ސިންގަޕޫރުގައި ކޭމްޕް ކުރަމުން އަންނަ ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ދެވަނަ މެޗުގައި ސިންގަޕޫރުގެ 19 އަހަރުން ދަށުގެ ޓީމު އަތުން 6-2 އިން ބަލި ވެއްޖެ އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސިންގަޕޫރު ވަނީ 2-1 އިން ލީޑު ކޮށްފަ އެވެ. މި ހާފުގައި ސިންގަޕޫރުން ދެ ގޯލލު ޖަހާފައި ވަނިކޮށް ރާއްޖޭން މެޗުގައި ޖެހި ފުރަތަމަ ލަނޑު ކާމިޔާބު ކުރީ 41 ވަނަ މިނިޓުގަ އެވެ. ދެވަނަ ހާފުގައި ސިންގަޕޫރުން ހަތަރު ލަނޑު ޖެހި އިރު، ރާއްޖޭގެ ދެވަނަ ލަނޑު ޖަހާފައި ވަނީ މެޗުގެ އިތުރު ވަގުތުގަ އެވެ.
ފިތުރު އީދަށް ފަހު މާލޭގައި ފަށާ ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން، ހެޑް ކޯޗު ހަންގޭރީގެ އިސްތަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ސިންގަޕޫރުގައި އެ ގައުމުގެ 19 އަހަރުން ދަށުގެ ޓީމާ އެކު ރަހުމަތްތެރިކަމުގެ ދެ މެޗު ކުޅެފައި ވާއިރު، ރާއްޖެ ވަނީ ފުރަތަމަ މެޗުގައި 4-3 އިން ސިންގަޕޫރުގެ މައްޗަށް ކުރި ހޯދައިފަ އެވެ.
ސިންގަޕޫރުގެ 19 އަހަރުން ދަށުގެ ޓީމު ތައްޔާރުވަމުން އަންނަނީ، ޖޫން 1-14 އަށް އިންޑޮނޭޝިއާގައި ބާއްވާ އާސިއާން ގައުމުތަކުގެ 19 އަހަރުން ދަށުގެ މުބާރާތަށެވެ.
ރާއްޖޭގެ ޓީމު ހަފްތާއެއްގެ ތަމްރީނުތަކަށް ފަހު މާދަމާ އެނބުރި މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަހު 23 އިން އަންނަ މަހުގެ ތިނަކަށް ގަލޮޅު ދަނޑުގައި ބާއްވަން ހަމަޖެހިފައިވާ ސާފް 20 އަހަރުންދަށުގެ ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޓީމު ތައްޔާރުވާން ފެށީ އެ އުމުރުފުރާގެ ކުޅުންތެރިންނަށް ހުޅުވާލި ޓްރެއަލް އަކުންނެވެ. ޖެނުއަރީ މަހު ކުރިއަށް ގެންދިޔަ އެ ޓްރެއަލް އަށް 150 ވުރެ ގިނަ ކުޅުންތެރިން ހާޒިރުވި އެވެ.
ސާފްގެ މެންބަރު ހަތް ގައުމުން ވެސް ވާދަކުރާ މުބާރާތުގެ ގުރޫޕް އޭ ގައި، ރާއްޖެއާ އެކު ލައްވާލީ ސްރީލަންކާ އާއި ބުޓާން އަދި ނޭޕާލެވެ. ގުރޫޕް ބީ ގައި، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.
ގުރޫޕް ސްޓޭޖުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި 23 ވަނަ ދުވަހުގެ ރޭ 8:30 ގައި ލަންކާއާ ދެކޮޅަށް ކުޅުމަށް ފަހު ދެވަނަ މެޗުގައި 25 ވަނަ ދުވަހުގެ ރޭ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނޭޕާލާ ދެކޮޅަށް ނުކުންނާނީ 27 ވަނަ ދުވަހުގެ މެންދުރު 3:45ގަ އެވެ.