ރާއްޖޭގައި މި އަހަރު ބާއްވަން ހަމަޖެހުފައިވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ، ނޭޕާލާއި ބޫޓާން އަދި ސްރީ ލަންކާއާ އެކު އެއް ގުރޫޕެއްގައި ހިމެނިއްޖެ އެވެ.
މި ހަތަރު ޓީމު ގުރޫޕް އޭގައި ހިމެނޭ އިރު، ހަތް ޓީމު ވާދަކުރާ މުބާރާތުގެ ގުރޫޕް ބީފައި ހިމެނެނީ ބަންގްލަދޭޝް އާއި އިންޑިއާ އަދި ޕާކިސްތާނެވެ.
މުބާރާތުގެ ގުރު ނެގުން ކުރިއަށް ގެންދިޔައީ މިއަދު ހަވީރު ތައިލެންޑްގެ ބެންކޮކްގަ އެވެ. ސާފް އިން ބާއްވާ އަހަރުގެ ފުރަތަމަ ފުޓްބޯޅަ މުބާރާތް ރާއްޖޭގައި ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މާޗު 23 އިން އޭޕްރީލް 3 އަށެވެ.
އިންޑިއާ އަކީ 18 އަހަރާއި 19 އަދި 20 އަހަރުން ދަށަށް ބާއްވާ މި އުމުރުފުރާގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ޓީމެކެވެ. މިދިޔަ އަހަރު 19 އަހަރުން ދަށަށް ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާ ހޯދީ ބަންގްލަދޭޝް ބަލިކޮށްގަ އެވެ. ހަތަރު ފަހަރު ފައިނަލްގައި ވާދަކޮށް ބަންގްލަދޭޝް ވަނީ 2024 ގައި 20 އަހަރުން ދަށަށް ބޭއްވި މުބާރާތުގެ ފައިނަލްގައި ނޭޕާލް ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.
މިދިޔަ އަހަރު ރާއްޖެ ވަނީ 19 އަހަރުން ދަށަށް ބޭއްވި މުބާރާތުގެ ގުރޫޕްގެ ދެ މެޗު ވެސް އެއްވަރު ކޮށް، ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ނަމަވެސް ސެމީގައި ބަލިވީ އިންޑިއާ އަތުންނެވެ.
މީގެ އިތުރުން ނޭޕާލް ވަނީ މުބާރާތް ބޭއްވި ފުރަތަމަ ދެ އަހަރު، 2015 އަދި 2017 ގައި ޗެމްޕިއަންކަން ހޯދައިފަ އެވެ. ރާއްޖެ އެންމެ ރަނގަޅު ކާމިޔާބީ ހޯދާފައި ވަނީ 2019 ވަނަ އަހަރު ނޭޕާލްގަ އެވެ. އެ އަހަރު ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމު ވަނީ ތިންވަނަ ހޮވި މެޗުގައި ބޫޓާން ބަލިކޮށް ބްރޯންޒް މެޑަލް ހޯދައިފަ އެވެ.