ނިއު ރޭޑިއަންޓުގެ ޓެކްނިކަލް ޑިރެކްޓަރަކަށް ސްޕެއިނުގެ ކުރީގެ ކުޅުންތެރިޔާ ފްރެންސިސްކޯ މެނުއަލް ކައީންޒޮސް ހަމަޖައްސައިފި އެވެ.
އޭނާގެ ޒިންމާއަކީ ނިއުގެ ސީނިއާ ޓީމާއި، އަލަށް އެކުލަވާލާ ބީ ޓީމާއި، އަންހެން ޓީމާއި، އެކަޑަމީގެ ޓެކްނިކަލް ކަންކަން ބެލެހެއްޓުމެވެ.
ނިއު އިން ބުނީ ކައީންޒޮސްގެ ތަޖުރިބާ އާއި ގާބިލްކަމާ އެކު ކްލަބަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
ރާއްޖޭގެ ކްލަބްތަކުން އާއްމުކޮށް ޓެކްނިކަލް ޑިރެކްޓަރުން އައްޔަންނުކުރެ އެވެ. ގިނަ ފަހަރަށް ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާ ނަގާނީ ކްލަބުގެ ސީނިއާ ޓީމުގެ ކޯޗެވެ.
ނިއުގެ ސީނިއާ ޓީމުގެ ކޯޗަކީ އަލީ ސުޒޭނެވެ. އަދި ބީ ޓީމުގެ ކޯޗަކަށް ހަމަޖައްސަން ނިންމާފައިވަނީ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗު މުހައްމަދު ފައިސަލް (ކަޓޭ) އެވެ.
ސްޕެއިނުގެ ބާސެލޯނާ އަށް އުފަން ކައިންޒޮސް ވެސް ވަނީ ސްޕެއިނުގެ އެކި ޑިވިޝަންތަކުގައި 1980ގެ އަހަރުތަކުން ފެށިގެން ދެހާހުގެ އަހަރުތަކާ ހަމަޔަށް ކުޅެފަ އެވެ.