17 ސެޕްޓެމްބަރ 2025 - 10:10
ހާއްސަ އެހީއަށް ބޭނުންވާ މީހުން މުޖުތަމައަށް ނެރެ ކުޅިވަރުގައި ބައިވެރިވެ ވާދަކުރުމުގެ ފުރުސަތު ހޯދައިދޭން ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ގޮތުގައި ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް މީގެ ހަތް އަހަރު ކުރިން ރަޖިސްޓަރީ ކުރީ ކުޅިވަރުގެ ބޮޑު ޒިންމާއަކާ އެކު އެވެ.
ސްޕެޝަލް އޮލިމްޕިކްސް ނުވަތަ އެސްއޯ މޯލްޑިވްސް މަސައްކަތް 2018 ގައި ފަށައިގަތް އިރު، އެ އިދާރާގެ ބެލުމުގެ ދަށުން ތަމްރީނުވަމުން ދިޔަ ކުދިންގެ އަދަދުން، އެ އިދާރާ އަށް އެ އިންތިޒާމު ހަމަޖެއްސުނެވެ.
އެސްއޯ މޯލްޑިވްސްގެ ރައީސް އިބްރާހިމް ރަމީޒު (އިބޭ) ވިދާޅުވި ގޮތުގައި މިހާރު، އެ އެސޯސިއޭޝަނުގެ ބެލުމުގެދަށުން ތަމްރީނުވާ އެތުލީޓުންގެ އަދަދު ގިނަ ވެއްޖެ އެވެ. އިތުރު ކުޅިވަރުތައް ވެސް ގިނަ ހިމަނައިފި އެވެ.
"ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް ފެށި އިރު ތިބީ އަޅުގަނޑުމެން ވެސް އެކި ގޮތްގޮތުން ހޯދާ ފައިސާކޮޅުން މެނޭޖްކޮށްލެވޭވަރުގެ އަދަދެއް. އޭރު ތިބި ކުދިންގެ އަދަދުން މަސައްކަތް ކުރާ ކޯޗުންގެ އަދަދު ވެސް ގިނައެއް ނޫން،" އިބްރާހިމް ރަމީޒު ވިދާޅުވި އެވެ.
"އެކަމަކު މިހާރު ކުދިންގެ އަދަދު ވެސް އިތުރު ވެއްޖެ. އިތުރު ކުޅިވަރުތައް ވެސް ގިނަ ވެއްޖެ. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ އިތުރު ކޯޗުން ވެސް ހޯދަން. އެ ކޯޗުން ވެސް މަސައްކަތް ކުރާނީ ކޮންމެވެސް ވަރެއްގެ އުޖޫރައެއް ލިބިގެން. އެ އިންތިޒާމު މިހާރު އަޅުގަނޑުމެންގެ ބަޖެޓުގެ ތެރެއިން ވެސް ހަމަނުޖެހިގެން މިއުޅެނީ."
އޭނާ ވިދާޅުވީ ކޯޗުންނަށް މުސާރައިގެ ގޮތުގައި ދޭ ކުޑަކުޑަ އުޖޫރަ ވެސް މިހާރު ގަވާއިދުން ހަމަޖެއްސޭ ގޮތެއް ނުވެ އެވެ.
ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސްގެ ރައީސް އިބްރާހިމް ރަމީޒު
"މާ ބޮޑު މުސާރައެއް ވެސް ނޫން މި ދެނީކީ. އެކަމަކު ކޯޗުން ވެސް ވަގުތު ހުސްކޮށްގެން އަންނާނީ ކޮންމެވެސް ވަރެއްގެ އުޖޫރައެއް ލިބިގެންތާ. ޕާޓްޓައިމްކޮށް ކުރާ ކަމެއްގެ ގޮތުގައި ކޯޗުން މަސައްކަތް ކުރަނީ. 5،000ރ. ގެ މުސާރައެއް މި ދެނީ. އެކަމަކު މިހާރު އެބައިވެސް ގަވާއިދުން ހަމަނުޖެއްސިގެން މިއުޅެނީ،" އިބްރާހިމް ރަމީޒު ވިދާޅުވި އެވެ.
ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް އުފެއްދި ދުވަހުން ފެށިގެން އެ އިދާރާގެ މަގާމުތައް އަދާކުރަމުން ދިޔަ އިބްރާހިމް ރަމީޒު ވިދާޅުވީ އެ އިދާރާ އުފެދުނު ދުވަހުން ފެށިގެން ވެސް ބައިވެރިވާ ކުދިންގެ އަތުން އެއްވެސް ފީ އެއް ނުނަގަން ވަނީ ނިންމާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެސްއޯ މޯލްޑިވްސްގެ ބޭނުމަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުން މުޖުތައުމައުގައި ބައިވެރިވުމަށާއި ކުޅިވަރުގައި ތަމްސީލު ކުރުމަށް ހިތްވަރު ދިނުމެވެ. އެހެންވެ އެއީ އަގެއް ނަގައިގެން ކުރަންޖެހޭ ކަމަކަށް ނުވާތީ ނުކުޅަދުންތެރިކަން ހުންނަ އެއްވެސް އެތުލީތެއްގެ އަތުން އެއްވެސް ފީ އެއް ނުނަގާ ކަމަށް އިބްރާހިމް ރަމިޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގަވާއިދުތަކުގައި ލިޔެފައި ވެސް އޮންނާނެ ކުދިންގެ އަތުން އެއްވެސް ފީ އެއް ނުނަގަން،" އިބްރާހިމް ރަމީޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީގެ ހަތް ޕަސަންޓަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންކަން ތަފާސްހިސާބުންތަކުން ދައްކަ އަވެ.
"އޭގެ ތެރެއިން ތިން ޕަސަންޓް މިއޮތީ ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސްގެ ބެލުމުގެދަށުގައި. މިހާރުވެސް އިތުރު ކުދިން ލިސްޓްކޮށްފައި އެބައޮތް ބައިވެރިވުމަށް އެދި،" އޭނާ ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެންގެ މި ވަގުތު ހާލަތު ހުރި ގޮތުން ހުރިހާ ކުދިންނަށް ޖާގަ ދެވޭނެ އިންތިޒާމެއް ހަމަނުޖެއްސޭ. ފައިނޭންޝިއަލީ އެ ސްޓްރެންތެއް ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސްގައި ނެތް."
މެލޭޝިއާގައި މިއަދު ފަށާ ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ބެޑްމިންޓަން މުބާރާތަށް ރާއްޖޭ ޓީމު މިހާރު ތިބީ މެލޭޝިއާގަ އެވެ.
އިބްރާހިމް ރަމީޒު ވިދާޅުވީ އެ މުބާރާތަށް ރާއްޖޭގެ ޓީމު ދަތުރުކުރުމަށާއި ހިނގާނެ ހަރަދުތަކުން ބައެއް ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ. އެކަމަކު ޓީމު ފުރުމުގެ ކުރިން ވެސް އެ ފައިސާ ފިނޭންސުން ޖަމާކޮށްފައެއް ނުވެ އެވެ.
"އަޅުގަނޑުމެންނަށް ހެޔޮ އެދޭ އެކި ފަރާތްތަކުގެ އެހީއާ އެކު ކުދިން އެ މުބާރާތަށް ފޮނުވާލެވިއްޖެ. އެ މުބާރާތުގައި ބައިވެރިވުމަށް ހިނގާނެ ހަރަދުތަކުގެ ބަޖެޓެއް އެކުލާވާލާފަ ސްޕޯޓްސް މިނިސްޓްރީ އަށް އަޅުގަނޑުމެން ފޮނުވިން. އަޅުގަނޑުމެން އެދުނު ވަރަށް ވުރެ ކުޑަކޮށް އެޕްރޫވްކޮށްފަ ފިނޭންސަށް ފޮނުވާފަވީ. އެކަމަކު އަދިވެސް އެ ފައިސާ ފިނޭންސުން އަޅުގަނޑުމެންނަށް ޖަމާ ނުކުރޭ،" އިބްރާހިމް ރަމީޒު ވިދާޅުވި އެވެ.
"މޭލޭޝިއާގައި ޓީމުން ކުރަންޖެހޭ އެހެން ހަރަދުތަކަށް އަދިވެސް ފައިސާ ހަމަނުޖެހޭ."
އެކި ޕްރޮގްރާމްތަކާއި ހަރަކާތްތައް ވެސް ކުރިއަށް ނުގެންދެވިދާނެ ކަމުގެ ކެންބޮޑުވުން ވެސް އެބައޮތެވެ.
މުޖުތަމައު އަށް މުހިންމު މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސްއިން އެދެނީ އާންމުންގެ އެހީތެރިކަމަށެވެ. މުޖުތަމައުގެ މުހިންމު ގުނަނެއް ކުޅިވަރާއި އިޖުތިމާއީ އެހެން ހަރަކާތްތަކުގައި ބައިވެރިވުމަށް ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުންނެވެ.
އެހީ ވެދޭން ބޭނުންވާ ފަރާތްތަކުން ގުޅޭނީ އެ އެސޯސިއޭޝަނުގެ ރަސްމީ ނަންބަރު: 7939944
ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސްގެ އެކައުންޓް ނަންބަރުތައް:
7730000284793 USD
7730000284792 MRF
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށޕެޗިަލ ޯލޔމޕިޗސ
17 September 2025
ދުނިޔޭގރ އެހެން ގައުމުތަކުގަ ސްޕެސަލް އޮލިމްޕިކްސް އަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ޖަމްއިއްޔާ އޮލިމްޕިކްސް ކޮމިޓީގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ ޖަމްއިއްޔާއެއް، ދިވެހިރާއްޖޭގަ ސަލާން ޖަހާގެން ހިންގަން ޖެހޭ ސަބަބެއް ނުވިސްނޭ،
ސަސި
17 September 2025
ތިޔަވެސް ހަމަ ރަގަޅު ތަނެކޭ 10 ވަރަކަށް ސްޓޭޓްް މިނިސްޓަރުން އައްޔަން ކޮއްލަން. އޭރުން ކަންކަނަ ފަހިކޮށް ދާނެ