ފަހަތުން އަރައި 2-1 އިން ކްލަބް އީގަލްސް ބަލިކޮށް، ނިއު ރޭޑިއަންޓް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގެ 13 ވަނަ މިނިޓުގައި ނިއު އިން ވަނީ، ގުއިލާމޭ ޑި ސިލްވާގެ ހަމަލާއެއް ބްލޮކް ކުރަން އުޅުނު އީގަލްސްގެ މާވިން ލެބީ އަތުން ބައިކޮޅަށް ވަން ގޯލަކުން ލީޑު ނަގައިފަ އެވެ. ނަމަވެސް މި ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ހިސާމް ސަލީމް (ކޮކީ) ވަނީ އިބްރާޙިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ނަގައިދިން ކޯނަރަކުން ބޮލުން ބޯޅަ ގޯލަށް ފޮނުވާލައި އީގަލްސް އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
ނިއު އިން ދެވަނަ ހާފުގައި އަލުން ލީޑު ހޯދީ، އަލީ އަޝްފާގް (ދަގަނޑޭ) ދިން ބޯޅަ ކޮންޓްރޯލް ކޮށްލާފައި ޑި ސިލްވާ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން 57 ވަނަ މިނިޓުގަ އެވެ.
ނިއު ހިމެނެނީ އީގަލްސް އާއި އޮޑި ސްޕޯޓްސް އާއެކު ޕްރެޒިޑެންޓްސް ކަޕްގެ ގުރޫޕް 2ގަ އެވެ. ނިއު ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސްއާ 1-1 އިން އެއްވަރު ކޮށްފަ އެވެ. މިއަދު ހޯދި މޮޅާ އެކު، ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން އެ ޓީމު ވަނީ ސެމީގެ ޖާގަ ޔަގީން ކޮށްފަ އެވެ.
ނިއު އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕް ކުޅެފައި ވަނީ 2017 ވަނަ އަހަރެވެ. އެއީ 2018 ގެ ފަހުން ނިއު ސަސްޕެންޑް ކުރުމުގެ ކުރިން އެންމެ ފަހުން މުބާރާތް ބޭއްވި އަހަރެވެ. އެ އަހަރުގެ ޗެމްޕއަނުންނަކީ ވެސް ނިއު އެވެ.
މި ގުރޫޕްގެ ފަހު މެޗުގައި ހޯމަ ދުވަހު ހަވީރު އޮޑި އާއި އީގަލްސް ބައްދަލު ކުރާނެ އެވެ.
މުބާތާތުގައި މިރޭ 9 ޖަހާއިރު ބައްދަލު ކުރާނީ ގުރޫޕް 1ގެ ބުރު ސްޕޯޓްސް އާއި ވިކްޓަރީ އެވެ.