އެންމެ ފަހުގެ ހަތަރު އަހަރުގެ ޗެމްޕިއަން ހުޅުމާލޭ ވެޓެރަންސް ކްލަބް ބަލިކޮށް ވިލިމާލޭ ޔުނައިޓެޑް، މި އަހަރުގެ ވެޓެރަންސް މުބާރާތް ކާމިޔާބު ކޮށްފި އެވެ.
އެފްއޭއެމް ވެޓެރަންސް ކަޕްގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން ވިލިމާލެ ޗެމްޕިއަންކަން ހޯދާފައި ވަނީ، އިއްޔެ ކުޅުނު ފައިނަލް މެޗުގައި ހުޅުމާލޭ ވެޓެރަންސްގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ.
ފައިނަލް މެޗުގައި ވިލިމާލޭން ޖެހި ހަމައެކަނި ލަނޑު، ފަރުހާދު އިސްމާއިލް (ފަރޭ) ނަގައިދިން ހުރަހަކުން ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ހުސެއިން ރަޝީދެވެ.
ދިހަ ޓީމު ވާދަކުރި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަސަން ސޮލާހު (ހައްޓޭ) އެވެ. އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ހުޅުމާލޭ ވެޓެރަންސްގެ ހުސެއިން ސިމާޒް (ކޮކީ) އެވެ. އޭނާ ވަނީ މުބާރާތުގައި އަށް ގޯލު ޖަހައިފަ އެވެ.
މިއަހަރުގެ މުބާރާތުގައި ވާދަކުރި ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އިރު، ގްރޫޕް އޭގައި ހިމެެނުނީ ވިލިމާލޭ ޔުނައިޓެޑާ އެކު ދަ ގްރާންޑޭ، މުއިވެޔޮ ފްރެންޑްސް ކްލަބް، ދިވެހި ސިފައިންގެ ކުލަބް އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. ގްރޫޕް ބީގައި ހިމެނުނީ، ހުޅުމާލެ ވެޓެރަންސް ކުލަބްގެ އިތުރުން ޔުނައިޓެޑް ވިކްޓްރީ، ހުއްރިއްޔާ ސްޕޯޓްސް ކުލަބް (ހުރާ)، ބުރު ސްޕޯޓްސް ކުލަބް އަދި ޕޮލިސް ކުލަބެވެ.
ވިލިމާލޭ ފައިނަލަށް ދިޔައީ 2-1 އިން ޕޮލިސް ކްލަބް ބަލި ކޮށްގެންނެވެ. ހުޅުމާލޭ ކްލަބް ވަނީ ސެމީ ފައިނަލްގައި 3-1 އިން ނިއު ރޭޑިއަންޓް ބަލި ކޮށްފަ އެވެ.
މިއީ ކުރީގެ ކުޅުންތެރިންނަށް އަމާޒު ކޮށްގެން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ ވެޓެރަންސް މުބާރާތް، 15 ވަރަކަށް އަހަރު ފަހުން ސީދާ އެފްއޭއެމުން އިންތިޒާމް ކޮށްގެން ބޭއްވި ފުރަތަމަ ފަހަރެވެ. ފާއިތުވި އަހަރުތަކުގައި އެފްއޭއެމާ ގުޅިގެން ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އަދި ކްލަބް އިވެންޓްސް އިން މި މުބާރާތް ކުރިއަށް ގެންގޮސްފައިވެ އެވެ.