16 ޑިސެމްބަރ 2025 - 11:08
އެމެރިކާގެ ލޮސް އެންޖެލެސްގައި 2028 ގައި ބާއްވާ އޮލިމްޕިކްސް މުބާރާތުގައި 28 ޑޮލަރަށް އެއް މިލިއަން ޓިކެޓް ވިއްކާނެ ކަމަށް ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީ އިން ބުނެފި އެވެ.
އެ ކޮމިޓީން ބުނި ގޮތުގައި އަންނަ މަހުގެ 14 އިން ފެށިގެން ޓިކެޓް ބޭނުންވާ ފަރާތްތަކުން އެކަން ހުށަހެޅޭނެ ކަމަށާއި، އޭގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަކަށް، ޓިކެޓް ގަންނަން ވަކި މުއްދަތެއް ކަނޑައެޅިގެން ދާނެ ކަމަށެވެ.
މި ނިންމުން ނިންމާފައި މި ވަނީ، އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕުގެ ޓިކެޓްގެ އަގު ބޮޑުވެގެން ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖް މެޗުތަކުގެ އަގުތައް އުޅެނީ، އެންމެ ފަހުން ގަތަރުގައި ބޭއްވި މުބާރާތުގެ އަގުތަކަށް ވުރެ ތިން ގުނަ ބޮޑުކޮށެވެ. އަދި ފައިނަލް މެޗުގެ އެންމެ އަގު ހެޔޮ ޓިކެޓެއް ވެސް ލިބޭނީ 3،119 ޕައުންޑަށެވެ.
މިދިޔަ އަހަރު ބޭއްވި ޕެރިސް އޮލިމްޕިކްސްގައި ޓިކެޓްގެ ފެށޭ އަގު ހުރީ 24 ޔޫރޯ (20 ޕައުންޑް) ގަ އެވެ.
އެލްއޭ 2028 އޮލިމްޕިކްސްގައި ކޮންމެ ކުޅިވަރަކަށް ވެސް 28 ޑޮލަރުގެ ޓިކެޓް ވިއްކަން ވަނީ ހަމަޖެހިފަ އެވެ. އަދި މީގެ އިތުރުން ވެސް 100 ޑޮލަރަށް ވުރެ ހެޔޮ އަގުގައި ތިރީހަކަށް ޕަސެންޓްގެ ޓިކެޓް ވިއްކަން ހަމަޖެހިފައިވާކަމަށް ވެސް ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީން ހާމަކުރެ އެވެ.
ފީފާ އިން ވަނީ، ވޯލްޑް ކަޕްގެ ޓިކެޓަށް ހުޅުވާލުމުން 24 ގަޑިއިރު ތެރޭ 200 އެތައް ގައުމަކުން ފަސް މިލިއަނަށް ވުރެ ގިނަ ފަރާތަކުން ޓިކެޓަށް އެދިފައި ވާކަމަށެވެ.
އެލްއޭ 2028 އޮލިމްޕިކްސްގެ ޗީފް އެލިސަން ކެޓްޒް-މޭފީލްޑް ވިދާޅުވީ، ޓިކެޓަށް އެދޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެން ޓިކެޓް ވިއްކުމަކީ، އެންމެ އިންސާފުވެރި ގޮތް ކަމަށް ދެކޭ ކަމަށެވެ.
"ޓިކެޓް ބޭނުން ވެގެން ފުރަތަމަ އެދޭ މީހާއަށް ވިޔަސް، އެންމެ ފަހުން އެދޭ މީހާއަށް ވެސް، ގުރުއަތަށް ވަންނަ ހިސާބުން ކޮންމެ މީހަކަށް ވެސް ގަންނަން ލިބޭނެ ކަމުގެ ފުރުސަތު އޮންނާނީ އެއްވަރަކަށް،" ކެޓްޒް-މޭފީލްޑް ވިދާޅުވި އެވެ.
ޓިކެޓަށް އެދޭ ފަރާތްތަކުން ރަޖިސްޓާ ވެގެން ގުރުއަތުގައި ބައިވެރި ވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy