ނެޓްބޯޅަ އެސޯސިއޭޝަނުން މުޅިން އަލަށް ބޭއްވި ރާއްޖޭގެ ގައުމީ ނެޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ކްލަބް މެޓްރިކްސް ހޯދައިފި އެވެ.
މެޓްރިކްސް ޗެމްޕިއަންކަން ހޯދާފައި ވަނީ، ހަ ޓީމު ވާދަ ކުރި ލީގުގައި ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށް 15 ޕޮއިންޓާ އެކު އެވެ.
ލީގުގެ ފަހު މެޗުގައި މެޓްރިކްސް ވަނީ ހޮނިހިރު ދުވަހުގެ ރޭ 99-14 އިން ސްޕޯޓްސް ކްލަބް ޝައިނިން ސްޓާ ބަލި ކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މެޓްރިކްސްގެ ޖީޑީ، އާމިނަތު ފިރުޝާ އެވެ.
މެޓްރިކްސް އަކީ މިދިޔަ އަހަރުގެ ނެޓްބޯޅަ ގައުމީ މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނެވެ. އޭގެ ކުރީ އަހަރު ގައުމީ މުބާރާތާއި އެސޯސިއޭޝަން ކަޕް ވެސް އެ ޓީމު ކާމިޔާބު ކޮށްފައި ވަނީ ކްލަބް ގްރީން ސްޓްރީޓްސް ފަހަތަށް ޖައްސާލައިފަ އެވެ.
މި އަހަރު މުޅިން އަލަށް ބޭއްވި ލީގުގެ ދެވަނައަށް ދިޔައީ ވެސް ގްރީން އެވެ. ހަމައެކަނި މެޓްރިކްސް އަތުން ބަލިވި ގްރީން ވަނީ 12 ޕޮއިންޓް ހޯދައިފަ އެވެ. ގްރީން ވަނީ ފަހު މެޗުގައި ހޮނިހިރު ދުވަހުގެ ހަވީރު 66-53 އިން ކުޅުދުއްފުށީ ޔޫތު ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) ބަލި ކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގްރީންގެ ޖީއޭ، ލަޔާން އަލީ ރަޝީދެވެ.
ކޭވައިއާރުސީ ލީގުގެ ތިންވަނަ ހޯދީ ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓާ އެކު އެވެ. އެމްވީ ނެޓާސް ދެ މެޗުން މޮޅުވި އިރު ޝައިނިން ސްޓާ ވަނީ އެއް މެޗު ކާމިޔާބު ކޮށްފަ އެވެ. މެޗެއް ކާމިޔާބު ނުކުރެވުނީ އެން ސްޕޯޓްސް އެކަޑަމީ އަށެވެ.
ފުރަތަމަ ގައުމީ ލީގުގައި ވާދަ ކުރުމުގެ ފުރުސަތު ދީފައި ވަނީ، މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ގަދަ ހަތަރު ޓީމާއި ދެވަނަ ޑިވިޝަންގެ ފައިނަލަށް ދަތުރު ކުރި ދެ ޓީމަށެވެ. ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަނުން އައި ދެ ޓީމަކީ ޗެމްޕިއަންކަން ހޯދި އެން ސްޕޯޓްސް އެކަޑަމީ އާއި ރަނަރަޕް އެމްވީ ނެޓާސް އެވެ.
ނެޓްބޯޅައިގައި ދެން ކުރިއަށް އޮތީ ގައުމީ މުބާރާތެވެ. ވަނީ ގައުމީ މުބާރާތެވެ. ލީގުގެ ގަދަ ހަތަރު ޓީމު ކަމަށްވާ މެޓްރިކްސް، ގްރީން، ކޭވައިއާރުސީ އަދި ނެޓާސް ކުޅޭނީ އެއްވަނަ ޑިވިޝަނެވެ. ޝައިނިން ސްޓާ އާއި އެން ސްޕޯޓްސް އެކަޑަމީ ވާދަ ކުރާނީ ދެވަނަ ޑިވިޝަނުގަ އެވެ.