޫން. ޔަޝްމު އަށް ހެޔޮ ވިސްނުމާއި ކާމިޔާބީ ދެއްވާށި!!