ނިއު ރޭޑިއަންޓުން، އެ ކްލަބުގެ ބީ ޓީމެއް އެކުލަވާލަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒު ޓީމަށް ގެނެސްފި އެވެ.

ނިއުގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވީ ސީޒަން ފެށުނީއްސުރެ އެ ކްލަބުން އަންނަނީ ބީ ޓީމެއް އެކުލަވާލުމަށްޓަކައި ހުނަރުވެރި ޒުވާން ކުޅުންތެރިން ހޯދަމުން ކަމަށާއި، އުމެއިރަކީ އޭގެ ތެރެއިން އެއް ކުޅުންތެރިއެއް ކަމަށެވެ. ދެން ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ނިއުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ނާސިރުގެ ދަރިފުޅާއި، ކުރީގެ މިޑްފީލްޑަރު އަހުމަދު ނާޒް (އާކޭ) ގެ ދަރިފުޅު ހިމެނެ އެވެ.

ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ އުމެއިރު ވަނީ ދާދި ފަހުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ އަށް ކުރެއްވި ދަތުރުގައި، ބޭއްވެވި ފުޓްބޯޅަ މެޗުގައި ކުޅެފަ އެވެ.

މުބީން ވިދާޅުވީ ސީނިއާ ޓީމާއި، ބީ ޓީމު ވަކިން ޕްރެކްޓިސް ކުރިއަށް ގެންދެވޭ ވަރަށް ދަނޑު ލިބެން ނެތުމުން، ބީ ޓީމުގެ ކުޅުންތެރިން މިވަގުތު ތަމްރީން ހަދާނީ ސީނިއާ ޓީމާ އެއްކޮށް ކަމަށެވެ. އަދި ބީ ޓީމަށް ގެނައި ޒުވާން ކުޅުންތެރިން، ސީނިއާ ޓީމުގެ ސްކޮޑުގައި ވެސް ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޯޗަށް އޮންނާނެ އެ ކުޅުންތެރިން މެޗު ޑޭ ސްކޮޑަށް ނެގުމުގެ އިހުތިޔާރު،" މުބީން ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ ކުރިމަގުގައި ބީ ޓީމު ވެގެންދާނީ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗު މުހައްމަދު ފައިސަލް (ކަޓޭ) ގެ ބެލުމުގެ ދަށުން ވަކިން ތަމްރީންތައް ގެންދާނެ ވަކި ޕްރޮޖެކްޓަކަށް ކަމަށެވެ.

"ބީ ޓީމަކީ އަޅުގަނޑުމެން ސީނިއާ ޓީމަށް ބޭނުންވާ ކުޅުންތެރިން ތަމްރީން ކުރަން ބޭނުންކުރާނެ ޕްރޮޖެކްޓެއް. އަދި މިސާލަކަށް ޔޫތު މުބާރާތެއް ބޭއްވިޔަސް، އެ މުބާރާތަށް ކުޅުންތެރިން ނަގާނީ ބީ ޓީމުން،" މުބީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖޫނިއާ ކުޅުންތެރިންނަށް ތަމްރީން ދޭން ނިއުގެ އެކަޑަމީގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.