އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖޭގެ މެޗުތައް ނިންމާލައިފި އެވެ.

ކޮލިފައިންގައި ރާއްޖެ ކުޅުނު ދެ މެޗުން ވެސް ބަލިވެފައި ވާއިރު، ފުރަތަމަ މެޗުގައި އަފްޣާނިސްތާނު އަތުން ބަލިވީ 10-1 އިންނެވެ. އަދި މިއަދު ހޯސްޓް މިޔަންމާއާ ދެކޮޅަށް ކުޅެ ބަލިވީ 7-3 އިންނެވެ.

ދެ މެޗުން ބަލިވި ނަމަވެސް ރާއްޖޭގެ ކުޅުންތެރިން ވަނީ ތައުރީފް ހައްގު ކުޅުމެއް ދައްކައިފަ އެވެ. ނިސްބަތުން ފުޓްސަލް ކުޅޭ މިނީ ޓާފް ދަނޑު ގިނަ ދިވެހިރާއްޖޭގެ ފުޓްސަލް ޓީމު މިއަހަރުގެ ކޮލިފައިން އަށް ދިޔައީ އިންޑޯގައި ފަރިތަކޮށްލުމުގެ ފުރުސަތެއް ނުލިބި އެވެ. ރާއްޖޭގައި އިންޑޯ ފުޓްސަލް ދަނޑެއް ނެތުމަކީ ގައުމީ ޓީމަށް ކޮންމެ ފަހަރަކު ވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

އަފްޣާނިސްތާން ކޮޅަށް ލަނޑު ޖެހުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން.-- ފޮޓޯ: މިޔަންމާ ފުޓްސަލް
އަފްޣާނިސްތާން ކޮޅަށް ލަނޑު ޖެހުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން.-- ފޮޓޯ: މިޔަންމާ ފުޓްސަލް

މިއަހަރުގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި ރާއްޖޭން ކުޅުނު އަފްޣާނިސްތާނަކީ މިދިޔަ އަހަރުގެ ފީފާ ފުޓްސަލް ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕް ވެސް ކުޅުނު ޓީމެކެވެ. ވޯލްޑް ކަޕްގެ ގަދަ 16 ގައި ވާދަކުރުމުގެ އިތުރުން އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލް ކުޅުނު އަފްޣާނިސްތާން ވަނީ، ހޮނިހިރު ދުވަހު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ ކޮޅަށް ހަތް ލަނޑު ޖަހައިފަ އެވެ.

ފަހު ހާފު ފެށިގެން ހަތަރުވަރަކަށް މިނިޓުތެރޭ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ދިން ބޯޅައެއް ރީތިކޮށް ގޯލުތެރަށް ފޮނުވާލައިގެން ކޮލިފައިންގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖަހައިދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ. ފުރަތަމަ ހާފުގައި ގިނަ ލަނޑުތަކެއް ޖެހި ނަމަވެސް މި ހާފުގައި އަފްޣާނިސްތާނަށް ޖެހުނީ ތިން ލަނޑެވެ.

މިއަދު މިޔަންމާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ޝިޔާ، މިޔަންމާ ކުޅުންޔތެރިއެއް ހުއްޓުވަން މަސައްކަތް ކުރަނީ.-- ފޮޓޯ: މިޔަންމާ ފުޓްސަލް
މިއަދު މިޔަންމާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ޝިޔާ، މިޔަންމާ ކުޅުންޔތެރިއެއް ހުއްޓުވަން މަސައްކަތް ކުރަނީ.-- ފޮޓޯ: މިޔަންމާ ފުޓްސަލް

ވޯލްޑް ކަޕް ނުކުޅުނު ނަމަވެސް އޭޝިއަން ކަޕްގައެ މިދިޔަ އަހަރު ކުޅުނު މިޔަންމާ އަކީ އާސިއާން ސަރަހައްދުގައި ފާހަގަ ކޮށްލެވޭ ޓީމެކެވެ. މެޗުގެ ކުރީކޮޅު ރާއްޖެ ކޮޅަށް ދެ ގޯލު ވަން ނަމަވެސް ސައްޓު އާއި އަލީ ޝިޔާން (ޝިޔާ)ގެ ގޯލުތަކުން ރާއްޖޭން ނަތީޖާ އެއްވަރު ކުރި އެވެ. ކީޕަރު ކައިރިން ވެސް ނައްޓާފައި ސައްޓު މެޗުގެ ފުރަތަމަ ގޯލު ޖެހި އިރު، ޝީޔާ އަށް ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ.

ފުރަތަމަ މެޗުގައި ގިނަ މިސްޓޭކުތަކެއް ހެދުނު ނަމަވެސް މިއަދު މިއަދުގެ މެޗުގައި ހާއްޕެ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ހައެއްކަ މިނިޓަށް ވެފައި ވަނިކޮށް އޭނާއަށް އަނިޔާވެގެން ދަނޑުން ބާލަން ޖެހި، ކުޑަ ވަގުތުކޮޅެއްގެ ތެރޭ ރާއްޖެ ކޮޅަށް އިތުރު ދެ ގޯލު ވަނީ ވަދެފަ އެވެ.

މިޔަންމާ ވަނީ ދެވަނަ ހާފު ފެށިގެން މިނިޓެއްހާއިރުތެރޭ އެ ޓީމުގެ ހަވަނަ ލަނޑު ޖަހައިފަ އެވެ. އަދި ފަހު ވަގުތު އިތުރު ގޯލެއް ޖަހާފައި ވަނިކޮށް ރާއްޖޭގެ ތިންވަނަ ލަނޑު ޖަހައިދިނީ ހުޒެއިފަތު ރަޝީދު (ހުޒޭ) އެވެ.

ތިން ޓީމު ހިމެނޭ މި ގުރޫޕްގެ ފަހު މެޗުގައި އަފްޣާނިސްތާނާއި މިޔަންމާ ބައްދަލުކުރާނީ ބުދަ ދުވަހު އެވެ. ގުރޫޕްގެ އެއްވަނަ އަދި ދެވަނަ ކަނޑައަޅާނީ އެ މެޗުގެ ނަތީޖާއިންނެވެ.