ސާފް ފުޓްސަލް ޗެމމްޕިއަންޝިޕް ފެށި އިރު ވެސް މުޅި ޓީމުގެ މަސައްކަތަކަށް ވީ މުބާރާތް ކާމިޔާބު ކުރުން ކަމަށް ގައުމީ ފުޓްސަލް ޓީމުގެ ކޯޗު އުޒްބަކިސްތާންގެ ފާރޫކް ޒަކީރޯވް ބުނެފި އެވެ.
"މުބާރާތް ފެށުމުގެ ކުރިން އަހަރެން އެންމެންނަށް ޓާސްކެއް ހަވާލު ކުރިން އަހަރެން ވެސް ހިމެނޭހެން. އެއީ ތަށި ނޫން އެއްޗެއް ބޭނުމެއް ނެތޭ. އަލްހަމްދުﷲ އަހަރެމެންގެ ލަނޑުދަނޑި ހާސިލް ވެއްޖެ،" މެޗަށް ފަހު މީޑީއާއާ ވާހަކަ ދައްކަމުން ޒަކީރޯވް ބުންޏެވެ.
"[އިންޑޯ ދަނޑުގައި ކުޅެން ޖެހުމުން] ކުޅުންތެރިންނަށް އުނދަގޫވި، އެކަމަކު ޗައިނާ ކޭމްޕުގެ އެހީ ވަރަށް ބޮޑަށް ލިބިފައިވޭ މި ޓީމަށް. އަހަރެންނަށް ހީވަނީ އެމީހުން ވަރަށް ރަނގަޅަށް މިހާރު ކުޅޭހެން."
މީގެ އިތުރުން ރާއްޖޭގެ ރައްޔިތުންގެ ސަޕޯޓަށް ޝުކުރުއަދާކޮށް މި ކާމިޔާބަށް މަރުހަބާ ކިޔަމުން ކޯޗު ޒަކީރޯވް ބުނީ، މީގެ ފަހުން ރާއްޖޭގައި ފުޓްސަލް ތަރައްގީ ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ހަމަ އެއާ އެކު، ލީގުގައި ބާކީ އޮތް ސްރީ ލަންކާ މެޗު ކާމިޔާބު ކުރުން ވެސް މުހިއްމު ކަމަށް ކޯޗު ބުންޏެވެ. އޭނާ ބުނީ މުބާރާޓް ނިންމާލަން ބޭނުން ވަނީ ހުރިހާ މެޗަކުން ވެސް މޮޅުވެގެން ކަމަށެވެ.
ރާއްޖެ ވަނީ މިހާތަނަށް ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލި ކުރި އިރު ދެވަނަ މެޗުގައި ބަންގްލަދޭޝް ބަލި ކުރީ 6-1 އިންނެވެ. ޖެހިގެން އައި މެޗުގައި އިންޑިއާއާ ވާދަކޮށް 5-0 އިން މޮޅުވެ، އެއަށް ފަހު ވަނީ ނޭޕާލާ ވަރުގަދަ ވާދައެއް ކޮށް 2-1 އިން މޮޅުވެފަ އެވެ. މިއަދު ބޫޓާން ބަލިކުރީ 3-1 އިންނެވެ.