ކުޑަހުސެން ޔުނިވާސިޓީގެ ލެކްޗަރާއަކާ އެކު. -- ފައިލް ފޮޓޯ
10 ނޮވެމްބަރ 2025 - 13:41
ރާއްޖޭގެ ކުރީގެ މެރެތަން ރެކޯޑް ހޯލްޑަރު އަދި މިހާރުގެ މަޝްހޫރު ކޯޗު ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ރާއްޖެ ދޫކޮށް މެލޭޝިއާ އަށް ބަދަލުވެ، އެ ގައުމުގެ ޔުނިވާސިޓީއެއްގެ އިސް ވަޒީފާއަކާ ގުޅިއްޖެ އެވެ.
މެލޭޝިއާ ސަރުކާރުގެ ޔުނިވާސިޓީއެއް ކަމަށްވާ ޕެރާކުގެ ސުލްތާން އިދުރީސް އެޑިއުކޭޝަން ޔުނިވާސިޓީ ސްޕޯޓްސް ސައިންސް އެންޑް ކޯޗިން ފެކަލްޓީގެ ސީނިއާ ލެކްޗަރާގެ މަގާމާ ހަވާލުވީ ހުސެން ބުނި ގޮތުގައި ރަނގަޅު ފުރުސަތަކަށްވުމުގެ އިތުރުން، ރާއްޖޭގައި ކުރިއަށް ދިއުމަށް އެކަށީގެންވާ މަގެއް ފެންނަން ނެތުމުން ކަމަށެވެ.
ސުލްތާން އިދުރީސް ޔުނިވާސިޓީގައި ހުސެންގެ މައިގަނޑު ޒިންމާއަކީ ފިޒިކަލް އެޑިއުކޭޝަން، ސްޕޯޓްސް ސައިންސް، އަދި ސްޕޯޓްސް ސޯޝިއަލިޖީގެ މާއްދާތައް ކިޔަވައިދީ ސްޕޯޓްސް ޓީޗަރުންނާއި، ކޯޗުން އުފައްދައި، ތަމްރީންކުރުމެވެ.
މީގެ އިތުރުން ޔުނިވާސިޓީގެ އެތުލެޓިކްސް ޓީމަށް ކޯޗުކޮށްދިނުމާއި، ޕެރާކުގެ ސްޓޭޓް ލެވެލްގެ ބައެއް ދުވުންތެރިން ތަމްރީންކުރުމަކީ އޭނާ ކުރާނެ މަސައްކަތްތަކެވެ.
ހުސެން އައީ މާލޭގައި ކޭއެޗް ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކާމިޔާބުކަމާ އެކު އެކަޑަމީއެއް ވެސް ހިންގަމުންނެވެ. އެތަނުގައި ވަކި ކުޅިވަރެއް އިހުތިޔާރުކުރުމުގެ ކުރިން ކުޑަކުދިންނަށް ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމަކާއި، ޕްރޮފެޝަނަލް ދުވުންތެރިންނާއި، ރެކްރިއޭޝަނަލް ދުވުންތެރިން ވެސް އައީ ތަމްރީންކުރަމުންނެވެ.
ހުސެން ބުނީ ކުރިން ހިންގިހާ ފުޅާކޮށް ނޫނަސް، އޭނާ ނެތަސް އެކަޑަމީގެ ކަންކަން މާލޭގައި ކުރިއަށްދާނެ ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ބެލެނެވެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމް ކުރިއެކޭ އެއްގޮތަށް އޮންނާނެ ކަމަށް އޭނާ ބުންޏެވެ.
ކުޑަހުސެން (ކ) މެލޭޝިއާގައި އޭނާ ކޯޗުކޮށްދޭ ބައެއް ދުވުންތެރިންނާ އެކު.
އޭނާ ބުނީ ރާއްޖޭގެ ދުވުންތެރިންނާއި، ކޯޗުންނަށް މެލޭޝިއާ އިން ތަމްރީނުގެ ފުރުސަތު ހޯދައިދޭނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކުރީގެ ދުވުންތެރިޔާ އަދި މިހާރުގެ ކޯޗު ނަސީރު އިސްމާއީލް ވަނީ ހުސެން ހޯދައިދިން ފުރުސަތެއްގައި ދާދި ފަހުން މެލޭޝިއާގައި އޮތް ކޮންފަރެންސެއްގައި ބައިވެރިވެފަ އެވެ. އަދި ކުރިއަށް އޮތް ޑިސެމްބަރު މަހު ޖޫނިއާ ދުވުންތެރިންގެ ޓީމެއް ވެސް މެލޭޝިއާ އަށް ގެންދަން ހުސެން ވަނީ ރާވައިފަ އެވެ.
"ރާއްޖޭގެ ކުޅިވަރުގެ ކަންކަން ދިރާސާކުރުމަކީ ވެސް އަޅުގަނޑު ކުރި ކަމެއް. މެލޭޝިއާގައި ހުއްޓަސް އެކަން ކުރިއަށްގެންދާނަން. ކުޅިވަރާ ގުޅޭ ކަންކަން ރިސާޗްކޮށް ޝާއިއުކޮށް، އެ ޑޭޓާ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭނަން އިރާދަކުރެއްވިއްޔާ،"
ހުސެން އަކީ، 1988 ވަނަ އަހަރު ދެކުނު ކޮރެއާގެ ސޯލްގައި ބޭއްވި އޮލިމްޕިކްސް އަށް ރާއްޖޭން ފޮނުވާނެ ދުވުންތެރިން ތަމްރީންކުރަން މަރްހޫމް މުހައްމަދު ޒާހިރު ނަސީރު އިސްވެ ހުންނަވައި އޮލިމްޕިކް ކޮމިޓީން ހިންގި ތަމްރީންތަކުން އުފެދުނު ދުވުންތެރިއެކެވެ. އޭރު ރާއްޖެ އައި ޖަޕާން ކޯޗުގެ ތަމްރީނާ އެކު ހުސެން ވަނީ 1988 ގެ އޮލިމްޕިކްސްގައި ދުވެ، ރާއްޖޭގެ ފުރަތަމަ އޮލިމްޕިއަންގެ ޝަރަފް ހޯދައިފަ އެވެ.
އޭގެ ފަހުން ޕާކިސްތާނުގައި 1989 ވަނަ އަހަރު އޮތް ސާފް ގޭމްސްގައި 2 ގަޑި 45.03 މިނެޓުން މެރެތަން ދުވެ އޭނާ ރެކޯޑް ހެދި އެވެ. އެ ރެކޯޑް އެހެން ދުވުންތެރިޔަކަށް މުގުރާލެވުނީ 28 އަހަރު ފަހުންނެވެ. ދުވުމުގެ ކެރިއަރަށް ފަހު ހުސެން ވަނީ ގައުމީ އެތުލެޓިކްސް ޓީމުގެ ކޯޗުކަމާއި، ނިއު ރޭޑިއަންޓުގެ ފުޓްބޯޅަ ޓީމުގެ ފިޓްނަސް ކޯޗުކަން ވެސް ކޮށްފަ އެވެ.
އޭގެ ފަހުން އޮލިމްޕިކް ސްކޮލަޝިޕެއްގައި ނިއުޒީލެންޑަށް ގޮސް ކުޅިވަރުގެ ރޮނގުން ޕީއެޗްޑީ ހާސިލްކުރި އެވެ. ހުސެން ބުނީ އެ ކޯސް ނިމުމުން ނިއުޒީލެންޑުގެ ރައްޔިތުކަން ލިބެން އޮތް ކަމަށާއި އެކަމަކު އެ ފުރުސަތު ދޫކޮށް އެނބުރި ރާއްޖެ އައީ ގައުމަށް ހިދުމަތްކުރުމުގެ މަތިވެރި ނިޔަތުގައި ކަމަށެވެ. އޭގެ ފަހުން އޭނާ ސިފައިންގޭގައި ވަޒީފާއަދާކުރި އެވެ. އަދި އޮލިމްޕިކް ކޮމިޓީގެ ނައިބް ރައީސްކަމާއި، ސްޕޯޓްސް ކައުންސިލުގެ މެމްބަރުކަން ވެސް ކުރި އެވެ.
އެކަމަކު ހުސެން ބުނީ އޭނާ އަކީ ކަންކަމާ ކްރިޓިކަލީ ފާޑުކިޔާ މީހެއް ކަމަށާއި އެކަން ބަލައިނުގަނެވި އޭނާއާ މެދު ކުޅިވަރުގެ އިސް ފަރާތްތަކާއި، އެސޯސިއޭޝަންތަކުގެ ވެރިންގެ ހިތުގައި އޮންނަނީ ހިތްހަމަނުޖެހުން ކަމަށެވެ. އަދި ކިޔެވި އެއްޗެއްގެ ބޭނުން ހިފައި، ކުޅިވަރު ކުރިއަރުވަން ބޭނުންވި ނަމަވެސް ސިޔާސީ ނުވެ އެފަދަ ކަމެއް ކުރުމުގެ ފުރުސަތު ވެސް ނޯންނަ ކަމަށް ބުންޏެވެ.
"ކޮންމެ ސަރުކާރަކުން ވެސް ވަޒީފާ އޮފާކުރޭ. އެކަމަކު އެ ލިބެން އޮންނަނީ ޕާޓީއަށް ވަދެގެން. އެއީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން،" ކުޅިވަރުގެ ރޮނގުން ގައުމީ އިނާމް ހާސިލްކޮށްފައިވާ ހުސެން ބުންޏެވެ.
ހުސެން ބުނީ މެލޭޝިއާގެ ފުރުސަތުގެ ބޭނުން ހިފީ، ރާއްޖޭގައި އެފަދަ ކަންކަމާ ހުރެ ކުރިއަށް ދެވެން ނެތުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
568ފަރީދު
12 November 2025
ދިވެހީންނަކީ ދިވެހިން ކުރިއަރާތަން ދެކެން ކެތްވާ ބައެއް ނޫން. ބަންގާޅީއަކުވެސް އެމީހުން ކުރިއަރުވަފާނެ ގާބިލު ދިވެހިންދެކެ އަރާ ރުޅިން
70007
11 November 2025
އަމަލަށްވުރެ ވާހަކަ ގިނަ އަދި ޝަކުވާ އެހާމެގިނަ މީހެއް. ކިތެންމެ މޮޅަށް ކިޔެވިޔަސް ގިނަ މީހުންނަކީ އޭގެ ބޭނުން ރަގަޅުގޮތުގައި ހިފަން ނޭންގޭ މީހުން. ތިމާއަކީ ހަމައެކަނި ރަގަޅު ކަންކަން ކުރެވޭ މީހާއަށްވީމައި އަދި އެހެން މީހުންގެ ހިޔާލަށް އިޙްތިރާމްކުރަން ބޭނުންނުވާމީހާއަށް ވަރަށް އުނދަގޫވާނެ. އަބަދުވެސް ކޮންމެކަމެއްގައި ޝަކުވާ.
ހާނޖީ
11 November 2025
"ކޮންމެ ސަރުކާރަކުން ވެސް ވަޒީފާ އޮފާކުރޭ. އެކަމަކު އެ ލިބެން އޮންނަނީ ޕާޓީއަށް ވަދެގެން. އެއީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން،" ކުޅިވަރުގެ ރޮނގުން ގައުމީ އިނާމް ހާސިލްކޮށްފައިވާ ހުސެން ބުންޏެވެ ....
ހަލާލު
11 November 2025
ތިއިން އެއްވެސް ހުނަރުވެރިއެއް ރާއްޖެއަކަށް ބޭނުމެއްނުވޭ. ރާއްޖެއަށް ބޭނުންވަނީ ސިޔާސީ ވަގުން.
ޱރ އިޝްތިހާރު
11 November 2025
މަޱުމަޱުން ތިތަނުގަ ހުރެބަލަ ކޮންކަމެއްތަ ނޫސްތަކުގެ ފަލަސުރުހީއަށް ޚަބަރުތިޔަދެނީ.
ރަދީފްއޮފިޝަލް / ރަނިން
10 November 2025
މަރުހަބާ ޑރ ހުސެން.ރާއްޖޭގަ ކިޔަވައިގެން ތިބެ ވެސް ކުރިއަށް ދެވޭނީ ކޮންމެވެސް ސިޔާސީ މީހެއްގެ ޖީބަށް އެރިއޮވެގެން.އެމީހަކު ކިޔެވި އެއްޗެއް ޕްރެކްޓިސްކުރަން ފުރުސަތު ހޯދަން އެދޭނަމަ ވަރަށް ބޮޑަށް ސިޔާސީ މީހުންނަށް ގުލާނުކޮށްދޭން ޖެހޭނެ.ހުސެންގ ތިޔަ ނިންމުމަށް ސާބަސް.ގުޑް ލަކް.ވ.ވެދުން
އޮރެންޖްބެރީ
10 November 2025
މިފަދަ ފުރުސަތުތައް ސަރުކާރުން ފަހިކޮށްދޭންވީ. މިގައުމަށް ޑޮލަރު ވަންނަން އޮތީ ދިވެހިންނަށް ބޭރުގެ ވަަޒީފާ ލިބިގެން. ޓުއަރިސްޓުން މިތަނަށް ގެނެސްގެން ޑޮލަރު އިތުރު ނުވާކަން އެބަ އެގޭ. ކުރީގައި ދިވެހި ސީމަނުންގެ ފަރާތުން ރާއްޖެއަށް ޑޮލަރުވަން. ޓީޗަރުންވެސް، ނަރުހުންވެސް ތަމްރީންކޮށް ބޭރަށް މާރކެޓްކޮށް އެކުދިންނަށް ބޭރުގެ ވަޒީފާ ހޯދަދޭންވީ. ބްރެއިން ޑްރެއިނެއް ނޫން. ބްރެއިން އެކްސްޕޯޓިން. ފިޖީ ފަދަ ކުދި ގައުމުތަކުންވެސް ގެން ގުޅެނީ މިގޮތް.
ޖެކީޗަން
10 November 2025
މަގުނެތިއްޔާ ޖެހޭނީ މަގުހޯދާން. ތީ އަސްކަރީބޭކަލެއް. ދަސްކޮށްދީފާ ހުންނަަނީ އެގޮތަށް. އެހެނަސް ހުސޭނަށް ވަރަށްބޮޑަށް މަރުހަބާ.