ޕެނަލްޓީގައި 4-3 އިން އިންޑިއާ ބަލިކޮށް، ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފި އެވެ.
މިއީ 20 އަހަރުން ދަށުގެ އުމުރުފުރާގެ ފައިނަލެއްގެ ނަތީޖާ ނެރެން ޕެނަލްޓީއަށް ދާން ޖެހުނު ފުރަތަމަ ފަހަރެވެ.
ބަންގްލަދޭޝް އަކީ އެންމެ ފަހުން ބޭއްވި މި އުމުރުފުރާގެ ޗެމްޕިއަނެވެ. އެ ޓީމު 2024 ގައި ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ނޭޕާލް ބަލިކޮށެވެ. އަދި ފައިނަލަށް ދަތުރު ކޮށްފައި ވަނީ ސެމީގައި އިންޑިއާ ޕެނަލްޓީގައި ބަލިކޮށްގެންނެވެ. އެ މެޗު 1-1 އިން އެއްވަރުވި އިރު، އިންޑިއާގެ ދެ ޕެނަލްޓީ ނާކާމިޔާބުވެގެން ބަންގްލަދޭޝް ކާމިޔާބު ކުރީ 4-3 އިންނެވެ.
ރާއްޖޭގައި މުބާރާތް ބޭއްވި ނަމަވެސް، ބަންގްލަދޭޝްގެ ކޮންމެ މެޗަކަށް އެ ޓީމުގެ ސަޕޯޓަރުން ވަނީ ގަލޮޅު ދަނޑަށް ވަދެ ފުރާލައި އާދަޔާ ހިލާފް ސަޕޯޓެއް ދީފަ އެވެ.
ބަންގްލަދޭޝްގެ ސަޕޯޓަރުން ފުރާލާފައި އޮތް ގަލޮޅު ދަނޑުގައި ލަނޑެއް ނުޖެހި އެއްވަރުވި ފައިނަލް މެޗުގައި، ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
ޝޫޓައުޓްގައި ފުރަތަމަ ޕެނަލްޓީ ފޮނުވާލީ އިންޑިއާ އެވެ. އެ ޓީމުގެ ރިޝީ ސިންގް ފޮނުވާލި ބޯޅަ، ބަންގްލަދޭޝްގެ ކީޕަރު މުހައްމަދު އިސްމާއިލް މާހިން ވަނީ ދިފާއު ކޮށްފަ އެވެ. މާހިން ވަނީ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދައިފަ އެވެ.
އެއަށް ފަހު މުހައްމަދު އަރުބާޝް އާއި ސަމްސޮން އަދި ވިޝާލް ޔާދަވް ވެސް ވަނީ އިންޑިއާ އަށް ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ.
ބަންގްލަދޭޝްގެ މުރުޝިދު އަލީ އާއި ޗަންދަން ރޯއީ އަދި އަބްދުލް ފަހީމް ވެސް ވަނީ އެ ޓީމުގެ ފުރަތަމަ ތިން ޕެނަލްޓީ ވެސް ކީޕަރުގެ ވާތު ތިރީ ކަނަށް ވައްދާލައިފަ އެވެ.
އެއަށް ފަހު ހަތަރުވަނަ ޕެނަލްޓީ ޖަހަން ސެމިއުލް ރަކްސަމް ދިޔަ ވަގުތު އިންޑިއާގެ ގޯލްކީޕަރު އަދި ކެޕްޓަން ސޫރަޖް ސިންގްގެ ފަޔަށް ތަދެއް އަރައިގެން ވަނީ ފަރުވާ ދޭން ޖެހިފަ އެވެ.އޭނާއަށް ފަރުވާ ދިނުމަށް ފަހު ރަކްސަމް މީޕަރުގެ ކަނާތު މަތީ ކަނަށް ފޮނުވާލި ބޯޅައިގެ ހުރަހަކަށް ވީ ހުރަސް ދަނޑި އެވެ.
އެއަށް ފަހު އިންޑިއާގެ އޮމަންގް ޑޯޑަމް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލު މަތިން ބޭރަށެވެ.
ޑޯޑަމް އަކީ ރާއްޖޭގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން އާއެކު ތިން ގޯލު ޖަހައިގެން މުބާރާތުގެ ޖޮއިންޓް ޓޮޕް ސްކޯރާގެ މަގާމް ހޯދި ކުޅުންތެރިޔާ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ. ރާއްޖެ އަށް ވަނީ މުބާރާތުގެ ފެއާޕްލޭ އެވޯޑް ލިބިފަ އެވެ.
ބަންގްލަދޭޝް މޮޅުވީ ރޮނަން ސުލިވަން ފޮނުވާލި ޕެނަންކާ ޕެނަލްޓީއަކުންނެވެ.