ދިވެހިރާއްޖެ 14-2 އިން ފަހު މެޗުގައި ބަލި ކޮށް ބަންގްލަދޭޝް މެޗަކުން ބަލި ނުވެ، ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފި އެވެ.
މިއީ މި މުބާރާތުގައި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. ނަމަވެސް އަނިޔާގެ ސަބަބުން ކެޕްޓަން ފާތިމަތު ސާލިޔާ ނުލައި ކުޅުނު ރާއްޖޭން ވަނީ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ރާނިޔާ އިބްރާހިމް ބަންގްލަދޭޝްގެ ކުޅުންތެރިއެއް އަތުން ބޯޅަ ހޯދައިފައި ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ބްލޮކް ކުރި ވަގުތު ޑިފެންޑަރު ގައިގައި ޖެހިފަ އެވެ.
ނަމަވެސް އެއަށް ފަހު ބަންގްލަދޭޝް އިން ނަތީޖާ އެއްވަރު ކުރި އިރު، ލީޑު ނެގީ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށެވެ. އަދި ގާތް ގާތުގައި ޖެހި ގޯލުތަކުން ހާފު ނިންމާލީ ހަ ގޯލު ޖަހައިގެންނެވެ.
ރާއްޖޭގެ ދެވަނަ ގޯލު މެޗު ނިމެން 15 ސިކުންތަށް ވެފައި ވަނިކޮށް އާމިނަތި ފަޒްލާ ތަނަވަސް ކުރި ފުރުސަތަކުން ޖަހައިދިނީ މިއަދުގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މަރިޔަމް ނޫރާ އެވެ.
ރާއްޖެ ވަނީ ކުޅުނު ހަ މެޗުން ވެސް ބަލިވެފަ އެވެ. ނަމަވެސް މެޗަކަށް ފަހު މެޗެއް ކުރިހޯދަމުން އައި ރާއްޖެއަށް މިއަދު ދިމާވި އެންމެ ބޮޑު މައްސަލައަކީ ކެޕްޓަން ސާލިޔާ އަށް ނުކުޅެވުމެވެ.
މުޅިން އަލަށް ބާއްވާ ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގައި، އަދި ބާކީ ދެ މެޗު އެބަ އޮތެވެ. އެއީ މިއަދު ސްރީލަންކާ އާއި އިންޑިއާ ބައްދަލުކުރާ މެޗާއި ނޭޕާލާއި ބޫޓާން ބައްދަލުކުރާ މެޗެވެ.
ބަންގްލަދޭޝް މެޗަކުން ބަލި ނުވެ ހަ މެޗުން 16 ޕޮއިންޓް ހޯދާފައި ވާއިރު، ދެވަނައިހައި މިވަގުތު އޮތް ބޫޓާން ވެސް އަދި މެޗަކުން ބައްޔެއް ނުވެ އެވެ. އެ ޓީމު ވަނީ ފަސް މެޗުން މިހާތަނަށް 11 ޕޮއިންޓް ހޯދައިފަ އެވެ. އަދި ދެ މެޗުން ބަލިވެފައިވާ އިންޑިއާ ވަނީ ނުވަ ޕޮއިންޓް ހޯދައިފަ އެވެ.
ނޭޕާލާއި ޕާކިސްތާނަށް ވެސް ހަތް ޕޮއިންޓް ލިބިފައި ވާއިރު، ސްރީލަންކާ ވަނީ ހަތަރު ޕޮއިންޓް ހޯދައިފަ އެވެ.