އިއްޔެގެ އަންހެން 18 އަހަރުން ދަށުގެ ފުރަތަމަ ބުރުގެތެރެއިން، (ކ-ވ) އިމާނީ، އަލައިކާ، އާލިޔާ.-- ފޮޓޯ: އެމްއެސްއޭ
30 އޮކްޓޯބަރ 2025 - 12:09
މުޅިން އަލަށް އަންހެން ސާފަރުން ހިމަނައިގެން ފުރަތަމަ ފަހަރަށް ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްސް 2025 ފަށައިފި އެވެ.
ރާއްޖޭގައި 2021 އިން ފެށިގެން ސާފިންގެ އޯޕަން ޑިވިޝަންގައި އަންހެން ރާޅާއެޅުންތެރިން އަންނަނީ މުބާރާތްތަކުގައި ވާދަކުރަމުންނެވެ. ނަމަވެސް މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޖޫނިއާ އަންހެން ރާޅާއެޅުންތެރިން މުބާރާތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.
މާލޭ ރާޅުގަނޑު ސަރަހައްދުގައި އިއްޔެ މެންދުރު ފެށިގެން ކުރިއަށްދާ މިއަހަރުގެ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްސްގައި އަންހެން 18 އަހަރުން ދަށުގެ ކެޓަގަރީގެ އިތުރުން ދެން ހިމެނެނީ ފިރިހެން 14 އަހަރާއި 16 އަހަރު އަދި 18 އަހަރުން ދަށުގެ ކެޓަގަރީ އެވެ.
ޖޫނިއާ ޗެމްޕިއަންޝިޕަށް ފަހު، ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިއަހަރުގެ ރަންނަމާރި ޗެލެންޖްގައި ވެސް ޖޫނިއާ ސާފަރުން ވާދަކުރާނެ ކަމަށް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ހާމަކޮށްފައިވެ އެވެ.
އަންހެން ޖޫނިއާ ކެޓަގަރީގައި ހަ ރާޅާއެޅުންތެރިން ބައިވެރިވެފައިވެ އެވެ.
މުބާރާތުގެ ފުރަތަމަ ބުރުގެ ފުރަތަމަ ހީޓުގައި ވާދަކުރީ އާލިޔާ ލަތީފް އާއި އިމާނީ އެލީޒާ ޝިއާން އަދި އަލައިކާ އަބްދުލް އަލީމް އެވެ. އަދި ދެވަނަ ހީޓުގައި ވާދަ ކުރީ މަރިޔަމް ޒޯހާ މާދިހް އާއި އައިޝާ ތާރާ ވާސިފް އަދި ސުމައްޔާ މަރިޔަމް އާތިފް އެވެ.
	އަންހެން ޖޫނިއާ ބައިވެރިން؛ (މަތި؛ ކ-ވ): އަލައިކާ، އިމާނީ، އާލިޔާ. (ތިރި؛ ކ-ވ): ޒޯހާ، ސުމައްޔާ، ތާރާ.---
ފުރަތަމަ ހީޓުގައި ޖުމްލަ 10 ޕޮއިންޓް ހޯދައިގެން އެއްވަނަ ހޯދައި ފައިނަލް ހީޓުގެ ސީދާ ޖާގައެއް ހޯދާފައި ވަނީ އާލިޔާ އެވެ. އޭނާގެ ފުރަތަމަ ރާޅަށް 6 ޕޮއިންޓް ހޯދި އެވެ. ދެވަނަ ރާޅަށް ވަނީ 4 ޕޮއިންޓް ހޯދައިފަ އެވެ. މި ހީޓުގައި ދެން ވާދަކުރި އިމާނީއަށް 4.70 ޕޮއިންޓް ލިބުނުއިރު އަލައިކާއަށް ވަނީ 1.50 ޕޮއިންޓް ލިބިފަ އެވެ.
ދެވަނަ ހީޓުގެ އެއްވަނަ ހޯދި ޒޯހާ ވަނީ ޖުމްލަ 7 ޕޮއިންޓް ހޯދައިފަ އެވެ. އެއީ ދެވަނަ ރާޅަށް ހޯދި 3 ޕޮއިންޓާއި ތިންވަނަ ރާޅުގައި ހޯދި 4 ޕޮއިންޓާ އެކު އެވެ. ދެވަނަ އަށް ދިޔަ ތާރާ އަށް 5.50 ޕޮއިންޓް ލިބުނު އިރު ސުމައްޔާއަށް ވަނީ 2.50 ޕޮއިންޓް ލިބިފަ އެވެ. ހީޓު ކާމިޔާބުކުރި ޒޯހާ ވަނީ ފައިނަލް ހީޓަށް ދަތުރު ކޮށްފަ އެވެ.
ފައިނަލް ހީޓުގައި ހަތަރު ރާޅާއެޅުންތެރިން ވާދަކުރުނެ އެވެ. މި ވަގަުތު ފައިނަލުގެ ޖާގަ ހޯދާފައި ވަނީ އާލިޔާ އާއި ޒަހާ އެވެ. އަނެއް ދެ ރާޅާއެޅުންތެރިން ހޮވާނީ ސެމީ ފައިނަލް ހީޓުންނެވެ. ފުރަތަމަ ބުރުން ފައިނަލަށް ނުހޮވުނު ހަތަރު ސާފަރުން ސެމީގެ ހީޓުގައި ވާދަކުރާނެ އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގެ ފިރިހެން 18 އަހަރުން ދަށުގެ ބައިގައި 16 ރާޅާއެޅުންތެރިން ވާދަކުރެ އެވެ. އަދި 16 އަހަރުން ދަށުގެ 14 ރާޅާއެޅުންތެރިން ވާދަކުރެ އެވެ. އަދި 14 އަހަރުން ދަށުގެ ބައިގައި ވާދަކުރަނީ 4 ރާޅާއެޅުންތެރިންނެވެ.
		
		
		
		Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy