ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްގެ މައްޗަށް ވެސް ކާމިޔާބު ހޯދައި، މުބާރާތުގައި ރާއްޖޭން ދަމަހައްޓަމުންދާ ނުފޫޒު އިތުރަށް ގަދަކޮށްފި އެވެ. 

މިއަދު ކުޅުނު މެޗު ރާއްޖޭން ކާމިޔާބު ކުރީ 6-1 ންނެވެ. 

ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ނޮންތަބުރީ އިންޑޯ ސްޓޭޑިއަމްގައި ކުރިއަށްދާ މުބާރާތުގައި، ރާއްޖޭން ވަނީ ކުޅުނު ދެ މެޗުން 13 ލަނޑު ޖަހައިފަ އެވެ. ރާއްޖެ ކޮޅަށް ވަނީ ދެ ލަނޑެވެ. ބުދަ ދުވަހު ޕާކިސްތާނު ކޮޅަށް ރާއްޖޭން ހަތް ލަނޑު ޖެހި އެވެ. 

ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް ނުކުތީ އެ ޓީމުގެ ފުރަތަމަ މެވުގައި އިންޑިއާއާ ދެކޮޅަށް 4-4 ން އެއްވަރުކުރި މެޗަށް ފަހު އެވެ. އެ ދެ ގައުމުގެ ދެމެދުގައި ޕޮއިންޓް ހިއްސާ ކުރި ނަމަވެސް، ރާއްޖެ ކައިރީގައި ބަންގްލަދޭޝަށް ވެސް ގަދަ އެއް ނުދެއްކުނެވެ. 

ރާއްޖެއާ ދެކޮޅަށް ބަންގްލަދޭޝްގެ ހަމައެކަނި ލަނޑު ޖެހީ، ގާތްގަނޑަކަށް ފުރަތަމަ 15 މިނެޓްތެރޭ ރާއްޖޭން ހަތަރު ލަނޑު ޖެހިފަހުންނެވެ. ބަންގްލަދޭޝްގެ ލަނޑު ޖެހީ ކާޒީ އިބްރާހިމް އަހްމަދެވެ. 

ރާއްޖޭގެ ހަ ލަނޑުގެ ތެރެއިން އަހްމަދު ރާހިލް ރަޝީދު ދެ ލަނޑު ޖެހި އެވެ. 

ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ސާފް
ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ސާފް

މެޗުގެ ފުރަތަމަ މިނެޓްގައި ރާއްޖޭން ލީޑް ނެގި އެވެ. އެ ލަނޑު ޖެހީ ކެޕްޓަން މުހައްމަދު އިމްރާނެވެ. ރާއްޖޭގެ ދެވަނަ  ލަނޑު އިޝާން އިބްރާހިމް ޖެހީ ނުވަވަނަ މިނެޓްގަ އެވެ. އެ ލަނޑަށް މިނެޓެއް ނުވަނީ ރާހިމް ވަނީ އޭނާގެ ފުރަތަމަ ލަނޑު ޖަހައި ރާއްޖޭގެ ނަތީޖާ 3-0 ކަށް ބަދަލުކޮށްފަ އެވެ. 

މެޗުގެ 16 ވަނަ މިނެޓްގައި ބަންގްލަދޭޝްގެ އިންތިޝާރު މުސްތޮފާ އަށް ރަތް ކާޑް ދެއްކި އެވެ. ޕެނަލްޓީ އޭރިއާގެ ތެރެއިން އޭނާގެ އަތް ހިއްލައިގެން ހުއްޓައު، ބޯޅައިން އޭނާގެ އަތުގައި ޖެހުމުން ރެފްރީ ނިންމީ އޭނާ ބޯޅައިގައި ގަސްތުގައި އަތުން ޖެއްސި ކަމަށެވެ. އެހެންވެ އޭނާ އަށް ރަތް ކާޑުދައްކައި ކޯޓުން ބޭރު ކުރި ކުރި އެވެ.

އޭނާގެ އަތުގައި ބޯޅައިން ޖެހުމުން ލިބުނު ޕެނަލްޓީން ލަނޑު ޖެހީ އަލީ ޝިޔާހު އެވެ. 

ރާހިލްގެ ދެވަނަ ލަނޑު އޭނާ ޖެހީ 31 ވަނަ މިނެޓްގައި އަދި އަބްދޫﷲ ޝާފިއު ވަނީ 40 ވަނަ މިނެޓްގައި ލަނޑު ޖަހައިފަ އެވެ. 

ލީގު އުސޫލުން ކުރިއަށްދާ މުބާރާތުގެ އެއްވަނައިގައި ރާއްޖެ އޮތީ ހަ ޕޮއިންޓާ އެކު އެވެ. ރާއްޖެއާ ތިން ޕޮއިންޓް ފަހތުގައި އޮތް ނޭޕާލްގެ ފުރަތަމަ މެޗުގައި މިއަދު ލަންކާގެ މައްޗަށް 2-1 ން ކުރި ހޯދައި ވަނީ ތިން ޕޮއިންޓް ހޯދައިގެން ދެވަނައިގައި ހަމަޖެހިލާފަ އެވެ.