ރާއްޖޭގައި މިހާތަނަށް ބޭއްވާ ބައިނަލްއަގުވާމީ ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ އެތުލީޓުން ބައިވެރިވި އިވެންޓްގެ ރެކޯޑް އޯޝަން މޭން މޯލްޑިވްސްއިން ގާއިމުކޮށްފި އެވެ.
ރާއްޖޭގެ އަމިއްލަ ކްލަބެއް ކަމަށްވާ "ސްވިމް މޯލްޑިވްސް" އިން އިންތިޒާމުކޮށްގެން ބާއްވާ މި އިވެންޓްގައި 40 ގައުމަކުން 532 ފެތުންތެރިން ވާދަކުރާ އޯޝަން މޭން މޯލްޑިވްސް އަށް އެ ޝަރަފު ލިބިފައިވާކަން ކަށަވަރު ކުރީ "ވިޒިޓް މޯލްޑިވްސް" އިން ބަލަހައްޓާ ތަފާސްހިސާބުތަކުންނެވެ.
ކ. މާފުށީގައި މިއަދު ހަވީރު ރަސްމީކޮށް ފެށި އިވެންޓްގައި ވަނީ އެ ރެކޯޑް، އޯޝަން މޭން މޯލްޑިވްސްއިން ގާއިމު ކުރުމުން ދޭ ހާއްސަ މެޑައްޔެއް އަރުވާފަ އެވެ.
ވިޒިޓް މޯލްޑިވްސްއިން ދިން އެ މެޑަލް، އޯޝަން މޭން މޯލްޑިވްސްއާ ހަވާލު ކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
އޯޝަން މޭން މޯލްޑިވްސް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ބޭއްވި ހަފުލާ އަށް ފަހު، "މިހާރު" އަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ރާފިއު ވިދާޅުވި ގޮތުގައި 40 ގައުމަކުން 500 އަށް ވުރެ ގިނަ ފެތުންތެރިން މި މުބާރާތުގައި ބައިވެރިވުމަކީ ކުޅިވަރުގެ ޗާޓުގައި ރާއްޖެ ކުރިއަރަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.
"މިއީ ހަމައެކަނި ކުޅިވަރުގެ ހަރަކާތެއް ނޫން. މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަން، ހާއްސަކޮށް އަޅުގަނޑުމެންގެ ސާފު މޫދާއި ރަށްތަކުގެ ހިތްގައިމުކަން މުޅި ދުނިޔެ އަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެއް،" ރާފިއު ވިދާޅުވި އެވެ.
އޭގެ އިތުރުން، އިވެންޓް ރަސްމީކޮށް ފައްޓަވައި ދެއްވުމުގެ ގޮތުން އެ ހަފުލާގައި ވާހަކަ ދައްކަވަމުން ރާފިއު ވިދާޅުވީ ކުޅިވަރު ކުރިއެރުވުމުގެ ބައެއްގެ ގޮތުގައި ސްޕޯޓްސް ޓޫރިޒަމް ޕްރޮމޯޓް ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އޯޝަން މޭން މޯލްޑިވްސްގެ އިވެންޓުން އެ މަގްސަދު ހާސިލުވާނެ ކަމަށް ރާފިއު ވިދާޅުވި އެވެ.
"އެހެންކަމުން އަޅުގަނޑުމެން ދެކެމުންދާ މި ހުވަފެނުގެ ބައިވެރިއަކަށްވެ ރާއްޖޭގެ ތާރީޚުގައި ބޭއްވޭ މިފަދަ މުހިންމުން ހަރަކާތެއްގެ ބައިވެރިއަކަށްވީތީ އޯޝަންމޭން މޯލްޑިވްސް އަށް ޝުކުރު އަދާކުރަން. މިއީ މުޅި ދުނިޔެ ބަލައިގަންނަ އޯޕަން ވޯޓާ (ކެޓަގަރީއެއްގެ) މިހާ ބޮޑު ސްވިމިން މުބާރާތެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރު،" އިނގިރޭސި ބަހުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.
އޯޝަން މޭން މޯލްޑިވްސްގައި ވާދަކުރާ 72.37 ޕަސަންޓަކީ ރާއްޖެ އިން ބޭރުގެ ފެތުންތެރިންނެވެ. އެއީ 385 ބައިވެރިންނެވެ. ބާކީ 147 ފެތުންތެރިންނަކީ ދިވެހިންނެވެ.
ރާއްޖެ ފިޔަވައި އެންމެ ގިނަ ފެތުންތެރިން ބައިވެރިވަނީ އިންޑިއާއިންނެވެ. އެއީ 54 ފެތުންތެރިންނެވެ. ޗައިނާއިން ވެސް 50 ފެތުންތެރިން ވާދަކުރެ އެވެ.
އެ އިވެންޓްގެ ވާދަވެރި ރޭސްތައް ފަށާނީ މާދަމާ ހެނދުނު އެވެ. އަދި ހޮނިހިރު ދުވަހުގެ ނިޔަލަށް ވާދަވެރި ރޭސްތައް ކުރިއަށްދާނެ އެވެ.
މި ހަރަކާތުގެގެ ސްޕޮންސަރުންނަކީ އެމްއައިބީ އާއި ސޮލިޑް ޕްރޯ ސޮލިއުޝަންސް އެވެ.
ހައިޑްރޭޝަން ޕާޓްނަރަކީ ބޮންއަކުއާ އެވެ. ރިސްކް ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސެވެ. އޮފިޝަލް ހޮޓެލް ޕާޓްނަރުންނަކީ އެރީނާ ހޮޓެލް އަދި ކާނި ހޮޓެލް އެވެ. ޓްރާންސްޕޯޓް ޕާޓްނަރަކީ އައިކޮމް ޓުއާސް މާފުށި އެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. މީޑިއާ ޕާޓްނަރަކީ މިހާރު އެވެ.