ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުގައި މިއަދު ބަންގްލަދޭޝްގެ ހެޑް ކޯޗު އަޔަލެންޑްގެ މާކް އެޑްވާޑް ކޮކްސް އަށް ރަތް ކާޑު ދައްކައި ބެންޗުން ފޮނުވާލި މެޗުގައި އެ ގައުމުން އިންޑިއާއާ 1-1 އިން އެއްވަރު ކޮށްފި އެވެ.
މި ނަތީޖާއާ އެކު އިންޑިއާ އާއި ބަންގްލަދޭޝް އަށް ވެސް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައި ވާއިރު ފައިދާ އެއް ގޯލުގެ ތަފާތުން ގުރޫޕް ބީގެ އެއްވަނަ ލިބުނީ އިންޑިއާ އަށެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގެ 17 ވަނަ މިނިޓުގައި އިންޑިއާ ވަނީ ލީޑު ނަގައިފަ އެވެ. އޮމަންގް ޑޯޑުމް ނަގައިދިން ކޯނަރެއް ބޮލުން ޖަހައި އިންޑިއާގެ ގޯލު ޖަހައިދިނީ ވިޝާލް ޔާދަވް އެވެ.
ވަރުދަދަ ފިޒިކަލް ގޭމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނުނު މި މެޗުގެ ފުރަރަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އަށް މިނިޓު ދެއްކި އެވެ. މި ވަގުތު ތެރޭ އިންޑިއާގެ ކުޅުންތެރިއަކު ބޮލުން އެރި ވަގުތު ބަންގްލަދޭޝް ކުޅުންތެރިއެއް ފައުލް ކުރި ކަމަށް ބުނެ އިންޑިއާގެ ކޯޗު މަހޭޝް ގޯލީ އެސިސްޓެންޓް ރެފްރީ ކައިރީ މައްސަލަ ޖެއްސުމުން އޭނާ އަށް، ރާއްޖޭގެ ރެފްރީ ރައީފް ރައޫފް ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ.
ހަމަ އެއާ ވިދިގެން ބަންގްލަދޭޝްގެ ހެޑް ކޯޗު، މާކް އޭނާގެ ޓެކްނިކަލް އޭރިއާ ދޫކޮށް އިދިކޮޅު ބެންޗާދިމާއަށް ދުއްވައިގަތުމުން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ބެންޗުން ފޮނުވާލައިފަ އެވެ.
ބަންގްލަދޭޝް އެއްވަރުކުރީ އިތުރު ވަގުތުގެ 10 ވަނަ މިނިޓުތެރޭގަ އެވެ. ކޯނަރަކުން ރޮނާން ސުލިވާން ނަގައިދިން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ މި ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެމްޑީ އަބްދުލް ރިޔާދު ފަހީމް އެވެ.
އިންޑިއާ ވަނީ 3-0 އިން އެ ޓީމުގެ ފުރަތަމަ މެޗުގައި ޕާކިސްތާން ބަލި ކޮށްފަ އެވެ. ބަންގްލަދޭޝް އިން ޕާކިސްތާން ބަލި ކުރީ 2-0 އިންނެވެ.
ގުރޫޕްގެ އެއްވަނަ އާއެކު އިންޑިއާ ސެމީ ފައިނަލްގައި ބައްދަލުކުރާނީ ގުރޫޕް އޭގެ ދެވަނަ ހޯދި ބޫޓާނާ އެވެ. އަދި ބަންގްލަދޭޝް ނުކުންނާނީ ގުރޫޕް އޭގެ އެއްވަނަ ހޯދި ނޭޕާލާ ދެކޮޅަށެވެ.
ސެމީ ފައިނަލްގެ ދެ މެޗު ކުޅޭނީ ބުދަ ދުވަހު އެވެ. ހަވީރު 3:45 ގައި ނޭޕާލާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗަށް ފަހު، އިންޑިއާ އާއި ބޫޓާން ބައްދަލުކުރާނީ އެ ރޭ 8:30 ގަ އެވެ.