"ކެރަންޑޫ" މުބާރާތުގެ ތެރެއިން، މިއީ އެމްއެސްއޭ މުބާރާތެއްގައި ބޮޑީބޯޑީން ކެޓެގަރީ ހިމެނި ފުރަތަމަ ފަހަރު.-- ފޮޓޯ: ސިޑިބަރި | ޝާބިން
12 ސެޕްޓެމްބަރ 2025 - 11:02
ފުރަތަމަ ފަހަރަށް ބޮޑީބޯޑިން އިވެންޓް ހިމަނައިގެން، ލ. މާބައިދޫގައި މިއަހަރުގެ ގައުމީ ސާފް ލީގުގެ ދެވަނަ މުބާރާތް ކަމަށްވާ، "ކެރަންޑޫ" ފަށައިފި އެވެ.
ބުދަ ދުވަހު ފެށި މުބާރާތުގައި ބޮޑީބޯޑިން އިވެންޓްގެ އިތުރުން، ޝޯޓްބޯޑް ފިރިހެން އޯޕަން އަދި ފިރިހެން ޖޫނިއާ އިވެންޓް ހިމެނެ އެވެ. ޝޯޓްބޯޑް އޯޕަން ބައިގައި 25 ސާފަރުން ވާދަ ކުރާއިރު، ޖޫނިއާ ބައިގައި 18 ސާފަރުން ވާދަކުރެ އެވެ.
ފިރިހެން އޯޕަން ބައިގެ ހަތަރުވަނަ ބުރަށް 12 އެތުލީޓުން ހޮވިފައި ވާއިރު، ހަތަރު ހީޓު ކުރިއަށް ދާނެ އެވެ. ފުރަތަމަ ހީޓުގައި ވާދަކުރާނީ، ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުﷲ އަރީފް އަދި އަހުމަދު ލުޒެއިން އެވެ. ދެވަނަ ހީޓުގައި އަޅާނީ މުހައްމަދު ފާރިޒް އާއި މުހައްމަދު އިނާން އަބްދުލް ހަންނާން އަދި މުހައްމަދު ނުސްރަތެވެ. ތިންވަނަ ހީޓުގައި އަހްޒަމް ރަޝީދާއި އަހުމަދު އާގިލް (އަމްނަޑޭ) އަދި ނޫހް މުހައްމަދު ދުނެއިމް އިރުޝާދު ހިމެނޭ އިރު، މު ބުރުގެ ފަހު ހީޓުގައި ވާދަކުރާނީ އަހުމަދު ހިޝާމް ޝަހީމް އާއި ސައްޔިދު ސަލާހުއްދީން އަދި އައިހަމް އަދުނާން އެވެ.
"ކެރަންޑޫ" މުބާރާތުގެ ބައެއް ބައިވެރިން.-- ފޮޓޯ: ސިޑިބަރި | ޝާބިން
ޖޫނިއާ ބައިން އަށް އެތުލީޓުން ވަނީ ކުއާޓާ ފައިނަލަށް ހޮވިފަ އެވެ. ކުއާޓާގެ ފުރަތަމަ ހީޓުގައި ހިމެނެނީ މުހައްމަދު އިނާން އަބްދުލް ހަންނާން، ޔަސީން އަހުމަދު ނާޝިދު، ސައްޔިދު ސަލާހުއްދީން އަދި އަހުމަދު އާލް އާދިލް އެވެ. ދެވަނަ ހީޓުގައި އަޅާނީ އަހުމަދު ލުޒެއިން އާއި ކަޔާޏް އަބްދުﷲ އަރީފް އަދި މުހައްމަދު އާހިލް އިބްރާހިމް އާއި މުހައްމަދު ރައުލް އެވެ.
މީގެ އިތުރުން، މުބާރާތުގެ ހޯސްޓިން ޕާޓްނަރު ކަމަށްވާ މާބައިދޫ ކައުންސިލްގެ އެދުމުގެ މަތިން ހިމަނާފައިވާ ބޮޑީބޯޑިން އިވެންޓުގައި 10 އެތުލީޓުން ވާދަކުރެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބައެއް ފުންނާބު އުސް ބޮޑީބޯޑަރުން ވެސް ބައިވެރިވެފައިވެ އެވެ.
ސަޕޯޓަރުން "ކެރަންޑޫ" މުބާރާތުގައި ވާދަކުރާ އެތުލީޓުންނަށް ތަރުހީބުދެނީ.-- ފޮޓޯ: ސިޑިބަރި/ ޝާބިން
ބޮޑީބޯޑީންގެ ވެސް ފުރަތަމަ ތިން ބުރުގެ ހީޓުތައް ނިމި، އެތުލީޓުން ވަނީ ކުއާޓާ އަށް ހޮވިފަ އެވެ. ކުއާޓާގެ ފުރަތަމަ ހީޓުގައި ހިމެނެނީ އާމިން އުމަރު މޫސާ، ނޫހް މުހައްމަދު ދުނެއިމް އިރުޝާދު، ނޫން މުހައްމަދު ދުނެއިމް އިރުޝާދު އަދި މުހައްމަދު ކައިފް އެވެ. ދެވަނަ ހީޓުގައި ހިމެނެނީ އަލީ ޖާވިދާއި އިޔަން އަހުމަދާއި އަހުމަދު އަންފާލް އަދި އަސްވާން މުހައްމަދެވެ.
މި މުބާރާތުގެ ސަބަބުން ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަން ކުރިއަށް ވުރެ ބޮޑުވެއްޖެ ކަމަށާއި، މުބާރާތުގެ ހުރިހާ ކަމެއްގައި ވެސް ރައްޔިތުންނާއި ސްކޫލު ކުދިން އަދި ބެލެނިވެރިންގެ ވެސް ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށް ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ވިޝާމް ވަނީ ހާމަ ކުރައްވައިފަ އެވެ.
މުބާރާތުގެ ހުރިހާ ކަމަކަށް ރަށުގެ އެންމެހާ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން، މާބައިދޫ ކައުންސިލުން ފާހަގަކުރޭ.-- ފޮޓޯ: ސިޑިބަރި/ ޝާބިން
"ރަށުގެ ސްކޫލް ކުދިންނާއި ޕޭރެންޓުން އަދި ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުން ލިބޭ. އެ ސަރަހައްދުގައި ގާޑިޔާގައި ބަހައްޓައިގެން މީހުން އެކިކަހަލަ އެއްޗެހި ވިއްކާ ހަދާ. ކައުންސިލުން ބިން ދޫކުރީ ގާޑިޔާ ބަހައްޓަން. ގްރޫޕް ހަދާފައި މުބާރާތް ބަލަން ގޮސް ތިބުން، އެމީހުންނަށް ވަރަށް އާ ކަމަކަށް ވީ. ބޮޑު ފެސްޓިވް އަކަށް އެކަން ވެގެންދިޔައީ. ވަރަށް ކާމިޔާބުކޮށް ފެށިގެން މިދިޔައީ،" ކައުންސިލް ރައީސް 'ލާމުއެމްވީ'އަށް ވިދާޅުވެފައިވެ އެވެ.
ހަމައެއާއެކު މުބާރާތް ބާއްވާ ސަރަހައްދުގައި، މުބާރާތުގެ ބައިވެރިންނާއި އޮފިޝަލުންނަށް ހެނދުނުގެ ސަޔާއި މެންދުރުގެ ކެއުން އަދި ހަވީރު ސައި ވެސް ކައުންސިލްގެ ފަރާތުން ހަމަޖައްސައިދީފައި ވާކަމަށާއި، މި އިންތިޒާމުތަކުގައި ވެސް ރަށުގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ކައުންސިލުން ފާހަގަ ކުރެ އެވެ.
މިއީ ލ. އަތޮޅުގައި ލީގުގެ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. އެމްއެސްއޭ އިން 2022 ވަނަ އަހަރު ފެށި ގައުމީ ލީގުގެ މުބާރާތްތައް ގދ. ގައްދޫ އާއި މ. މުލި އަދި މާލޭގެ އިތުރުން ރ. ކިނޮޅަސް، ކ. ހިންމަފުށި އަދި ކ. ތުލުސްދޫގައި ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. މާބައިދޫ ކައުންސިލްގެ އުންމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި މިއަށްވުރެ ފުރިހަމައަށް މި އިވެންޓް އެ ރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy