މެޗު ފެށިގެން 15 ވަރަކަށް މިނިޓުތެރޭ ދެއްކި ރަތް ކާޑަކާ ގުޅިގެން އެކަކު މަދުކޮށް މެޗު ފުރިހަމަ ކުރަން ޖެހުނު ބޫޓާނާ ވާދަކޮށް ނޭޕާލް، ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު 2-1 އިން ކާމިޔާބު ކޮށްފި އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނޭޕާލް ލީޑު ނެގީ ފަސްވަނަ މިނިޓުގައި އޭރިއާ ތެރެއިން ލިބުނު އިންޑިރެކްޓް ހިލޭޖެހުމަކުންނެވެ. ގޯލުގެ ކަނާ ދިމާލުން ހަ ޔާޑު ބޮކްސް ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ޖެހުމުން ނޭޕާލަށް ލަނޑު ޖަހައިދިނީ ސުޖަން ޑަންގޯލް އެވެ.
ބޫޓާންގެ މިޑްފީލްޑަރު ތިންލޭ ޔެޒާ އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކީ 14 ވަނަ މިނިޓުގަ އެވެ. އޭނާ އަށް ފުރަތަމަ ކާޑު ދައްކާފައި ވަނީ ނޭޕާލް ފަސްވަނަ މިނިޓުގައި އޭރިއާ ތެރެއިން ލިބުނު އިންޑިރެކްޓް ކިކް ޖަހަން އުޅުނު ވަގުތު ރެފްރީއަށް ނުކިޔަމަންތެރި ވުމުގެ ސަބަބުންނެވެ.
ބޫޓާން ދެވަނަ ލަނޑު ޖެހީ މެޗުގެ 52 ވަނަ މިނިޓުގަ އެވެ. ނޭޕާލްގެ ސީނިއާ ގައުމީ ޓީމަށް ވެސް ކުޅޭ ޝުބާޝް ބަމް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިފަ އެވެ.
ނޭޕާލާއި ބޫޓާނަށް ވެސް މި މެޗުގައި ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނެވެ. ނޭޕާލަށް އިތުރު ފުރުސަތެއްގެ ބޭނުން ނުކުރެވުނު އިރު، ބޫޓާން ވަނީ 83 ވަނަ މިނިޓުގައި ދެންޑޫޕް ގެލްޓްޝެން ޖެހި ގޯލުން އުންމީދެއް ހޯދައިފަ އެވެ. އޭގެ ފަހުން ވެސް ބޫޓާނަށް އެއްވަރު ކުރަން ފުރުސަތު ލިބި ވަނީ ނާކާމިޔާބު ވެފަ އެވެ.
ނޭޕާލާއި ބޫޓާން ވެސް ހިމެނެނީ ސްރީލަންކާ އާއި ރާއްޖެ އާއެކު ގުރޫޕް އޭގަ އެވެ. ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 8:30ގަ އެވެ. އޭގެ ކުރިން 8 ޖަހާއިރު ރަސްމީކޮށް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.