ލަންޑަން (އޭޕްރީލް 13) - އާސެނަލް އާއި އިންގްލެންޑްގެ ކުރީގެ މިޑްފީލްޑަރު ޖެކް ވިލްޝެއާ، ކްލަބެއްގެ ކޯޗުކަމުގައި ފުރަތަމަ ތަށި ވެމްބްލީ ސްޓޭޑިއަމްގައި އުފުލާލައިފި އެވެ.
އުމުރުން 34 އަހަރުގެ ވިލްޝެއާ ކޯޗު ކޮށްދޭ، އީއެފްއެލް ލީގު ވަން، އިނގިރޭސި ތިންވަނަ ޑިވިޝަންގައި ކުޅޭ ލޫޓަން ޓައުން ވަނީ ރޭ ކުޅުނު އީއެފްއެލް ޓްރޮފީ ފައިނަލްގައި 3-1 އިން ސްޓޮކްޕޯޓް ކައުންޓީ ބަލި ކޮށްފަ އެވެ.
ލޫޓަން ވަނީ އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް 2023/2024 ގައި ޕްރިމިއާ ލީގު ކުޅެފަ އެވެ. އެ ސީޒަންގައި އެ ޓީމު އަލުން ޗެމްޕިއަންޝިޕަށް (ދެވަނަ ޑިވިޝަނަށް) ރެލިގޭޓްވި އެވެ. އެ ޑިވިޝަނުގައި ވެސް ހިފަހައްޓާނުލެވި ތިންވަނަ ޑިވިޝަނަށް ވެސް އެ ޓީމު ރެލިގޭޓްވި އެވެ.
މި ސީޒަންގައި ތިންވަނަ ޑިވިޝަނުގައި ލޫޓަން ޓައުން މިވަގުތު އޮތީ ތާވަލްގެ 10 ވަނައިގަ އެވެ. ލީގުގައި ބާކީ ތިން މެޗު އޮތް އިރު އެ ޓީމު އަދި ވެސް ތިބީ ގަދަ ހައެއްގައި ހިމެނިގެން ޕްލޭއޮފްގެ ޖާގައެއް ހޯދުމުގެ އުންމީދުގަ އެވެ.
ވިލްޝެއާ ކުޅުން ހުއްޓާލީ އުމުރުން 30 އަހަރުގައި 2022 ވަނަ އަހަރެވެ. ފާހަގަ ކޮށްލެވޭ ކަމަކީ އޭނާ ކުޅުންތެރިއެއްގެ ގޮތުގައި އާސެނަލް އާއެކު ހޯދި ހުރިހާ ކާމިޔާބީއެއް ވެސް ހޯދާފައި ވަނީ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. އޭނާ ވަނީ އާސެނަލް އާއެކު 2014 ވަނަ އަހަރު ކޮމިއުނިޓީ ޝީލްޑްގެ އިތުރުން 2014 އަދި 2015 ގެ އެފްއޭ ކަޕް ތަށި އުފުލާލައިފަ އެވެ.
ކުޅުން ހުއްޓާލިތާ ހަފްތާއެއް ނުވެ އޭނާ ވަނީ އާސެނަލްގެ 18 އަހަރުން ދަށުގެ ހެޑް ކޯޗުކަމާ ހަވާލުވެފަ އެވެ. އޭނާގެ ފުރަތަމަ ސީޒަންގައި އެ ޓީމު ވަނީ ޔޫތު އެފްއޭ ކަޕް ފައިނަލަށް ވެސް ދަތުރު ކޮށްފަ އެވެ.
އާސެނަލް ޒުވާން ޓީމު ދޫކޮށްލައި ވިލްޝެއާ ވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޗެމްޕިއަންޝިޕްގެ ނޮރިޗް ސިޓީގެ ކޯޗިން ޓީމާ ގުޅިފަ އެވެ. އޭރު ހުރި ކޯޗު ޔޮހާނެސް ހޮފް ތޮރަޕް، ސީޒަންގެ ފަހު ކޮޅު، މިދިޔަ އަހަރުގެ އޭޕްރީލް މަހު މަގާމުން ވަކި ކުރުމުން ނޮރިޗްގެ ފަހު ދެ މެޗަށް ވަގުތީ ގޮތުން ކޯޗުކަން ހަވާލު ކުރީ އޭނާއާ އެވެ.
މިދިޔަ ސީޒަން ނިމުމާ އެކު ނޮރިޗް ދޫކޮށްލި ވިލްޝެއާ އަލުން ކޯޗުކަމަށް އައީ، މިދިޔަ އޮކްޓޫބަރު މަހު އެވެ. އޭރު ލޫޓަންގެ ކޯޗުކަމުގައި ހުރި މެޓް ބްލޫމްފީލްޑް މަގާމުން ވަކި ކޮށް އެ ކްލަބުން އެ މަގާމް ވިލްޝެއާއާ ހަވާލު ކުރި އެވެ.