ސައުދީ އަރަބިއްޔާގެ އައް ނަސްރުގެ އަންހެން ޓީމަށް ކުޅެމުން އަންނަ ބްރެޒިލް ގައުމީ ޓީމުގެ ޑިފެންޑަރު ކެތެލެން ސޫޒާ، އިސްލާމް ވެއްޖެ އެވެ.

އުމުރުން 29 އަހަރުގެ ޑިފެންޑަރު އިސްލާމް ވުމަށް ފަހު، މައްކާގައި ގެފުޅު ކައިރީގައި ނަގާފައިވާ ފޮޓޯތަކެއް ވަނީ އޭނާގެ ސޯޝަލްމީޑިއާގައި ހިއްސާ ކޮށްފަ އެވެ.

"ރަނގަޅު މަގަށް ކުދިކުދި ފިޔަވަޅުތަކަކާ އެކު، މި ހޯދަނީ ހެޔޮ ބަދަލެއް. ދިރިއުޅުމުގެ ނިއުމަތްތަކަށް ޝުކުރުވެރިވަން،" މިދިޔަ ހޯމަ ދުވަހު ކެތެލެން އޭނާގެ ސޯޝަލް މީޑީއާގައި ހިއްސާކުރި ފޮޓޯތަކާ އެކު ލިޔެފައިވެ އެވެ.

އައް ނަސްރުގެ ސޯޝަލްމީޑިއާގައި ވެސް ވަނީ ކެތެލެން އިސްލާމް ވިކަން އިއުލާން ކޮށްފަ އެވެ. އަދި އެކަމުގެ އުފަލުގައި ކްލަބްގެ ފެސިލިޓީގައި ޓީމާ އެކު ވަނީ ކުޑަ ހަފުލާއެއް ވެސް ބާއްވައިފަ އެވެ. އެކަމަކު، އޭނާގެ މުސްލިމް ނަން ކްލަބުން ވެސް އަދި އޭނާ ވެސް މިހާތަނަށް ހާމަ ކޮށްފައެއް ނުވެ އެވެ.

ފުޓްބޯޅައަށް ވުރެ ބޮޑަށް ބްރެޒިލްގައި ފުޓްސަލް ކުޅުމަށް ފަހު، ކެތެލެން ވަނީ 2014 ގައި އެމެރިކާގެ އެތުލެޓިކް ސްކޮލަޝިޕެއްގެ ދަށުން ހަތަރު އަހަރު އެ ގައުމުގައި ކޮލެޖް ފުޓްބޯޅަ ކުޅެފަ އެވެ އެ އަށް ފަހު 2018 ގައި ސީނިއާ ކެރިއަރު ފެށީ ފްރާންސްގެ ބޯޑޯގަ އެވެ.

އެ އަހަރު ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުން ލިބުނު ފުރުސަތާ އެކު، އޭނާ އަކީ އަދިވެސް ގަވާއިދުން ގައުމީ ޓީމުން ފުރުސަތު ހޯދަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ ބްރެޒިލް އާއެކު ދެ ވޯލްޑް ކަޕް ކުޅެ، އެއް ފަހަރު ކޮޕާ އެމެރިކާ މުބާރާތް  ކާމިޔާބު ކޮށްފަ އެވެ.

ބޯޑޯ އަށް ކުޅުމަށް ފަހު ކެތެލެން ވަނީ 2020 ގައި އިޓަލީގެ އިންޓަ މިލާނަށް ބަދަލު ވެފަ އެވެ. އަދި 2022 ގައި ރެއާލް މެޑްރިޑަށް ބަދަލުވެ، އައް ނަސްރަށް އޭނާ ބަދަލުވީ 2024ގަ އެވެ.