ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެ ބޫޓާނާ ވާދަކޮށް 4-2 އިން ބަލި ވެއްޖެ އެވެ.

ބަލި ވިއަސް ރާއްޖޭން ވަނީ ކޮންމެ މެޗެއްގައި ހޯދަމުން އަންނަ ކުރިއެރުން މި މެޗުގައި ވެސް ދައްކައިފަ އެވެ. އެޓޭކާއި ޑިފެންސުގައި ވެސް ރާއްޖޭން ކުރިއަށް ވުރެ ރަނގަޅަށް ކުޅެފައިވެ އެވެ.

ބޫޓާނުން ފުރަތަމަ ހާފުގައި ޕެމާ ކުއެންޒަަން ލަނޑެއް ޖަހާފައި  ވަނިކޮށް، ރާއްޖޭން ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. އާމިނަތު ޝާމިލާ ދިން ބޯޅައަކުން ރާއްޖެއަށް އެއްވަރު ކޮށްދިނީ ރާނިޔާ އިބްރާހިމް އެވެ. ނަމަވެސް މި ހާފުގައި ޔެޝީ ބިދާ ވަނީ ބޫޓާނަށް އަލުން ލީޑު ހޯދައިދީފަ އެވެ.

ދެވަނަ ހާފުގައި ބޫޓާންގެ ތިންވަނަ ލަނޑު ޖަހައިދިނީ ނަމްގިޔޭން ދެމާ އެވެ. އަދި ހަތަރުވަނަ ލަނޑު ޖެހީ ތެހެރިން ލާދެން އެވެ. ރާއްޖޭގެ ދެވަނަ ލަނޑު މެޗު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ޖަހައިދިނީ އާމިނަތު ސާލިޔާ އެވެ.

މީގެ އިތުރުން ވެސް ރާއްޖެއަށް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. އަދި ބޫޓާނަށް ލިބުނު ގިނަ ފުރުސަތުތަކުގައި ރާއްޖޭޣެ ގޯލްކީޕަރުން ވެސް ވަނީ ހުޝިޔާރުކަން ދައްކައިފަ އެވެ.

މި ނަތީޖާއާ އެކު ރާއްޖެ އަދިވެސް އޮތީ ހަތަރު މެޗުން ޕޮއިންޓެއް ނުލިބި ތާވަލްގެ ފުލުގަ އެވެ. އަދި ބޫޓާން ވަނީ ރާއްޖެ ބަލި ކޮށްގެން، ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެން ތިންވަނައަށް ޖެހިލައިފަ އެވެ.

މިވަގުތު އެއްވަނައިގައި އޮތީ މިއަދު 6-3 އިން ސްރީލަންކާ ބަލިކުރި ބަންގްލަދޭޝް އެވެ. ބަންގްލަދޭޝް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައިގައި އޮތް އިންޑިއާ އަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ.

ނޭޕާލާއި ޕާކިސްތާނަށް ވެސް ފަސް މެޗުން ހަތް ޕޮއިންޓް ލިބިފައި ވާއިރު، މިއަދު ނޭޕާލް ވަނީ ޕާކިސްތާނާ ވާދަކޮށް 5-1 އިން މޮޅުވެފަ އެވެ.

މިހާތަނަށް މުބާރާތުގައި މޮޅެއް ނުހޯދި އޮތީ ރާއްޖެ އާއި ސްރީލަންކާ އެވެ. ލަންކާ ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި ނޭޕާލް އަތުން ޕޮއިންޓެއް ހޯދައިފަ އެވެ.

ރާއްޖޭގެ ފަސްވަނަ މެޗުގައި ހުކުރު ދުވަހުގެ މެންދުރު 3 ޖަހާއިރު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.