ފުރަތަމަ ފަހަރަށް ފިރިހެން ގައުމީ ނެޓްބޯޅަ ޓީމެއް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކޮށް، ބްރޯންޒް މެޑަލް ހޯދައި، ތާރީހީ ކާމިޔާބީއެއް ހޯދައިފި އެވެ.

ރާއްޖެ ވަނީ ހޮންކޮންގްގައި ބޭއްވި ފުރަތަމަ އޭޝިއާ ކަޕްގެ ތިންވަނަ ހޮވި މެޗުގައި މިދިޔަ އާދިއްތަ ދުވަހު ޖަޕާނާ ވާދަކޮށް 28-21 އިން މޮޅުވެފަ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހޮންކޮންގް އެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މެލޭޝިއާ ބަލި ކޮށްފަ އެވެ.

ހަތަރު ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެ ވަނީ ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާއާ ވާދަކޮށް 11-62 އިން ބަލި ވެފަ އެވެ. އަދި ދެވަނަ މެޗުގައި ޗެމްޕިއަން ހޮންގް ކޮންގްއާ ވާދަ ކޮށް ބަލިވީ 16-74 އިންނެވެ. ނަމަވެސް ލީގު ބުރުގެ ފަހު މެޗުގައި ވަނީ ޖަޕާނާ ވާދަކޮށް 24-18 އިން މޮޅުވެފަ އެވެ.

ރާއްޖޭން ފުރަތަމަ ތައްޔާރު ވަމުން އައީ ނެޓްބޯލް އޭޝިއާ އިން ފުރަތަމަ ފަހަރަށް ބާއްވަން ރޭވި ފިރިހެނުންގެ އޭޝިއަން ޗެމްޕިއަންޝިޕަށެވެ. ނަމަވެސް މި މަހު 5-12 އަށް އިންޑިއާގެ ނިއު ދިިއްލީގައި ބާއްވަން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިއުލާން ކުރި މުބާރާތް ފަހު ވަގުތު ބޭއްވޭ ގޮތް ނުވުމުން، އޭޝިއާ ކަޕް ބޭއްވީ ހޮންކޮންގް އިސްނަގައިގެންނެވެ.