ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް މިއަދުން ފެށިގެން ލިބޭނެ ގޮތް ހަމަޖައްސާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ އިރުކޮޅެއް ކުރިން އިއުލާން ކުރައްވައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވި ގޮތުގައި ގައުމީ އެސޯސިއޭޝަންތަކުގެ ތެރެއިން 18 ކުޅިވަރަކުން ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހެލްތު އިންޝުއަރެންސް ލިބުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފަ އެވެ. އެއީ 385 ކުޅުންތެރިންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބާއްވާ މުބާރާތްތަކުގައި ވާދަކުރަމުންދާއިރު، ކުޅުންތެރިންނަށް ކުރިމަތިވާ އަނިޔާތަކަށް ފަރުވާ ހޯދުމުގައި ވެސް ފަސޭހަ ގޮތްތަކެއް ހަމަޖެހޭނެ ކަމަށެވެ.
"ކުޅުންތެރީންނަށް ހާއްސަ މި ހެލްތު އިންޝުއަރެންސްގެ ތެރެއިން ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަގްވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައި ވެސް ބޮޑެތި ލުއިތަކެއް ހޯދައިދީ، ދިވެހި އެތުލީޓުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ވެސް އެއްހަމަކޮށް 7،000ރ. އަށް ބޮޑު ކުރުމަށް މިދިޔަ އަހަރު ރައީސް މުއިއްޒު ނިންމެވި އެވެ. މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އެ މުސާރަ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ދޭން ފަށައިފަ އެވެ.