މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (އޭޕްރިލް 3) - ރަފައެލް ނަޑާލްގެ މައްޗަށް ކުރި ހޯދައި މިއާމީ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ރޮޖާ ފެޑެރާ ހޯދައިފި އެވެ.
މިދިޔަ އަހަރު ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް ފަހު އުމުރުން 35 އަހަރުގެ ފެޑެރާ އަންނަނީ ތަފާތު ދައްކަމުންނެވެ. ފެޑެރާ ވަނީ މި އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އިތުރުން މިދިޔަ މަހު އޮތް އިންޑިއަން ވެލްސް މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.
އޮސްޓްރޭލިއަން އޮޕަން ފައިނަލެކޭ އެއްގޮތަށް ފެޑެރާ ވަނީ މިއާމީ އޯޕަން ފައިނަލުގައި ވެސް ނަޑާލާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފެޑެރާ މި މުބާރާތުގެ ފައިނަލުން ކުރިހޯދީ 6-3 6-4 އިން ސެޓުތައް ގެންގޮސްގެންނެވެ. މިއީ ނަޑާލް އަތުން މިދިޔަ 13 އަހަރުގެ ތެރޭގައި ފެޑެރާ ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.
މި އަހަރު މިހާތަނަށް ކުޅުނު 20 މެޗުގެ ތެރެއިން ފެޑެރާ ވަނީ 19 މެޗުން މޮޅުވެފަ އެވެ. ފެޑެރާ ބުނީ މިއީ އޭނާ އަށް ހުރިހާ ގޮތަކުން ވެސް ތަފާތު ކާމިޔާބީތަކެއް ހާސިލްކުރެވެމުންދާ އަހަރެއް ކަމަށެވެ.
"އަހަރެން އުއްމީދެއް ނުކުރަން މިހާ ކާމިޔާބުކޮށް އަހަންނަށް މި އަހަރު ފެށޭނެ ކަމަށް. މިއީ އަހަންނަށް ހުވަފެނީ ފެށުމެއް. އެ ހުވަފެން އަދިވެސް މިދަނީ ކުރިއަށް. އަހަރެންގެ ކާމިޔާބީގެ ފަހަތުގައި އެބައޮތް ވަރަށް ހިތްވަރުކުރާ ބައެއް. އެއީ އަހަރެންގެ ކޯޗުންނާއި އާއިލާ އަދި ރައްޓެހިން އެ އެންމެނަށް ޝުކުރުއަދާކުރަން،" ފެޑެރާ ބުންޏެވެ.
ނަޑާލާއި ފެޑެރާ އެންމެ ފުރަތަމަ ވާދަކުރީ 2004 ވަނަ އަހަރުގެ މިއާމީ އޯޕަންގަ އެވެ. މިއީ މިއާމީ އޯޕަން ފައިނަލުން ނަޑާލް ބަލިވި ފަސް ވަނަ ފަހަރެވެ. ނަޑާލް ބުނީ މި އަހަރުގައި އޭނާގެ ކުޅުން ރަނގަޅުވި ނަމަވެސް އަދި އަމާޒަށް ވާސިލްނުވެވޭ ކަމަށެވެ.
"އަހަރެންގެ ހަގީގީ އަމާޒަކީ ބޮޑު ތަށްޓެއް ހޯދުން. އެކަމަކު ކޮންމެ ފަހަރަކު އަހަރެން ވަރަށް ހިތްވަރުކޮށްގެން އެންމެ ފަހު ވަގުތު މި ލިބެނީ ކުޑަ ތަށްޓެއް. އެކަމަކު މިއީ ނިމުމެއް ނޫން. އަހަރެންނަކީ އަބަދުވެސް ކުރިއަށް ވިސްނާ މީހެއް،" ނަޑާލް ބުންޏެވެ.